ޚަބަރު ފީތާ

ގާޟީންގެ ތެރެއިން ތިންބައިކުޅަ ދެބައި ވަނީ ނަރަކައިގައެވެ.

ފަހަކަށް އައިސް ފަނޑިޔާރުންނަށާއި ފަނޑިޔާރުގެއަށް ފާޑުކިޔުން ނުހަނު އިތުރުވެފައި ވެއެވެ. ފަނޑިޔާރުންނަށާއި ފަނޑިޔާރުގެއަށް ފާޑުކިޔުމަކީ ހަމައެކަނި ޢާއްމު ރައްޔިތުންގެ ތެރެއިން ކުރިމަތިވާ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ހީވި ނަމަވެސް ކީރިތި ޤުރުއާނާއި، ނަބިއްޔާ (صلى الله عليه وسلم)ގެ އެތައް ޙަދީޘެއްގައި ފަނޑިޔާރުންގެ ތެރެއިން ގިނަ ބައެއްގެ ނުބައި ވާހަކަ އާއި އެބައިމީހުން ކުރާ ޙުކުމް ތަކުގެ ނުބައި ކަމުގެ ވާހަކަ އައިސްފައި އެބައޮތެވެ.

އަދި ފަނޑިޔާރުންގެ ތެރެއިން ﷲގެ ޙުކުމަށް ޢަދުލުވެރިކަމާއި އެކު ޙުކުމްކުރާ ފަނޑިޔާރުންނަށް ހުރި މަތިވެރި ދަރަޖަ އާއި ނިޢުމަތް ތަކުގެ ވާހަކަވެސް އައިސްފައި ވެއެވެ

28 މާޗް 2015 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ އިތުރުން މައި ރަށުގެ ބޮޑުމިސްކިތުގައި އިއްވުނު ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، ގާޟީންގެ ތެރެއިން ތިންބައިކުޅަ ދެބައި ވަނީ ﷲގެ ގަދަފަދަ ޢަޒާބަށް ހުށަހޮޅި ނަރަކައިގައި ކަމަށް ނަބިއްޔާގެ ޙަދީޘުން ސާބިތުވާ ކަމަށެވެ.

ކީރިތި ޤުރުއާނުގެ އިތުރުން ރަސޫލާ (صلى الله عليه وسلم)ގެ ޙަދީޘްތަކުން ދަލީލު ދައްކަވަމުން ޢަދުލު އިންސާފުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާފައިވާ ހުކުރު ހުތުބާގައި ވިދާޅުވީ ޢަދުލުވެރި ޝަރުއީ ނިޒާމަކީ ގައުމު ނުރައްކާތެރި އާފާތްތަކުންނާއި ކާރިސާތަކުން ހިމާޔަތްކޮށްދޭ ބާރުގަދަ އަށްޑަނައެއް ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ކޮންމެ ދައުވާއަކަށް ވެސް ހެއްކާއި ދަލީލު ބޭނުންވާނެ ކަމަށާއި ހެއްކާއި ދަލީލު ނެތި ދައުވާތަކަށް ނިޔާ އިއްވެން ފަށައިފި ނަމަ މީސްތަކުން މުދަލަށާއި އަބުރަށް އަރައިގަންނަން ފަށާފާނެ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ގާޟީންގެ ކިބައިގައި ހުންނަ ޖެހޭ އަސާސީ ޝަރުތަކީ އަދުލުވެރިވުން ކަމަށާއި ދެ ހަސްމުންގެ އަޑު ރަނގަޅަށް އަހައި ދެ ފަރާތުގެ ވާހަކަތައް ރަނގަޅަށް ބަލަން ގާޒީއަށް ގޮވާލަނީ ވެސް އޭނާގެ އަދުލުވެރިކަން ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.

Rate this post