ސޫރަތުއް ޝަމްސި (1)

ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

(وَالشَّمْسِ وَضُحَاهَا ﴿١﴾ ) ﷲ ސުބްޙާނަހޫ ވަތަޢާލާ ހުވާވަޙީ ކުރައްވަނީ އިރާއި އޭގެ އަލިގަދަވެގަންނަ ޟުޙާގެ ވަގުތު ގަންދެއްވައެވެ. (ޟުޙާގެ ވަގުތަކީ އިރުއަރާތާ ގާތްގަނޑަކަށް ދިހަ ވަރަކަށް މިނިޓްފަހުން ފެށިގެން ގޮސް މެންދުރު ނަމާދުގެ ކުޑައިރުކޮޅެއް ކުރިޔާއި ހަމައަށް ދެމިގެންދާ ވަގުތެކެވެ.)

އެއީ އެތަކެތިން ދޭހަވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމެވެ. އަދި އެކަލާންގެ ޢިލްމާއި ރަޙްމަތުގެ ފުރިހަމަ ކަމެވެ. އިރުގައި ގިނަބަޔަކަށް ނޭނގޭ ގިނަގުނަ ފައިދާތަކެއްވެއެވެ. އިރު އެރުމުން ދުނިޔެއަށް ބޭނުންވާ އެތައްބައިވަރު ހަކަތައެއް ލިއްބައިދެއެވެ. އަދި ބިންގަނޑަށް ހޫނުކޮށްދީ، ގަސްގަހާގެހި ހެދިބޮޑުވުމަށް ފަސޭހަވެދެއެވެ. އަދި މިނޫންވެސް އެތައްބައިވަރު ފައިދާތަކެއް އޭގެ ސަބަބުން ދުނިޔެއަށް ކުރެއެވެ.

އިޝްތިހާރު Below Header ad

(وَالْقَمَرِ إِذَا تَلَاهَا ﴿٢﴾) އަދި ހަނދު އިރަށް ފަހުގައި ފާޅުވާ ވަގުތު ގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ. ހަނދުފާޅުވާނީ އިރުގެ އަލިކަން ފިލައިދިޔުމުންނެވެ. މާތް ﷲ މިތަނުގައި މިވަނީ ދުވާލުގެ ހެކި ކަމުގައިވާ އިރު ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައެވެ. އަދި ރޭގަނޑުގެ ހެކި ކަމުގައިވާ ހަނދު ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައެވެ.

(وَالنَّهَارِ إِذَا جَلَّاهَا ﴿٣﴾) ރޭގަނޑުގެ އަނދިރިކަން ކަޝްފުކޮށްލާ ދުވާލުގަންދެއްވާ ހުވާވަޙީ ކުރައްވައެވެ.

(وَاللَّيْلِ إِذَا يَغْشَاهَا ﴿٤﴾ ) ރޭގަނޑުގެ އަނދިރިކަމުން ބިންގަނޑު ފޮރުވާލާ ވަގުތުގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ.

(وَالسَّمَاءِ وَمَا بَنَاهَا ﴿٥﴾ ) މުފައްސިރުން ވިދާޅުވާ ގޮތުގައި މިތަނުގައި މިވާ (مَا) އަކީ މަޞްދަރިއްޔާ އެވެ. އެގޮތުން އާޔަތުގެ މާނައަކީ: “އުޑާއި އުޑުބިނާކުރެއްވުން ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ.” އެހެނީ އުޑު އުފުއްލަވާފައިވާ ވުމާއި، އޭގެ ވަރުގަދަކަމަކީ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދި އުޑުބިނާކުރައްވާފައިވާ ވުމުގައި އެއްވެސް ކަހަލަ ޢައިބުކަމެއް ނެތެވެ. ސޫރަތުލް މުލްކިގެ 3 އަދި 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾  )

މާނައަކީ: “އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرار ކޮށް نظر ހިންގައި ބަލާށެވެ! އެއްވެސްކަހަލަ خلل އެއް ތިބާޔަށް ފެނޭހެއްޔެވެ؟ ދެންވެސް تكرار ކޮށް ދެފަހަރަށް نظر ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ حال ގައި (ތިބާގެ) نظر އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ.”

އެހެންބައެއް މުފައްސިރުން ވިދާޅުވާގޮތުގައި މިތަނުގައި މިވާ (مَا) އަކީ މައުޞޫލާ އެވެ. އެހެންނަމަ އާޔަތުގެ މާނައަކީ “އުޑާއި އެއުޑު ހައްދަވާ އެއުޑު އުފެއްލެވި ފަރާތް ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ.”

(وَالْأَرْضِ وَمَا طَحَاهَا ﴿٦﴾) ބިމާއި އެބިން ފެތުރުއްވި އިލާހު ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ. މާތް ﷲ އެބިންގަނޑު ލައްވާފައިވަނީ އިންސާނުންނަށް ބޭނުން ހިފޭނެ ގޮތަށެވެ.

(وَنَفْسٍ وَمَا سَوَّاهَا ﴿٧﴾) އަދި نفس އާއި، އެ نفس ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. އެ ނަފްސު ފުރިހަމަ ކުރައްވާފައިވަނީ ޚިލްގީ ގޮތުންނާއި ފިޠްރީ ގޮތުންނެވެ. ޚިލްގީގޮތުން ފުރިހަމަ ކުރައްވާފައިވާ ގޮތަކީ ކޮންމެ ނަފްސަކަށްވެސް އެންމެފުރިހަމަ ޞިފަ އާއި ޠަބީޢަތު ދެއްވާފައިވުމެވެ. ފިރްޢައުނުގެ ގާތަށް މޫސާ އާއި ހާރޫނު ޢަލައިހިމައްސަލާމް ވަޑައިގެން ދީނަށް ގޮވާލެއްވުމުން ކަން ހިނގާދިޔަ ގޮތް ބަޔާން ކުރައްވާ ސޫރަތު ޠާހާގެ 49 އަދި 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(قَالَ فَمَن رَّبُّكُمَا يَا مُوسَىٰ ﴿٤٩﴾ قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ ﴿٥٠﴾  ) މާނައަކީ: “އޭނާ (ފިރްޢައުނު) ބުންޏެވެ. އޭ موسى ގެފާނެވެ! ތިޔަ ދެބޭކަލުންގެ ވެރިރަސްކަލާނގެއަކީ ފަހެ، ކާކުހެއްޔެވެ؟ އެކަލޭގެފާނު (މޫސާ ޢަލައިހިއްސަލާމް) ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعة ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ.”

ހަމައެފަދައިން އިންސާނާގެ ފިޠްރަތުވެސް ލައްވާފައިވަނީ އިޚްލާޞްތެރިކަމާއި ތައުޙީދުގެ މަތީގައެވެ. ސޫރަތުއް ރޫމްގެ 30 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّـهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّـهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٣٠﴾  ) މާނައަކީ: ” ފަހެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دين އާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ فطرة އެއްގެ މައްޗަށް އުފެއްދެވި اللَّه ގެ فطرة އެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.”

(فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا ﴿٨﴾) މާތް ﷲ ވަނީ މިނަފްސުތަކަށް ހެޔޮގޮތާއި ނުބައިގޮތް ބަޔާންކޮށް ދެއްވާފައެވެ.

(فَأَلْهَمَهَا ) އެނަފްސުތަކަށް އިލްހާމުކޮށްދެއްވިއެވެ،

(فُجُورَهَا  ) ނުބައިގޮތް،

(وَتَقْوَاهَا  ) ހެޔޮގޮތް،

(قَدْ أَفْلَحَ مَن زَكَّاهَا ﴿٩﴾) އެމީހެއްގެ ނަފްސު ނުބައިކަންތައްތަކުން ޠާހިރުކޮށްފި މީހާ ފަލާޙާއި ކާމިޔާބު ހޯދައިފިއެވެ.

(وَقَدْ خَابَ مَن دَسَّاهَا ﴿١٠﴾ ) އެމީހެއްގެ ނަފްސު އެދޭހާ ގޮތަކަށް ފާފަ ކުރުމަށް ދޫކޮށްލައިފި މީހާ އަށް ކާމިޔާބެއް ނެތެވެ.

މިއާޔަތްތައް ﷲ ފައްޓަވާފައިވަނީ އިރާއި އިރުގެ އަލިކަންފާޅުވާ ޟުޙާގެ ވަގުތު ގަންދެއްވައެވެ. އަދި އިރަށް ފަހު ހަނދުއޮއްސޭ ވަގުތު ގަންދެއްވައެވެ. އަދި ދުވާލުގެ އަލިކަމުން ރޭނގަޑުގެ އަނދިރިކަން ފާޅުކޮށްލާ ވަގުތު ގަންދެއްވައެވެ. އަދި ރޭގަނޑުގެ އަނދިރިކަމުން ބިންގަނޑު ފޮރުވާލާ ވަގުތު ގަންދެއްވައެވެ.

ހަމައެފަދައިން އުޑާއި އުޑުއުފެއްދެވިފައިވާލެއް ފުރިހަމަ ކަމާއި އަދި އެއުޑު އުފެއްދެވި ފަރާތް ގަންދެއްވައެވެ. އަދި ބިންގަނޑާއި އެބިންގަނޑު ފަތުރުއްވާ އިންސާނުން އުޅެން ކަމުދާފަދަ ތަނެއްގެ ގޮތުގައި ލެއްވި ފަރާތް ގަންދެއްވައެވެ. އަދި ނަފްސު އުފައްދަވާ އެނަފްސަށް ހެވާއި ނުބައި އަންގަވައިދެއްވި ފަރާތް ގަންދެއްވައެވެ. މިހުރިހާ ކަމެއްކަންދެއްވާ ހުވާ ވަޙީ ކުރައްވަނީ ހަމަކަށަވަރުން، ނުބައިކަންކަމުން ނަފްސު ޠާހިރުކޮށްފިމީހާ އަށް ފަލާޙާއި ކާމިޔާބު ލިބޭނެ ކަމަށާއި، ހަވާނަފްސު އެދޭހާ ގޮތަކަށް ނަފްސު ދޫކޮށްލައިފި މީހާކަށް ފަލާޙާއި ކާމިޔާބު ނުލިބޭނެކަމަށެވެ.

އެއަށްފަހު އަންނަނިވި އާޔަތްތަކުގައި ބަޔާން ކުރައްވަނީ ނުބައި ޢަމަލުކުރާ މީހުންގެ ނިމުން އަންނާނެ ގޮތެވެ. އެގޮތުން ޞާލިޙް ޢަލައިހިއްސަލާމްގެ ގައުމު ކަމުގައިވާ ޘަމޫދު ބާގައިގެ މީހުންނަށް ކަންތައް ވެގެންދިޔަ ގޮތް ބަޔާން ކުރައްވައެވެ. އެބައިމީހުން ޞާލިޙް ޢަލައިހިއްސަލާމްގެ ބަސްދޮގުކޮށް، އެކަލޭގެފާނުގެ ތެދުވެރިކަމުގެ ހެއްކެއްގެ ގޮތުގައި ގެންނެވި ޖަމަލު އެބައިމީހުން ކަތިލީއެވެ. އޭގެ ސަބަބުން މާތް ﷲ ގެ ކޯފާ އާއި ޢަޛާބު އެބައިމީހުންގެ މައްޗަށް ބާވާލެއްވިއެވެ.  ނުނިމޭ………..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.