އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްގެ އާ ލޯގޯ ރަސްމީކޮށް ދައްކާލައިފިއެވެ.
ޔުވެންޓަސްގެ އާ ލޯގޯ ދައްކާލާފައިވަނީ އެކަމަށްޓަކައި ޔުވެންޓަސްއިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނެލީ އާއި އެ ކްލަބުގެ ކުޅުންތެރިން ބައިވެރިވި މި ރަސްމިއްޔާތުގައި ތައާރަފްކުރި ޔުވެންޓަސްގެ އާ ލޯގޯއިން މިހާރު ފެންނަނީ ކަޅު ކުލައިގެ ބެކްރައުންޑެއްގައި ހަމައެކަނި ”ޖޭ“ އަކުރު ލިޔެފައިވާ ތަނެވެ.
މިއީ އެޓީމުގެ ލޯގޯއަށް މިފަދަ ތަފާތު ބަދަލެއް ގެނައި 10 ވަނަ ފަހަރެވެ. މި ލޯގޯ އަންނަ ސީޒަނުން ފެށިގެން ޔުވެންޓަސްގެ ޖޯޒީތަކުގައި ބޭނުންކުރަން ފަށާނެއެވެ.
އިޓަލީގެ އެންމެ ބާރުގަދަ އަދި އެންމެ ކާމިޔާބު ކުލަބަށް ޔުވެންޓަސް ވެފައިވާއިރު އެޓީމު ވަނީ ޖެހިޖެހިގެން 5 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައެވެ.
ޔޫރަޕްގަވެސް ވަރުގަދަ ކުލަބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޔޫވެންޓަސް އަކީ ދުނިޔޭގެ މަސްހޫރު މޮޅެތި ގިނަ ކުޅުންތެރިން ތަކެއް ކުޅެމުން އަންނަ ކުލަބެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ޔުވެންޓަސްގެ އިތުރުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ވެސް ވަނީ އެ ކްލަބުގެ ލޯގޯ ބަދަލުކޮށްފައެވެ. އެ ކުލަބުންވެސް މި ލޯގޯ ޖާޒީގައި ބޭނުންކުރަން ފަށާނީ އަންނަ ސީޒަނުން ފެށިގެންނެވެ.