މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒިޔާދުގެ ދަޢުވަތަކަށް ސޫދާންގެ ފިޤްހް ކައުންސިލްގެ ޗެއަރމަން ޕްރޮފެސަރ އިސާމް އަޙްމަދު އަލް-ބަޝީރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި ދިވެހިރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ އަރިހުގައި އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އާދަމް އިބްރާހީމް އަލް-ޝެއިން ދަވެލްބިތާއި އެ ކައުންސިލްގެ މެންބަރު އަލްފާޟިލް އިބްރާހީމް މުޙައްމަދު ބައިވެރިވެވަޑައިގަންނަވައެވެ.
މި ވަފްދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވި އިރު، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެބޭފުޅުންގެ އިސްތިޤްބާލުގައި ތިއްބެވިއެވެ. ދިވެހިރާއްޖޭގެ ފަރާތުން މިވަފްދަށް މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖޭގައި އަލަށް އުފެދިގެން ދިޔަ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް ހަރުދަނާ ކުރުމަށް ސޫދާންގެ އިސްލާމިކް ފިޤްހް ކައުންސިލްގެ ތަޖުރިބާއާއި މަޝްވަރާ ޙިއްސާ ކުރައްވައި، ދިވެހިރާއްޖޭގެ ފަތުވާ މަޖިލިސް ހަރުދަނާ ކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ޒަމާނީ ފިޤްހީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޤްސަދު ޙާޞިލް ކުރުމަށް ކަމާ ގުޅޭ ދާއިރާތަކާއި ވަފްދުގެ ބޭފުޅުން ބައްދަލުކުރުން ތާވަލް ކުރެވިފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުގެ މެންބަރުންނާ ބައްދަލުކުރެއްވުމާއި، ރާއްޖޭގައި ޙަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރެއްވުމާއި، މާލޭގެ ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އަލްމަދަރުސަތުލް ޢަރައްބިއްޔަތުލް އިސްލާމިއްޔާއަށާއި ޤައުމީ ޔުނިވަރސިޓީއަށާއި އިސްލާމިކް ޔުނިވަރސިޓީއަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން ޤުރުއާނާއި ބެހޭ މަރުކަޒަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވލެއްވުމަށްފަހު މިވަފްދުގެ ބޭފުޅުން ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.