ޚަބަރު ފީތާ

ހުކުރު ދުވަހުގެ މާތްކަމާއި މަތިވެރިކަން !

ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަކީ މާތްކަމާއި މަތިވެރިކަމުން ޖަރީވެގެންވާ ދުވަހެކެވެ.

ހުކުރު ދުވަހަސް މާތްވެފަ މަތިވެރި ވުމުގެ ސަބަބުން އެދުވަހަށް ވަނީ ވަރަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ލިބިފައެވެ.
މާތް ﷲ ރުއްސުންލެއްވި އައުސް ބިން އައުސްގެ ފަރާތުން ރިވާވެގެންވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. ހަމަކަށަވަރުން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށީކަމެވެ.

ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ.
ހުކުރު ދުވަހުގެ މާތްކަމާއި ހުކުރު ނަމާދުގެ މާތްކަން ބަޔާންކޮށް އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ”.

ހުކުރު ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާއި، މީސްތަކުންނަށް ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ބަޔާނެކެވެ. މި ޚުޠުބާއިން ފައިދާ ލިބިގަންނަން އިސްލާމް ދީނުގައި ވަނީ އަންގަވާފައެވެ.

 

އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ “ހުކުރު ޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ.”މި ބަސްފުޅުން އެނގެނީ ޚުޠުބާ އަޑުއެހުމުގެ ސަވާބުން އޭނާ މަޙްރޫމުވެއްޖެކަމެވެ.

މިއަދު އަޅުގަނޑުމެންގެ މުޖްތަމައަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ހުކުރު ނަމާދު ވަގުތުގައި އެއްބަޔަކު މިސްކިތަށް ނުގޮސް ތިބޭމަންޒަރެވެ. ހުކުރު ހުތުބާ އަޑުއެހުމުގެ ބަދަލުގައި ހުތުބާ ނިމި ނަމާދަށް ގޮވާލާ ހިސާބުން މިސްކިތަށް ވަންނަ މީހުން މަދެއްނޫނެވެ.

ހުކުރު ދުވަހަކީ ހަފުތާގެ ތެރެއިން އެދުވަހަކަށްޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހަށް ވީހިދު މި ދުވަހުގެ މަތިވެރިކަން ލިބޮގަތުމަކީ އަޅުގަނޑުމެންގެ އިސްލާމް ދީން ނުހަނު ބާރު އަޅުއްވާފައިވާ ކަމެކެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެގެންވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ.  “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށްހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ.

މިއަދު އަޅުގަނޑުމެންގެ މުޖްތަމައުއަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ހުކުރުދުވަސް ޗުއްޓީ ދުވަހަކަށްވާތީ ހުކުރުވިލޭރޭ މަޖަލާއި ނާޗަރަންގީގައި ހޭދަކުރާ މަންޒަރެވެ. މި ކަމުގެ ސަބަބުން ހުކުރު ވިލޭރޭގެ ފަތިސް ނަމާދުގެ މާތްކަމުން އެމީހުން މަހުރުވެއެވެ.
އެންމެ މާތް ނަމާދުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ޖަމާޢާތުގައި ކުރާ ފަތިސް ނަމާދު ހިމެނެއެވެ. ރަސޫލާ ސައްﷲ އަލައިހިވަސައްލަމް ހަދީސް ކުރައްވާފައިވެއެވެ.

ހުކުރުވިލޭރޭ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ވުރެ މާތްކަން ބޮޑު ނަމާދެއް ނެތެވެ. ތިޔަބައިމީހުންގެ ތެރެއިން އެނަމާދުގައި ބައިވެރިވި ކޮންމެ މީހަކަށް ފާފަފުއްސަވާދެއްވުން ނޫން ކަމެއް އޮތްކަމަކަށްދެކެވަޑައެއްނުގަންނަވަމެވެ.
އެހެން ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ހުކުރުވިލޭރެ އާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ އެކަންކުރިމީހާ އަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ.”

މިއަދުގެ މުޖްތަމުގައި ހުކުރު ނަމާދަށް ލަހުން ދިއުމުގެ އާދަ އަށަގެންފައިވާއިރު ހުކުރުނަމާދަށް އަވަހަށް މިސްކިތަށްދިއުމަށް ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް ވަނީ ބާރު އަޅުއްވާފައެވެ. އެއީ މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތަށް ބޮޑަށް ކުއްތަންވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީއެވެ.

އެމީހެއްގެ ފާފަ ފޮހެވިގެން ދިއުމެވެ. އެއީ ހުކުރު ދުވަހުން ފަށައިގެންގޮސް އަނެއް ހުކުރުދުވަހާ ހަމައަށެވެ. އަދި ބައެއް ރިވާޔަތް ތަކުގައި އިތުރު ތިންދުވަސް ޒިކުރުވެގެންވެއެވެ.

މަލާއިކަތުން މީސްތަކުންނަށް ހުކުރުނަމާދުން ލިބިދޭ ޘަވާބުތައް މަލާއިކަތުން ފޮތްތަކުގައި ލިޔުވައެވެ. މިއީ ބޮޑުވެގެންވާ ޘަވާބެކެވެ. މިމާތްވެގެންވާ ޘަވާބު އެތަކެއް މީސްތަކުން މިއަދު ދޫކޮށްލައެވެ. އެއްގޮތަކީ އެބައިމީހުންގެ ކަންނެތް ކަމުންނެވެ. ނުވަތަ އެބައި މީހުން މިކަމުގެ މައްޗަށް ޖާހިލުވެފައިވާލެއް ބޮޑުކަމުންނެވެ. އަދި އެބައި މީހުންގެ ނަބިއްޔާ صلى الله عليه و سلم ގެ ސުންނަތާއި އެބައި މީހުން ދުރުވެފައިވާލެއް ބޮޑުކަމުންނެވެ

Rate this post