ނުކުޅެދުންތެރިކަން ހުއްޓަސް ފުރުޞަތެއް ނުގެއްލެއެވެ.

އަލް މަރްޖާން 4

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތަޢުލީމުގެ ވާހަކަ އަކީ އަޅުގަނޑުމެންގެ ތެރޭގައި މާ އާރުލާ ވާހަކަ އަކަށް ނުވެއެވެ.

އެކި ފަހަރު އެކި ސަބަބާ ހުރެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތަޢުލީމަށް ދެވޭ އަހަމިއްޔަތު ކުޑަވެއެވެ.

އިޝްތިހާރު Below Header ad

ބައެއް ފަހަރު ބެލެނިވެރިޔާގެ ސަބަބުންނެވެ. އަނެއްބައި ފަހަރު ކުއްޖާގެ މާހައުލުގެ ސަބަބުންނެވެ. އަނެއްބައި ފަހަރު ކަމާބެހޭ ފަރާތްތަކުގެ އިހުމާލުންނެވެ.

ދެބަސް ވެވެން ނެތް ޙަޤީޤަތަކީ ދިވެހި ރާއްޖޭގެ ޤާނޫނު ބުނާގޮތުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުނެކޭ އެއްވެސް ތަފާތު ކުރުމެއްނެތި އެ ފުރުޞަތު ލިބިދޭން ޖެހޭކަމެވެ.

މިކަމަށް މަސައްކަތް ކުރާ ބެލެނިވެރިންވެސް މަދެއް ނޫނެވެ. ނަމަވެސް ހިތާމަ އަކީ އަދިވެސް މަދުން ނަމަވެސް ބައެއް ބެލެނި ވެރިން އެކުދިން މަދަރުސާތަކަށް ނުވަތަ އެހެނިހެންވެސް މީހުން އުޅޭ ތަންތަނަށް އެކުދިން ގެންދަން ޖެހިލުންވާކަމެވެ.

މިކަމާ ސުވާލު ކުރުމުން ބައެއް ބެކެނިވެރިން ބުނަނީ އެމީހުންގެ ދަރިންނަކީ އެހެން ކުދިންނާ ތަފާތު ކުދިންކަމަށާއި އެހެން މީހުން އެކުދިންނަށް ތަފާތު ކުރާތަން ދެކެން ބޭނުން ނުވަނީ ކަމަށެވެ. އަދި އެއީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކެތްކުރަން ދަތި ކަމެކެވެ.

ނަމަވެސް ހަމަ މިމޭރުމުން ފާހަގަ ކޮށްލަން ޖެހޭ އުފާވެރި ކަމަކީ ބައެއް ބެލެނިވެރިން އެމީހުންގެ ދަރިންނަކީވެސް މުޖްތަމަޢުގައި ބޮޑު ރޯލެއް އަދާކުރާނެ ނުވަތަ ޤައުމުގައި ބޭކާރުވެގެން ނުދާނެ ދަރިއަކަށް ހެދުން ވަރަށް މަސައްކަތް ކުރާކަމެވެ. މި ކަމުގެ ނަތީގާވެސް ވަރަށް ފޮންޏެވެ.

ކޮންމެވެސް ސަބަބަކާހުރެ އަދިވެސް ފަސްޖެހިފައިވާ ބެލެނި ވެރިންނަށް ހިތްވަރެއް ލިބިދާނެ ކަމުގެ އުންމީދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 20 ވަނަ މާއްދާ ނަކަލު ކޮށްލާނަމެވެ.

 

20 – ހ – އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއްނެތި، ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގެނުމާއި ތަމްރީނު ލިބުމުގެ ފުރުޞަތު ނުކުޅެދުން ތެރިކަން ހުންން މީހުންނަށްވެސް ހޯދައިދޭންވާނެއެވެ،

ށ – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭވެސް އެއްފަދައިން، އަސާސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތުތަކާއި ވަސީލަތްތަކާއި އާލާތްތައް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން ފީރުކޮށްދީ، މަތީ ތަޢުލީމު އުނގެނުމާއި، ތަމްރީނު ލިބުމުގެ ފުރުޞަތު އެފަދަ މީހުންނަށްވެސް ހަމަހަމަގޮތެއްގައި ފަހިކުރެވިފައި އޮންނަންވާނެއެވެ. މިގޮތުން:

(1) – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ ނުކުޅެދުންތެރިކަމާ ގިޅޭގޮތުން، އުނގެނުމުގައި ބޭނުންކުރަންޖެހޭ ބްރައިލް، ސައިން ލެންގުއެޖް، ބޮޑެތި އަކުރު ފަދަ ވަސީލަތްތައް ފޯރުކޮށްދޭންވާނެއެވެ.

(2)- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޚާއްޞަ ޓީޗަރުންނާއި އެހެނިހެން ފަންނީ މީހުން ސަރުކާރުން ބިނާކުރަންވާނެއެވެ.

ނ – ސަރުކާރުން ހިންގާ މަދަރުސާތަކާއި އަމިއްލަ މީހުން ހިންގާ މަދަރުސާތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމު ޙާޞިލް ކުރެވޭނެ އެކަށީގެންވާ މާޙައުލެއް ޤާއިމު ކުރަންވާނެއެވެ.

ރ – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމާއި ތަމްރީނާއި، ތަޖުރިބާ ހޯދައިދިނުމަށް އެކަށިގެންވާ ތަންތަނުގައި އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރަންވާނެއެވެ.

ބ- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުންގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ތަޢުލީމާއި ފަންނީ މަސައްކަތެއް ދަސްކުރުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް،އެކަށީގެންވާ ތަޢުލީމެއް ނުވަތަ ތަމްރީނެއް ލިބިގަތުމަށް މަގުފަހިކޮށްދޭންވާނެއެވެ.

ޅ- ނުކުޅެދުންތެރިކަން ހުންނަ މީހުން، އެމީހުންގެ ހުރި ޤާބިލުކަމާ އެއްވަރަށް ފުރިހަމައަށް ބިނާކޮށް ތަރައްޤީކުރުމުގެ ގޮތުން، އެމީހުންގެ ނުކުޅެދުންތެރިކަމާއި، ފެންވަރާއި، މިޒާޖާގުޅޭގޮތަށް ތަޢުލީމީ މަންހަޖާއި މުޤައްރަރުތައް ބައްތަން ކުރަންވާނެއެވެ.

ކ – މީހެއްގެ ކިބައިގައިވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެމީހަކު ތަޢުލީމީ ފުރުޞަތަކުން އެއްކިބާކޮށްގެންނުވާނެއެވެ.

އ – ވަކި ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނަށް ޚާއްޞަކޮށްގެން ތަޢުލީމާއި ތަމްރީނު ދިނުމަށް ޤާއިމްކުރެވިފައިވާ ތަންތަނުން، އެ ބާވަތުގެ ނުކުޅެދުންތެރިކަމެއް ނުވަތަ އުނިކަމެއްނުވާ ފަރާތްތަކަށް އިސްކަން ދިނުން މި މާއްދާގެ (ށ) އާއި (ކ) އިން އިސްތިސްނާ ވެގެންވެއެވެ.

ވ – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ރާއްޖޭގައި ޤާއިމްކޮށްފައިވާ ދަނާލުފަދަ ތަންތަނުގައި ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސަންވާނެއެވެ. އަދި އެފަދަ ތަންތަނުގައި ޤާއިމު ކުރެވިފައިވާ އެންމެހައި ޢާންމު ވަސީލަތްތަކުގެ ބޭނުންހިފޭނޭ ގޮތްތައް ހަމަޖައްސަންވާނެއެވެ.

މ – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމާއި ތަމްރީންނު ދިނުމަށް، ސަރުކާރުން ތިރީގައިވާ ކަންކައްތައްތައް ފުރިހަމަކުރަންވާނެއެވެ.

(1) – ތަޢުލީމާއި ތަމްރީނު ހޯދުމަށް، ނުކުޅެދުންތެރިކަން ހުންން މީހުންނަށް، އެމީހުންނާ އެންމެ ގާތުން ތަޢުލީމާއި ތަމްރީނު ލިބޭނެ މަރުކަޒުތަކުން އެ ޚިދުމަތް ލިބިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

(2) – ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތަޢުލީމަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގައި ސަރުކާރުން އެހީތެރިވެދިނުން.

(3) – ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ސަރުކާރުން ސްކޮލަރޝިޕް ހޯދައިދިނުމަށް މަސައްކަތް ކުރުން.

އުންމީދު ކަނޑާނުލާ ހިތްވަރާ އެކު މަސައްކަތް ކުރާށެވެ. ނުކުޅެދުންތެރިކަން ހުއްޓަސް ފުރުޞަތެއް ނުގެއްލެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.