
ބީއެމްއެލްއިން ދެ ހަފްތާ ތެރޭ ފަތުރުވެރިންނަށް އެއް މިލިއަން ޑޮލަރު ވިއްކައިފި
ރާއްޖޭން ބޭރަށް އެކިއެކި ބޭނުންތަކުގައި ދާ ދިވެހިންނަށް ޑޮލަރު ވިއްކަން ބީއެމްއެލް އިން އޮންލައިން ޕޯޓަލް ތައާރަފްކޮށް އެ މަސައްކަތް ފެށި ފަހުން މިދިޔަ ދެ ހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ޑޮލަރު ވިއްކުން ބީއެމްއެލް އިން ކުޑަދުވަސްކޮޅަކަށް މެދުކަނޑާލުމަށް ފަހު މި ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު އަލުން ޑޮލަރު ވިއްކަންވަނީ ފަށާފައެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި އަލުން މިމަހުން ފެށިގެން ޑޮލަރު ވިއްކަން ފެށިފަހުން މިހާތަނަށް ގާތް ގަނޑަކަށް 2،500 ދަތުރުވެރިންނަށް ޖުމްލަ އެއް މިލިއަން ޑޮލަރު ވިއްކާފައިވާނެކަމަށެވެ.
ބީއެމްއެލްގެ މި އާ ނިޒާމުގެ ދަށުން ބޭންކުގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ގަންނަން ފައިސާދެއްކެ އެވެ.
އަދި ފުރަން ގޮސް އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ހާއްސަކޮށްފައިވާ ކައުންޓަރުން ޑޮލަރު ލިބޭނެއެވެ.
އޮންލައިންކޮށް ބުކިންނުހެދޭ ފަރާތްތަކަށް އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ އެވެ.
މީގެ އިތުރުން އެއާޕޯޓަށް ފުރަންއަންނަ ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭންކުން ޚާއްޞަ އިސްކަމެއް ދެއެވެ.



