ޚަބަރު ފީތާ

ޑރ.ޢިޔާޟު ޤުރްއާން ތަފްސީރު ކިލާސްތައް އަނެއްކާވެސް ފަށައިފި.

ދުވަސް ކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފުގެ ޤުރްއާން ތަފްސީރު ކިލާސްތައް އަނެއްކާވެސް މިދިޔަ ހަފްތާގައި ފަށައިފިއެވެ.

ވަރަށް ގިނަ ބަޔަކު ބައިވެރިވަމުންދާ މި ޤުރްއާން ތަފްސީރު މާލޭގައި ބައްވަމުން ގެންދަނީ ޢަދާލަތު ޕާޓީން އިންތިޒާމް ކޮށްގެން ކޮންމެ ހޯމަ ދުވަހެއްގެ ރޭ ޢިޝާ ނަމާދަށްފަހު ފުރްޤާން މިސްކިތުގައެވެ.

މިރޭގެ ޤުރްއާން ތަފްސީރު ކިލާހުގައި އޮންނާނީ سورة الفجر ގެ ފަނަރަ ވަނަ އާޔަތުން ފެށިގެނެވެ.

ޑރ.ޢިޔާޟް ގެ ޤުރްއާން ތަފްސީރު ކިލާސްތައް ”އަލް ހިޖްރާ“ އިން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ޢިޝާނަމާދަށްފަހު މަސްޖިދު އަލް ޢަޒީޒާގައިވެސް ދަނީ ބާއްވަމުންނެވެ.

މިކަހަލަ ކިލާސްތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ޤުރްއާންގެ ޢިލްމަށް ލޯބިޖެހި ދީނީގޮތުން ޢާންމުން އިތުރަށް ހޭލުންތެރިވެެގެންދެއެވެ.

ޑރ. ޢިޔާޟްގެ ތަފްސީރު ކިލާހަށް ދާ ޢާންމުންގެ މީހަކު ބުނިގޮތުގައި މިގޮތަށް ޤުރްއާންގެ މާނަޔާ ތަފްސީރު އަޑު އަހަން ފެށިފަހުން ނަމާދުގައި ޚުޝޫޢަތްތެރިކަން އިތުރުވެ، އިމާމު މީހާ ކިޔަވަމުންދާއިރު ވަރަށް ބޮޑަށް ވާނުވާ އެނގޭ ކަމަށާއި ކިޔަވަމުން ދާއިރު ކޮންމެވެސް ވަރަކަށް އާޔަތްތަށް ޞިފަވަމުންދާކަމަށެވެ.

މިކިލާސްތަކުގެ ރެކޯޑިންގ ކޮންމެ ދުވަހަކު މަޣްރިބް ނަމާދަށްފަހު ރޭޑިއޯ އެޓޯލް 96 އެފް އެމް އިން ގެނެސްދެއެވެ.

އަދި މި ކިލާސްތައް ޑރ. ޢިޔާޟްގެ އެފް ބީ ޕޭޖުން ލައިވް ކުރުމުންދެއެވެ.

Rate this post