ސައުދާ ބިންތި ޒަމްޢާ ރަޟިޔަﷲ ޢަންހާ

ނަންފުޅު:

ސައުދާ ބިންތި ޒަމްޢާ ބިން ގައިސް ބިން ޢަބްދު ޝަމްސު.

އިޝްތިހާރު Below Header ad

މަންމާ ފުޅަކީ އައްޝަމޫސް ބިންތި ގައިސް ބިން ޢަމްރު އެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކުރިން އެކަމަނާ ކައިވެނި ކުރެއްވީ އެކަމަނާގެ ދެބެންގެ ދެދަރި ބޭކަލެއް ކަމުގައިވާ އައްސަކްރާނު ބިން ޢަމްރު ބިން ޢަބްދި ޝަމްސި އެވެ.

އެއީ ސަހްލު، ސުހައިލް، ސަލީޠް، ޙާޠިބްގެ އަޚެކެވެ. އެހުރިހާ ބޭކަލުންނަކީވެސް ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ ޞުޙުބަތު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އެކަމަނާ އާއިގެން ސަކްރާން ޙަބަޝާ އަށް ހިޖްރަ އަށް ވަޑައިގަތެވެ.

އެއަށް ފަހު މައްކާ އަށް ވަޑައިގެންނެވި ފަހުން އަވަހާރަވީއެވެ. އެއަށް ފަހު އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ ޢާއިލާގެ ބޭފުޅުންނާއި އެކުގައެވެ. އެކަމަނާގެ ބައްޕާފުޅު ހުންނެވީ ޖާހިލިއްޔަ ދީނުގެ މަތީގައެވެ. ބޭބޭފުޅު ޢަބްދުﷲ ބިން ޒަމްޢާވެސް އޭރު އިސްލާމްވެ ވަޑައެއް ނުގަންނަވައެވެ.

އެހެންކަމުން، ކުރީގެ ފިރިކަލުން ނިޔާވެ، ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އާއި ކައިވެނި ބައްލަވައިގަންނަވަންދެން ދިރިއުޅުއްވީ މުޝްރިކުންނާއި އެކުގައެވެ.

ސައުދާ ހިމެނިވަޑައިގަންނަވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ފަހުން ކައިވެނި ބައްލަވައިގެންނެވި އެންމެ ފުރަތަމަ ކަނބަލުންގެ ތެރޭގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން 55 އަހަރެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢުމުރުފުޅުން 50 އަހަރެވެ.

މި ކައިވެނީގެ ވާހަކަ އިވުމުން މައްކާގެ ރަޢްޔިތުން ވަރަށް ބޮޑަށް ޙައިރާންވިއެވެ. ސަބަބަކީ ސައުދާ އަކީ ބަލައިލަން ރީތި، އަދި ޙަސަބުގެ ގޮތުންވެސް އަރާ ހުންނެވި ބޭކަނބަލަކަށް ނުވާތީވެއެވެ. ހަމައެއާއި އެކު ފިރިހެނުން ހިތްކިޔާ ކަހަލަ އެއްވެސް ޞިފަ އެއް ހުރި ކަނބަލަކަށް ނުވާތީވެއެވެ.

އެހެންކަމުން، ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އެކަމަނާ އާއި ކައިވެނި ބައްލަވައިގަތީ އޯގާތެރވެވަޑައިގަތުމުގެ ގޮތުން ކަން އެބައިމީހުންނަށް  ޔަގީންވިއެވެ. އަދި އެކަމަނާގެ އިސްލާމްކަން ރައްކާ ކުރެއްވުމުގެ ގޮތުންނެވެ. އަދި ކުރީގެ ފިރިކަލުން ނިޔާވުމުން ލިބިވަޑައިގެންފައިވާ ހިތާމަތައް ފިލުއްވައި ދެއްވުމުގެ ގޮތުންނެވެ. ކުރުގޮތަކަށް ބުނަނީނަމަ އިންސާނިއްޔަތަށް ޓަކައެވެ.

ސައުދާ ރަޟިޔަﷲ ޢަންހާ އަކީ އެކަމަނާގެ ކިބައިގާ ވަރަށް ރަގަޅު ގިނަގުނަ ޞިފަތަކެއް ހުރި ބޭކަނބަލެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އެކަމަނާގެ ދީލަތި ކަމެވެ. މިސްކީނުންނަށް ހޭދަ ކުރެއްވުމުގައި އަރައިހުންނެވި ކަނބަލެކެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ ގާތުގައި ރޭކުރައްވަން ޖެހިވަޑައިގަންނަވާ ރޭތައް އެކަމަނާ ވަނީ ޢާއިޝާ އަށް ހަދިޔާ ކުރައްވާފައެވެ. އެހެނީ އެކަމަނާ އަކީ މުސްކުޅި ކަނބަލަކަށްވާތީވެއެވެ. އެހެންކަމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަނބިއަނބިކަބަލުންނަށް ރޭތައް ބައްސަވާ އިރުގައި ޢާއިޝާ އަށް ދެރޭ ދެއްވައެވެ.

އެއީ ސައުދާގެ ރެއާއި ޢާއިޝާގެ ރެއެވެ. އެހެންކަމުން، ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެއެވެ. “ސައުދާ ބިންތި ޒަމްޢާ އަށް ވުރެ ތިމަންކަމަނާ ދެކެ ލޯބިފުޅުވާ އަންހެން ކަނބަލަކު ތިމަންކަމަނާ ނުދެކެމެވެ. އެކަމަނާ އަކީ ހެޔޮ ރަގަޅު ބޭކަނބަލެކެވެ.”

މީގެ އިތުރުން އެކަމަނާ އަކީ ހިތްހެޔޮ ބޭކަނބަލެކެވެ. އެހެންކަމުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ލިބިވަޑައިގަނެއެވެ.

ޙަދީޘް ރިވާ ކުރެއްވުން.

ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ސައުދާ ބިންތި ޒަމްޢާ ރަޟިޔަﷲ ޢަންހާ ފަސް ޙަދީޘް ރިވާ ކުރެއްވިއެވެ. އެކަމަނާގެ ފަރާތުން ޢަބްދުﷲ ބިން ޢައްބާސް، ޔަޙްޔާ ބިން ޢަބްދިﷲ، ޢަބްދުއްރަޙްމާން ބިން ސަޢުދު ރިވާ ކުރެއްވިއެވެ. އަދި އަބުދާވޫދާއި ނަސާއީވެސް އެކަމަނާގެ ކިބައިން ޙަދީޘް ތަޚްރީޖް ކުރައްވާފައިވެއެވެ.

އަވަހާރަވުން:

ސައުދާ ބިންތި ޒަމްޢާ ރަޟިޔަﷲ ޢަންހާ އަވަހާރަވެ ވަޑައިގަތީ ޢުމަރުގެ ފާނުގެ ޚަލީފާކަމުގެ ފަހުކޮޅުގައެވެ. އެހެން ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުގައި އެކަމަނާ އަވަހާރަވީ ހިޖްރައިން 54 ވަނަ އަހަރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.