(فَلَا اقْتَحَمَ الْعَقَبَةَ ﴿١١﴾)
(اقْتَحَمَ) އުނދަގުލުގެ ތެރެއަށްވަދެގަނެ އެކަންތަކުން ސަލާމަތްވެގަތުން.
(الْعَقَبَةَ ) އުނދަގޫކަންތައް، މިތަނުގައި (الْعَقَبَةَ) ގެ މުރާދަކީ ހެޔޮޢަމަލެވެ. ހެޔޮޢަމަލު(الْعَقَبَةَ) ނުވަތަ އުނދަގޫކަންތަކެއްގެ ގޮތުގައި ޞިފަކުރައްވާފައިވާ ސަބަބަކީ ހަވާނަފްސާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ އުނދަގޫކަމަކަށްވާތީވެއެވެ.
(اقْتَحَمَ الْعَقَبَةَ ) ﷲ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވިއެވެ. އަދި ހަވާނަފްސާއި ދެކޮޅަށް ހަނގުރާމަކުރެއެވެ. އަދި މިސްކީނުންނަށް ކާންދެއެވެ. ޔަތީމުންނަށް އޯގާތެރިވެއެވެ. އަދި ﷲ އަށް އީމާންވެއެވެ.
(وَمَا أَدْرَاكَ مَا الْعَقَبَةُ ﴿١٢﴾) “ ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟“ މިސުވާލުގެ ބޭނުމަކީ މީސްތަކުންގެ ޝައުގުވެރިކަން ހޯއްދެވުމެވެ. އަދި މިހުރަސްތައް ގިރާކުރުމުގެ ބޮޑުކަން ބަޔާންކޮށްދެއްވުމެވެ.
( فَكُّ رَقَبَةٍ ﴿١٣﴾ ) މީގައި ދެމާނައެއް ވެއެވެ. އެއީ:
- އަޅުވެތިކަމުން އޭނާ މިނިވަންކުރުން. އެގޮތުން އިންސާނާ އޭނާގެ މިލްކިއްޔާތުގައިވާ އަޅުން މިނިވަންކުރުމާއި އަދި އެހެން މީސްމީހުންގެ މިލްކިއްޔާތުގައިވާ އަޅުންވެސް ގަނެ މިނިވަން ކުރުން ހިމެނެއެވެ.
- އަސީރުން މިނިވަންކުރުން. އަސީރުން މިނިވަން ކުރުމަކީ ﷲ ގެ ޙަޟްރަތުގައި ނުހަނު ދަރުމަ އާއި ޘަވާބުލިބޭ ކަމަކަށްވީތީވެ، ޢަދާވާތްތެރިން ކުޑައަގެއްގައި އެކަމެއް ނުކުރާނެއެވެ. ތިމާ ﷲ ގެ މަގުގައި ކުރާ ހޭދައަކީ ގެއްލެނިވެގެންދާނެ އެއްޗެއް ނޫންކަމާއި އޭގެ ބަދަލު ﷲ ގެ ޙަޟްރަތުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިތުގައި އޮތް މީހަކަށް މެނުވީ އެފަދަ ކަމަކަށް ހޭދަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
(أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ ﴿١٤﴾ ) ”ނުވަތަ ބަނޑުހައިހޫނުކަން ފެތުރިފައިވާ ދުވަހެއްގައި ކާންދިނުމެވެ.“
(أَوْ) ނުވަތަ،
(مَسْغَبَةٍ ) ބަނޑުހައިހޫނުކަން ގަދަ، މީސްތަކުންގެ އަދުގައި މުދާ މަދުވުމުގެ ސަބަބުން ނުވަތަ ޖެހިފައިވާ ބައްޔެއްގެ ސަބަބުންވެސް ބަނޑުހައިހޫނުކަން ޖެހިދާނެއެވެ. އެފަދަ ބަލި ޖެހުމުން ކިތަންމެ ވަރަކަށް ކެއިނަމަވެސް ބަނޑެއް ނުފުރޭނެއެވެ. ކޮންމެ އަކަސް މިއިން ކޮންމެ ގޮތަކުން ނަމަވެސް ބަނޑުހައިހޫނުކަން ޖެހިއްޖެނަމަ ވާނީ ”މަސްޣަބާ“ އަށެވެ.
(يَتِيمًا ذَا مَقْرَبَةٍ ﴿١٥﴾ )
( يَتِيمًا ) ޔަތީމަކީ ބާލިޣުވުމުގެ ކުރިން ބައްޕަ ނިޔާވެފައިވާ ކުދިންނެވެ.
(ذَا مَقْرَبَةٍ ) ޢާއިލީ ގޮތުން ގާތްކަމެއް ހުރި ޔަތީމު ކުދިން. ޢާއިލީ ގޮތުން ގާތްކަމެއް ހުރި ކުއްޖެނަމަ ޢާއިލީ ގުޅުން ދެމެހެއްޓުމާއި ޔަތީމު ކުއްޖަކަށްވާތީވެ ހެޔޮކޮށް ހިތުން ހިމެނެއެވެ.
(أَوْ مِسْكِينًا ذَا مَتْرَبَةٍ ﴿١٦﴾ )
(أَوْ مِسْكِينًا )މިސްކީނުންނަކީ އޭނާގެ ދުވަހުގެ ޚަރަދުގެ ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ތަންކޮޅެއް ގިނައިން އަތުގައި ހުރި މީހާއެވެ.
( ذَا مَتْرَبَةٍ ) އެމިސްކީނުގެ ދެއަތުގައި ވެލިނޫން އެއްޗެއް ނެތެވެ. އޭގެ މާނައަކީ އޭނާގެ އަތުގައި ކާނެއް އެއްޗެއް ލާނެ ހެދުމެއް އަދި އެއްޗެއް ގަންނާނެ ފައިސާއެއް ނެތުމެވެ.
(ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ﴿١٧﴾) “ ދެން إيمان ވެ، އަދި ކެތްތެރިވުމަށް އެކަކު އަނެކަކަށް وصية ކޮށް، އަދި މީސްތަކުންނަށް رحم ބެހެއްޓުމަށް އެކަކު އަނެކަކަށް وصية ކޮށް އުޅުނުމީހުންގެ ތެރެއިން އޭނާ ވާނެތެވެ.“
(آمَنُوا) ﷲ މެނުވީ ޙައްގުވެގެންއަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މަލާއިކަތް ބޭކަލުންނަށާއި، ބާވާލެއްވި ފޮތްތަކަށާއި، ފޮނުއްވި ރަސޫލު ބޭކަލުންނަށާއި، އާޚިރަތް ދުވަހަށާޢި، ގަޟާގަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އިމާންވުމެވެ.
(وَتَوَاصَوْا بِالصَّبْرِ ) ކެތްތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތް ކުރެއެވެ.
ކެތްތެރިވުމުގައި ތިންވައްތަރެއް ވެއެވެ. އެއީ:
- ﷲއަށް ކިޔަމަންގަތުމަށް ކެތްތެރިވުން.
- ﷲ އަށް އުރެދުމުން ކެތްތެރިވުން.
- ދިމާވާ ހިތްދަތިކަންތަކަށް ކެތްތެރިވުން.
މިހުރިހާ ކަމަކަށް ކެތްތެރިވެ ވަޑައިގަތުމުގެ ރިވެތި ނަމޫނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދައްކަވާފައެވެ. އިސްލާމްދީން ފެތުރުއްވުމުގައި ގަދައަޅާ މަސައްކަތް ކުރެއްވިއެވެ. މުޝްރިކުންގެ ފަރާތުން ލިބެމުންދިޔަ ދުއްތުރާތަކަށް ކެތްތެރިވެވަޑައިގަތެވެ. މުޝްރިކުންގެ މީހުން އެކަލޭގެފާނު ޝަދީދުކޮށްލަންވެސް ރޭވިއެވެ. އަދި އެކަލޭގެފާނު ސަޖިދާގައި އޮންނަވަނިކޮށް ބުރިކަށިފުޅު މައްޗަށް ކަރުގޮހޮރު އެޅިއެވެ. މިހުރިހާ ކަމެއް މިހެން ދިމާވުމުންވެސް ކެތްތެރިކަން އިސްކުރެއްވިއެވެ.
ޔޫސުފް ޢަލައިހިއްސަލާމްވެސް ހަމައެފަދަ އެވެ. ﷲ ގެ ގަޟާގަދަރަށް ފުރިހަމަ އަށް ކެތްތެރިވެ ވަޑައިގަތެވެ. އަނދިރި ވަޅެއްގެ ތެރޭގައި އޮންނެވިއެވެ. ޖަލަށް ވެދެވަޑައިގަންނަވަން ޖެހުނެވެ. މިހުރިހާ ކަމެއް މިހެން ދިމާވުމުންވެސް ކެތްތެރިވެ ވަޑައިގެންނެވިއެވެ.
( وَتَوَاصَوْا بِالْمَرْحَمَةِ ) މީސްތަކުންނަށް އޯގާތެރިވުމަށް އެކަކު އަނެކަކަށް ވަޞިއްޔަތްކުރެއެވެ. ގާތްތިމާގެ މީހުންނަށާއި އެނޫންވެސް މީސްމީހުންނަށް އޯގާތެރިވެއެވެ. އަދި ޖަނަވާރުތަކަށްވެސް އޯގާތެރިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ )[1] މާނައަކީ: ”ބިންމަތީގައި ތިބި މީހުންނަށް ތިޔަބައިމީހުން އޯގާތެރިވެ ރަޙުމް ކުރާށެވެ. އޭރުން ތިޔަބައިމީހުންނަށް ޓަކައި އުޑުގައިވާ ބޭކަލުން ރަޙުމް ކުރައްވާނެއެވެ.“
(أُولَـٰئِكَ أَصْحَابُ الْمَيْمَنَةِ ﴿١٨﴾ )
(أُولَـٰئِكَ ) މަތީގައި ބަޔާންކުރެވުނު ޞިފަތަކުގެ އަހްލުވެރިންނަކީ
( أَصْحَابُ الْمَيْمَنَةِ ) އެބައިމީހުންގެ ޢަމަލުތަކުގެ ފަތް ކަނާއަތުން ލިބޭމީހުންނެވެ. ސޫރަތުލް އިންޝިގާގްގެ 7 އަދި 8 އަދި 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ﴿٧﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾ وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ﴿٩﴾) މާނައަކީ: “ ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ. އަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.“
(وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ ﴿١٩﴾) ”އަދި ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ. ނުވަތަ އެބައިމީހުންގެ ޢަމަލުތަކުގެ ފަތް ފުރަގަހުން ވާތް ފަރާތަށް ލިބޭމީހުންނެވެ. ސޫރަތުލް ޙާއްގާގެ 25 އިން 37 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ ﴿٢٥﴾ وَلَمْ أَدْرِ مَا حِسَابِيَهْ ﴿٢٦﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ ﴿٢٧﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ ﴿٢٨﴾ هَلَكَ عَنِّي سُلْطَانِيَهْ ﴿٢٩﴾ خُذُوهُ فَغُلُّوهُ ﴿٣٠﴾ ثُمَّ الْجَحِيمَ صَلُّوهُ ﴿٣١﴾ ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ ﴿٣٢﴾ إِنَّهُ كَانَ لَا يُؤْمِنُ بِاللَّـهِ الْعَظِيمِ ﴿٣٣﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣٤﴾ فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ ﴿٣٥﴾ وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ ﴿٣٦﴾ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ ﴿٣٧﴾ ) މާނައަކީ: “ އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ! ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. (زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ! ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް إيمان ވާކަމުގައެއް ނުވެއެވެ. އަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ފަހެ، މިއަދު މިތާކު އޭނާއަކަށް رحمة ތެރިޔަކު ނުވެއެވެ. އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ. ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.“
ސޫރަތުލް އިންޝިގާގްގެ 10 އިން 15 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ﴿١٠﴾ فَسَوْفَ يَدْعُو ثُبُورًا ﴿١١﴾ وَيَصْلَىٰ سَعِيرًا ﴿١٢﴾ إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا ﴿١٣﴾ إِنَّهُ ظَنَّ أَن لَّن يَحُورَ ﴿١٤﴾ بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا ﴿١٥﴾ ) މާނައަކީ: ”އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ. ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ. ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ. ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.“
(عَلَيْهِمْ نَارٌ مُّؤْصَدَةٌ ﴿٢٠﴾) ”އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ. އެމީހުންނަށް އެތަނުން ނުނިކުމެވޭނެއެވެ. އެބައިމީހުން އެތަނުގައި ދާއިމަށް ދެމިތިބޭނެއެވެ.“ ސޫރަތުލް ހުމަޒާގެ 8 އަދި 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّهَا عَلَيْهِم مُّؤْصَدَةٌ ﴿٨﴾ فِي عَمَدٍ مُّمَدَّدَةٍ ﴿٩﴾ ) މާނައަކީ: “ (އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ. ) އެއުރެންވާހުށީ) ދިގުވެގެންވާ ތަނބުތަކެއްގައި ބަންނަވާފައެވެ.“
މާތް ﷲ އެނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތްކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް ލިބިގެންވާ ބަޔަކުކަމުގައި އަޅަމެން ލައްވާށި. އާމީން.
[1] جامع الترمذي » كِتَاب الْبِرِّ وَالصِّلَةِ » بَاب مَا جَاءَ فِي رَحْمَةِ الْمُسْلِمِينَ, رقم الحديث: 1843