ނަބަވީ ޢާއިލާ

އައްޝައިޚް ޒަމްޒަމް ފާރިސް

الحمد لله الذي بعث رسوله ليتمم مكارم الأخلاق. وصلوات الله وسلامه على من دل أمته إلى محاسن الأعمال.

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނާއެކު ދުވާލުގެ ވަގުތު ހޭދަކުރެއްވުން

އިޝްތިހާރު Below Header ad

ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ އެކީގައި މުނިއަވަސްފިލުއްވާ ކަމުގައިވެއެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ކޮންމެ ދުވަހެއްގެ ހެނދުނުގެ ކުރީކޮޅުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުނަށް ޒިޔާރަތް ކުރައްވައެވެ. އެކަން ބަޔާންކުރައްވައި އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ:

“وكان رسول الله صلى الله عليه وسلم إذا صلى الصبح جلس في مصلاه ، وجلس الناس حوله حتى تطلع الشمس ثم يدخل على نسائه امرأة امرأة يسلم عليهن ويدعو لهن. فإذا كان يوم إحداهن كان عندها”. (الطبراني في المعجم الأوسط: 8764. وسكت عنه الحافظ)

“ރަސޫލުﷲ صلى الله عليه وسلم ފަތިސްނަމާދު ކުރައްވާ ނިމިވަޑައިގަތުމުން އެކަލޭގެފާނު ނަމާދުކުރެއްވި ތަނުގައި އިށީނދެވަޑައިގެން އިންނަވާކަމުގައިވެއެވެ. އަދި މީސްތަކުން (ވެސް) އެކަލާގެފާނުގެ އަރިހުގައި އިރުއަރަންދެން ތިއްބަވައެވެ. ދެން އެއަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ސަލާމްގޮވާލައްވާޙާލު އެގޭގެއަށް ވަކިވަކިން ވަދެވަޑައިގަންނަވައެވެ. އަދި އެކަނބަލުންނަށް (ހެޔޮ) ދުޢާކޮށްދެއްވަވައެވެ. އަދި އެދުވަހަކު އެކަނބަލެއްގެ ގޭގައި މަޑުކުރަން ކަނޑައެޅިފައިވާ އަނބިކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު މަޑުކުރައްވައެވެ”.

އަދި ހަމަ އެފަދައިން ދުވާލުގެ ފަހުކޮޅުގައިވެސް އެކަލޭގެފާނު އެމަގުން ކަންތައްކުރައްވާ ކަމުގައިވެއެވެ. ޢާއިޝާ رضي الله عنه ރިވާކުރައްވާފައިވާފައިވެއެވެ.

“وَكَانَ إِذَا انْصَرَفَ مِنَ الْعَصْرِ دَخَلَ عَلَى نِسَائِهِ …” (البخاري: 5216، ومسلم: 1474…)

“ރަސޫލުﷲ صلى الله عليه وسلم ޢަޞްރުނަމާދު ކުރެއްވުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އަރިހަށް ވަޑައިގަންނަވާކަމުގައިވެއެވެ. އަދި އެއިން އެއް އަނބިކަނބަލަކާ ކައިރިވެވަޑައިގަންނަވާ ކަމުގައި ވެއެވެ”.

މިތަނުގައި “ކައިރިވެވަޑައިގަންނަވާ ކަމުގައިވެ” އޭ ބުނެވޭ ބަހުގެ މާނައަކީ ބޮސްދެއްވުމެވެ. އަދި ޖިމާޢު ނުވެ ލޯބިކުރެއްވުމެވެ”. (عمدة القاري: 30/92)

އަލްއިމާމް އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ: “ހެނދުނުގެ ކުރީކޮޅުގައި އެވަނީ ހަމައެކަނި ސަލާމްގޮވާލެއްވުމާއި ހެޔޮދުޢާކޮށްދިނުމެވެ. އަދި (ޢަޞުރުނަމާދު ނިމި) ހެނދުނުގެ ފަހުކޮޅުގައި އެވަނީ މަޖިލިސްކުރެއްވުމާއި މުނިއަވަސްފިލުއްވައި ދެއްވުމާއި ވާހަކަފުޅުދެއްކުމެވެ”. (ފަތްޙުލްބާރީ: 9/379)

ޢާއިޝާ رضي الله عنه ރިވާކުރެއްވިއެވެ:

“… وَكَانَ قَلَّ يَوْمٌ إِلَّا وَهُوَ يَطُوفُ عَلَيْنَا جَمِيعًا فَيَدْنُو مِنْ كُلِّ امْرَأَةٍ مِنْ غَيْرِ مَسِيسٍ حَتَّى يَبْلُغَ إِلَى الَّتِي هُوَ يَوْمُهَا فَيَبِيتَ عِنْدَهَا …” (أبو داود: 2135)

“އަދި އެކަލޭގެފާނު صلى الله عليه وسلم ތިމަންމެން (އެންމެންނަށް ޒިޔާރަތް ކުރެއްވުމަށްޓަކައި) ވަށައިގެން ބުރުނުޖައްސަވާ ދުވަހެއް މަދެވެ. ފަހެ އެކަލާގެފާނު ހުރިހާ އަންބިކަނބަލުންނާވެސް “ކައިރިވެވަޑައިގަންނަވަ” ތެވެ. ޖިމާޢުވެވަޑައިގަތުމަކާ ނުލައެވެ. އަދި އެދުވަހަކު އެކަނބަލެއްގެ ގޭގައި މަޑުކުރަން ކަނޑައެޅިފައިވާ އަނބިކަނބަލެއްގެ ގެއަށް ވަޑައިގެންނެވުމަށް ފަހު އެކަނބަލެއްގެ އަރިހުގައި އެރޭ ވޭތުކުރައްވަތެވެ”.

“ރަސޫލާ صلى الله عليه وسلم އެފަދައިން ކަންކުރައްވަނީ އެދުވަހަކު އެކަނބަލެއްގެ ގޭގައި މަޑުކުރަން ކަނޑައެޅިފައިވާ އަނބިކަނބަލެއްގެ ގެއަށް ވަޑައިގެންނެވުމުގެ ކުރިން އެހެން އަނބިކަނބަލުންގެ މުނިއަވަސްފިލުއްވައި ދެއްވުމައްޓަކައެވެ. އަދި އެކަނބަލުންގެ ހިތްތައް ހެޔޮކުރައްވައި އެގޮތުގައި (އެރޭ މަޑުކުރަންޖެހޭ އަނބިކަނބަލުންގެ ގާތަށް ދިއުމައްޓަކައި) އެކަނބަލުންނާ (އެރެއަށް) ވަކިވުމަށްޓަކައެވެ”. (المفهم للقرطبي: 13/90)

(ނޯޓް: މިއީ އައްޝައިޙް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ލިޔުއްވާފައިވާ ފޮތް “كيف عاملهم صلى الله عليه وسلم” މިފޮތް އަޞްހަލަކަށް ބަލައިގެން ލިޔަން ފަށާފައިވާ ޚުލާޞާ ތަރުޖަމާއެވެ. ދުޢާއަކީ ﷲ ތަޢާލާ މިއަމަލުގައި ބަރަކާތްލައްވައި މީގެން ދިވެހި މުސްލިމް އުއްމަތައް ފައިދާއާއި މަންފާ މިންވަރު ކުރެއްވުމެވެ. އަދި އަޅުގަނޑާއި ތިޔަ އެންހެމާ އަޚުންގެ ޙާލާއި ޢަމަލުތަކާއި އެކަލޭގެފާނު صلى الله عليه وسلم ގެ ސުންތާއި ގުޅުން ހުރީ ކިހާ މިންވަރަކަށްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށް ބަލައި އަޅާކިޔުމަށް ފަހުގައި ކައްސާލާފައިވާ ކަންކަން ހެޔޮމަގަށް އެޅުވުމަށް މަގުފަހިވުމެވެ).

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުން….

ނަބިއްޔާ صلى الله عليه وسلم ގެ އެންމެހާ އަނބިއަނބިކަނބަލުން ކޮންމެ ރެއަކުވެސް އެރެއެއްގައި އެކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު صلى الله عليه وسلم މަޑުކުރައްވަން ހަމަޖެހިފައިވާ އަނބިކަނބަލެއްގެ ގެއަށް ޖަމާވެހައްދަވެއެވެ. އަދި އެއަށްފަހު އެކަލޭގެފާނު صلى الله عليه وسلم އެގެއަށް ވަޑައިގެން އެއެންމެހާ ކަނބަލުންނާ ވާހަކަފުޅުދެއްކެވުމާއި މުނިއަވަސްފިލުމުވުގައި ވަގުތު ހޭދަކުރައްވައެވެ.

އެކަން ބަޔާންކުރައްވައި އަނަސް رضي الله عنهما ވިދާޅުވިއެވެ:

“… فَكُنَّ يَجْتَمِعْنَ كُلَّ لَيْلَةٍ فِي بَيْتِ الَّتِي يَأْتِيهَا …” (مسلم : 1462).

“ފަހެ އެރެއެއްގައި އެކަނބަލެއްގެ އަރިހުގައި އެކަލޭގެފާނު صلى الله عليه وسلم މަޑުކުރައްވަން ހަމަޖެހިފައިވާ އަނބިކަނބަލެއްގެ ގެއަށް (އެހުރިހާ އަނބިކަނބަލުން) ޖަމާވެހައްދަވެއެވެ”.

މަތީގައި ބަޔާންވެދިޔަ ހަދީޘުން ޢިލްމުވެރިން ދަލީލު ނަންގަވާކަންކަމުގެ ތެރޭގައި ފިރީން އެބައިމީހުންގެ އަނބީންނަށް އެކަށީގެންވާ ވަގުތު ދިނުމާއި އެކަނބަލުންގެ ޝަކުވާތަކާއި އުދާސްތައް އަޑުއެހުމަށާއި އެކަންކަމާ މެދުގައި މަޝްވަރާކުރުމަށް ދުވަހުގެ ކޮންމެވެސް ވަގުތެއް ޚާއްޞަކުރުން ހިމެނެވެ. އެހެނީ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޒިންމާތަކުގެ ގިނަކަމާއި މަސްއޫލިއްޔަތުތަކުގެ ބޮޑުކަމާއި އަނބިއަނބިކަނބަލުންގެ އަދަދު ގިނަކަމާއެކުވެސް އެއެންމެހާ އަނބިކަނބަލުންނަށް ދޭންޖެހޭ ވަގުތު ދެއްވައި އެކަނބަނލުންގެ ކިބައިން ޚަބަރު އަޑުއެއްސެވުމަށްޓަކައި ރޭގަނޑުގެން ވަގުތު ހުސްކުރައްވައެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނަށް މިފަދައިން ކަންކަން ކުރުމުގައި ފަރުވާކުޑަވެ އިހުމާލުވެވޭކަމެވެ. އެފަދައިން އެކަނބަލުންނަށް ވަގުތު ދިނުމުގެ ބަދަލުގައި މަސައްކަތަށް ވަގުތު ދެވުމެވެ. ނުވަތަ ރައްޓެހިންނާއި އެކިއެކި ބައްދަލުވުންތަކާއި ސައިހޮޓާތަކާއި ކޮފީބޯން ކެފޭތަކުގައި ވަގުތު ހޭދަކުރުމަށް އިސްކަންދެވޭކަމެވެ. ނުވަތަ ބޭރުގައި ބުރަކޮށް މަސައްކަތްކޮށްފައި ގެއަށް އައިސްފައިވެސް ޓީވީގެ ދޮށުގައި ނުވަތަ އެނޫންވެސް އެހެން ކަމެއްގައި މަޝްޣޫލުވެވޭކަމެވެ. ނުވަތަ ގޭތެރޭގެ އަހުލުވެރިންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ވެފައިހުރި ވަރުބަލިކަމާއެކު ބޭރުން އައިސް އެނދުމައްޗަށް އަރައި ނިދޭކަމެވެ.

މުވާސަލާތީ ގޮތުން ޒަމާން މިހާ ކުރިއަރާފައި އަތްޖެހޭ ހިސާބަށް އަގުތައް އައިސްފައިވުމުގެ އިތުރުން ގެއިން ބޭރުގައި އުޅުނެއް ކަމަކު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މެސެޖަކުންނަމަވެސް ނުވަތަ އެނޫން މަގަކުންނަމަވެސް ތިމާގެއަމިއްލަ އަހުލުވެރިންނަށް ޚަބަރުވެލައި ހާލުއަހާލައި މުނިއަވަސްފިލުވާލަދީ ނުވަތަ ސަމާލާކޮށް މަޖާކޮށްލެވެން އޮންނައިރުވެސް އަޅުގަނޑުމެންނަށް ސަމާލުކަން ނުދެވޭކަމެވެ. ހަނދާންވެސް ނުހުންނަކަމެވެ. والله المسستعان.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.