ޝީޢީންނާއި ސުންނީންގެ ތަފާތަކީ ކޮބައިތޯ؟

ޝީޢީންނާއި ސުންނީންގެ ތަފާތަކީ ކޮބައިތޯ؟ އަދި އެމީހުންނަކީ މުސްލިމުންތޯ އެވެ؟ ޝީޢީންނަކީ ޢަލީގެ ފާނަށް ތަބަޢަވާ ބަޔެއްތަ؟ ނުވަތަ ހަތަރު މަޛްހަބު އޮންނަހެން ފިރްގާ އެއްތަ؟

 

އިޝްތިހާރު Below Header ad

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ޝީޢީންގެ ވަރަށް ގިނަ ވައްތަރުތައްވެއެވެ. އޭގެ ތެރޭގައި ޢަލީގެ ފާނަށާއި ފާޠިމަތުގެ ފާނަށް އަދި ޙަސްންގެފާނަށް އަޅުކަން ކުރާ ކާފަރުންނެވެ.

އެމީހުންގެ ތެރެއިން އަނެއްބަޔަކު ބުނަނީ ޖިބްރީލް ޢަލައިހިއްސަލާމް އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައިގަތީ ކަމަށެވެ. ނަބީ ކަމަކީ ޢަލީގެފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗެއް ކަމަށެވެ. ނަމަވެސް ޖިބްރީލް ޢަލައިހިއް ސަލާމް އޮޅުވާލައްވާ އެނުބުއްވަތު މުޙައްމަދުގެ ފާނުގެ މައްޗަށް ބާވާލެއްވީ ކަމަށެވެ.

އެމީހުންގެ ތެރޭގައިވާ އިމާމިއްޔާ ނުވަތަ އިޘްންއި ޢަޝަރިއްޔާ އޭ ކިޔުނު ބަޔަކު ބުނާ ގޮތުން އެމީހުންގެ އިމާމުންނަކީ މަލާއިކަތުންނާއި ނަބީ ބޭކަލުންނަށްވުރެވެސް މާތް ބަޔެކެވެ.

އެމީހުންގެ ތެރެއިން އެންމެ ތައްކަތު ބަޔަކީ ޢަލީގެފާނަކީ ތިންބޭކަލުންނަށްވުރެ މާތް ބޭކަލެއް ކަމުގައި ބުނާ މީހުންނެވެ. އެއީ (އަބޫބަކުރު، ޢުމަރު އަދި ޢުޘްމާން ރަޟިޔަﷲ ޢަންހުމް) އެވެ. މި ފަދައިން ބުނާ މީހުންނަކީ ކާފަރުންނެއް ނޫނެވެ. ނަމަވެސް އެބުނާ ބުނުމަކީ ގޯސް ނުރަގަޅު ބުނުމެކެވެ. ސަބަބަކީ ޢަލީގެ ފާނަކީ އުއްމަތުގެ ހަތަރުވަނައެވެ. އަބޫބަރު، ޢުމަރު އަދި ޢުޘްމާނަކީ ޢަލީގެފާނަށް ވުރެ މާތް ބޭކަލުންނެވެ.

ސުންނީ މުސްލިމުންނަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތަށް ޢަމަލު ކުރުމަށް ގަަދައަޅާ މަސައްކަތް ކުރާ މީހުންނެވެ.

ތިރީގައި މިވަނީ ޝީޢީ މަޛްހަބާއި ބެހޭ ގޮތުން ކަވާސާ.ކޮމް އިން ނެގިފައިވާ ލިޔުމެކެވެ.

”ޝީޢާ” ގެ މާނައަކީ މީސްތަކުންގެ ޖަމާޢަތެއް ނުވަތަ ކަމަކަށް އެއްބައިވާ ބައިގަނޑެކެވެ. މީހަކަށް ތާއީދު ކުރާ އޭނާއަށް ނަޞްރުދޭ މީހުންނަކީވެސް ” ޝީޢާ ” އެކެވެ. މަތީގައި މި ބުނެވުނީ މި ބަހުގެ ލަފްޒީ މާނައެވެ.

އިސްޠިލާޙީ ގޮތުން ބަލާއިރު ”އައްޝީޢާ” ގެ މާނައަކީ ޢަލީގެފާނާއި އަހުލު ބައިތުންނަށް ތާއީދުކޮށް އެ މީހުންގެ ފަހަތުގައި ތިބި މީހުންނަށް ނުވަތަ ޖަމާޢަތަކަށް ބުނެވޭ ބަހެކެވެ.

މި މަޛްހަބަށް ކިޔާނަމަކީ ”ޝީޢާ” އެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ ”ޝީޢީ” މަޛްހަބުގެ ނަމުންނެވެ.

ޝީޢީންގެ ފެށުން ފިކުރީ ގޮތެއްގައި ފެއްޓިފައިވަނީ ޢަލީގެފާނަށް ހިތް ލެނބުމާއި، ކީރިތި ރަސޫލާއަށް ފަހު ޚިލާފަތަށް އިސްވާނީ ޢަލީގެފާނުކަމަށްހާޝިމްވަންހައިގެ މީހުންނާއި އަދި ބައެއް ޞަޙާބީންގެވެސް ހިތް އެދެން ފެއްޓެނު ހިސާބުންނެވެ. ނަމަވެސް ހަންދާން ބަހައްޓަން ވީ ކަމަކީ، ޝީޢީމަޛްހަބުގައި ޢަލީގެފާނަށް ދީފައިވާ ދަރަޖައާއި، މި ދެންނެވިހެން އެ ދުވަސްވަރު ބައެއް ޞަޙާބީންނާއި މުސްލިމުން ޚަލީފާ ކަމަށް ޢަލީ އިސްކުރަން ހިތް އެދުނު އެދުމުގައި ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމެވެ. މާނައަކީ މި ދެންނެވި ޞަޙާބީން އެއީ ކޮންމެހެން ލާޒިމު ކަމެއްގެ ގޮތުގައި ދެކެ ނުލައްވައެވެ.

ނަމަވެސް ޝީޢީ މަޛްހަބެއްގެ ގޮތުގައި އެއީ ހަމަ ކޮންމެހެން ލާޒިމު އަދި އިލާހީ އަމުރުން ކުރަންޖެހޭ ޢަޤީދާއާއި ގުޅުން ހުރި ކަމެއް ކަމުގައި ދެކެއެވެ. މި ގޮތަށް ދެކޭ މީހުން ކައިރީގައި އަލްމާއިދަތު ސޫރަތުގެ 67 ގައި އޮތް އަމުރަކީ، ރަސޫލާއަށްފަހަށް ޢަލީގެފާނު ޚިލާފަތަށް އިސްކުރުމަށް އޮތް އަމުރެކެވެ.

ކުރިންވެސް ބުނިހެން ޝީޢީންނަކީ ޢަލީގެފާނުގެ ފަހަތުގައި ތިބި މީހުންނެވެ. އަދި ޢަލީގެފާނާއި ރަސޫލާގެ ގެ އާލުބައިތުން ދެކެ ލޯބި ވާ މީހުންނެވެ. އެހެން ވިއްޔާ އަހަރެމެން މިއީ ޢަލީގެފާނާއި އާލުބައިތުން ދެކެ ލޯބި ނުވާ ބައެއް ހެއްޔެވެ؟ ނޫނެކެވެ. ހުރިހާ މުސްލިމުންނަކީވެސް ޢަލީގެ ފާނާއި އަދި ރަސޫލާގެ އާލު ބައިތުންދެކެ ލޯބިވާން އަމުރު ކުރެވިގެންވާ ބައެކެވެ.

ޢަލީގެ ފާނަކީ އެއީ ޝައްކެއްވެސް ނެތް ގޮތުގައި އެންމެ މާތް އެއް ޞަހާބީއެވެ. ސުވަރުގެ ލިބިވަޑައިގެންފިކަމުގެ އުފާވެރި ޚަބަރު ދިރި ތިއްބަވަނިކޮށް ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން އެކެކެވެ. އެންމެ ފުރަތަމަ އިސްލާމްވި ޒުވާނާއެވެ. ރަސޫލާގެ އަރިއަހުގައި ބޮޑުފުޅުވެ ރަސޫލާގެ އަތްޕުޅު މައްޗަށް ތަރުބިއްޔަތުވި މާތް ބޭފުޅެކެވެ. ޢަލީގެ ފާނަކީ ރަސޫލާގެ ލޮބޮވެތި ބޮޑުބޭބެ އަބޫޠާލިބްގެ ދަރިކަލެކެވެ. އަދި މި އުންމަތުގެ އަންހެން ސާހިބާ އަދި ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ފިރިކަލަކީވެސް ޢަލީގެފާނެވެ. މި ހުރިހާ ކަމެއްގެ އިތުރަށް ޢަލީގެ ފާނަކީ، ﷲ ގެ ލޯބި ލިބިވަޑައިގެން ހުންނެވި އަދި ﷲ ދެކެ ލޯބިވާ މީހެއް ކަމުގައި، ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. އެއީ ޚައިބަރު ހަނގުރާމައިގައި މުސްލިމުންގެ ދިދަ ހަވާލު ކުރައްވާނީ ކާކާއި ކަމާމެދު ރަސޫލާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ބަސްފުޅެކެވެ.

ނަމަވެސް މުސްލިމުންގެ ތެރެއިން ބަޔަކު ވަނީ ޢަލީގެ ފާނު މަތިވެރި ކުރުމާއި، ޢަލީގެފާނު ދެކެވާ ލޯބީގައި ހައްދުފަހަނައަޅާ ގޮސްފައެވެ. ޢަލީގެފާނުގެ ކަރާމާތްތެރިކަމުގައި އެއްވެސް ޙަޤީޤަތެއް ނުވާ ފާޑުގެ ވާހަކަ ދައްކާފައެވެ. އެގޮތުން މި ފަދަ ބައެއް މީހުން ހައްދު ފަހަނައެޅި މިންވަރަކީ ޢަލީގެފާނަކީ ރަސޫލެއް ކަމަށްވެސް ބުނަން ފެށުމެވެ. މި މީހުން – ބާޠިލު ގޮތުގައި – ދެކުނު ގޮތުގައި މި އުންމަތުގެ އަސްލު ރަސޫލަކީ ޢަލީގެފާނެވެ. ނަމަވެސް ވަޙީ ބާވައިލެއްވުމުގައި ޖިބްރީލްގެފާނަށް އޮޅިވަޑައިގެން، މުޙައްމަދު  ޞައްލައްﷲ ޢަލައިހި ވަސައްލަމަ) އަށް ވަޙީ ބާވައި ލެއްވުނީއެވެ. އަނެއް ބަޔަކު ބުނީ ޢަލީގެ ފާނާއި މުޙައްމަދު (ޞައްލައްﷲ ޢަލައިހި ވަސައްލަމަ) އަކީ ރަސޫލު ކަން ހިއްސާކުރައްވާ ދެ ބޭކަލުންނެވެ.

ތާރީޚީ ގޮތުން ޝީޢީންނަށް ބަލައިލުމެއް:

ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އަދި އޭގެ ފަހުން އަބޫބަކުރު، ޢުމަރުގެފާނުގެ ޚިލާފަތުގައިވެސް ޢަލީގެފާނަށް ތާއީދު ކުރާ ޢަލީގެފާނުގެ ކޮޅަށް ހިތްލެނބިފައިވާ މީހުން ތިއްބެވެ. ނަމަވެސް އެ މީހުންނަކީ ޝީޢީންނޭ ބުނެވޭނެ ބައެއް ނޫނެވެ. ބަނީ ހާޝިމާއި ބަނީ އުމައްޔާގެ ދެމެދުގައި ޖާހިލިއްޔަ ޒަމާނުއްސުރެ ވަރުގަދަ ޢަދާވާތްތެރި ކަމެއް އޮތެވެ. ނަމަވެސް އިސްލާމްދީން ފާޅުވެ، ޖާހިލީ ގޮތްގަނޑު މުސްލިމުންގެ ތެރެއިން ފޮހެވިފައިވަނިކޮށް، ހިނގި ހަމަނުޖެހުން ގަނޑެއްގެ ތެރޭގައި ޚަލީފާއަކަށް ހުންނެވި ޢުޘްމާނުގެފާނު ބަޔަކު ޤަތުލު ކޮށްލިއެވެ. ޢުޘްމާނަކީ އުމައްޔާ ދަރިކޮޅަށް ނިސްބަތްވާ މީހަކަށްވީމާ ބަނީއުމައްޔާ މީހުން ޢުޘްމާނުގެފާނުގެ މަރުގެ ބަދަލު ހޯދަން ފެއްޓިއެވެ. އަދި ޢަލީގެފާނަކީ ބަނީ ހާޝިމް ދަރިކޮޅުގެ މީހަކަށްވީމާ ބަނީ އުމައްޔާއިން ޢަލީއަށް ބައިޢަތު ހިފަން ދެކޮޅު ހެދިއެވެ. މަދީނާ މީހުން ޢަލީއަށް ބައިޢަތު ހިފީމައި ބަނީ އުމައްޔާ މީހުން މައްކާއަށް ދިޔައެވެ.

ޒުބައިރްގެފާނާއި ޠަލްޙާގެފާނުވެސް ފުރަތަމަ ނުރުހުމާއެކުވެސް ޢަލީއަށް ބައިޢަތު ހިއްޕެވުމަށްފަހު ފަހުން މައްކާއަށް ވަޑައިގެން އެ ބައިޢަތު އަނބުރާ ގެނެސް މުޢާވިޔަތަށް ބައިޢަތު ހިއްޕެވިއެވެ. އަދި ޢާއިޝަތުގެފާނުވެސް މުޢާވިޔަތުކޮޅަށް ބުރަވެވަޑައިގަނެ، ޢުޘްމާނުގެފާނުގެ މަރަށް ބަދަލު ހިފަން އެދޭ މީހުން ކޮޅަށް ޖެހިވަޑައިގަތެވެ. މި ކަންތައްގަނޑު ތެރެއިން އުފެދުނު ހަނގުރާމައަކީ ”ޖަމަލު ހަނގުރާމަ” އެވެ. މި ހަނގުރާމައަށް ޖަމަލު ހަނގުރާމައިގެ ނަމުން ނަންދެވުނީ ހަނގުރާމަ ހިނގަމުން ދިޔަތާގައި ޢާއިޝަތުގެފާނު ޖަމަލެއްގެ ހައުދަޖުގައި ހުންނެވުމުންނެވެ.

ބަނީ އުމައްޔާއިން ދެކުނު ގޮތުގައި ޢުޘްމާނުގެފާނު އަވަހާރަވުމުގައި ޢަލީގެފާނުގެ ފަރުވާ ކުޑަކުރެއްވުމެއް ވެއެވެ. ވީމާ ޢަލީގެފާނާއި ބަނީ އުމައްޔާ ދެމެދު އޮތް ހަމަނުޖެހުމަށް ހިމޭން ކަމެއް ނައިސް އުޅެނިކޮށް އަނެއްކާ މުޢާވިޔަތު ބިން އަބީ ސުފްޔާނާއި ޢަލީގެފާނުގެ ލަޝްކަރާ ދެމެދު ފުރާތު ކޯރު ކައިރީ ހިނގި ”ޞައްފައިން ” ހަނގުރާމަ ހިނގިއެވެ.

މި ހަނގުރާމަ ޢަލީގެފާނު ކާމިޔާބު ކުރައްވަން ކައިރިވެފައިވަނިކޮށް، ޢަމްރޫ ބިން އަލްޢާޞްގެ ޚިޔާލަކަށް މުޢާވިޔަތުގެ ލަޝްކަރުގެ މީހުން ލޮންސީގެ ކޮޅަށް މުޞްޙަފު ނަގައި މައްސަލަ ނިންމާނީ ޤުރުއާނުގައި އޮތް ގޮތަށް ކަމަށް ބުނެ، ޔަޤީން ބައްޔަކުން ސަލާމަތްވިއެވެ. މުޢާވިޔަތުގެ ލަޝްކަރު މީހުން ހެދީ މަކަރެއްކަން އެނގިވަޑައިގެން ހުންނެވުމާއެކުވެސް ޢަލީގެފާނު ހަނގުރާމަ ހުއްޓުވާލެއްވިއެވެ.

މި ހިސާބުން، ޢަމްރޫ ބިން އަލްޢާޞް ބޭނުންފުޅު ވި ގޮތަށް ޢަލީގެފާނުގެ ލަޝްކަރުގައި ޚިޔާލުތަފާތު އުފެދި ލަޝްކަރު ބައިބައި ވިއެވެ. އެއްބަޔަކުބުނަމުން ދިޔައީ ޢަލީއަކީ ޙަޤީޤީ ޚަލީފާ ކަމަށްވުމުން، ބަޣާވާތް ކޮށް ހަތިޔާރު އުފުލާ މީހުންނާއި ޞުލްޙަވާން ނުޖެހޭނެ ކަމަށެވެ. މި މީހުންނަކީ ”ޚަވާރިޖް” ގެ ނަން ދެވުނު މީހުންނެވެ. މި ޖަމާޢަތުގެ މީހުން ޢަލީގެފާނު ކާފިރުކޮށް މުސްލިމުންނާއި ވަކިވެގަނެ އެމީހުންގެ ދައުލަތެއް އުފެއްދިއެވެ. އަދި ޢަލީގެ ފާނު ”އައްނަހްރަވާން” ގައި ޚަވާރިޖުންނާއި ހަނގުރާމަ ކުރައްވާ ބަލިކުރެއްވިއެވެ. ޚަވާރިޖުންގެ ގިނަ ބަޔަކު މަރުވެ ބާކީ ތިބި ބަޔަކު އަހުވާޒަށް ފިލައިގެން ދިޔައެވެ.

ޢަލީގެފާނުގެ ލަޝްކަރުގައި ދެން ތިބި މީހުންނަކީ ”ޝީޢާ ” ނުވަތަ ޝީޢީންގެ ނަން ދެވުނު މީހުންނެވެ. އެ މީހުން ތިބީ ކޮންމެ ޙާލަތެއްގައިވެސްޢަލިގެފާނުގެ ދަށުގައި ތިބެ ޢަލީއަށް ނަސްރު ދޭށެވެ. ޝީޢީން ވަކި ޖަމާޢަތެއްގެ ގޮތުގައި ފެއްޓުނީ މިހިސާބުންނެވެ.

ޢަލީގެފާނު ޝަހީދުކޮށްލެވުމުން މި ދެންނެވި ޝީޢީން ޢަލީގެފާނުގެ ދެދަރިކަލުން ކަމުގައިވާ ޙުސައިން އާއި ޙަސަންގެ ފަހަތުގައި ތިއްބެވެ. ޚުރާސާންގައި ޝީޢީންގެ ބާރު ގަދަވެ، ޢަލީގެފާނަށް އަދި ދެ ދަރިކަލުންނަށް ކުރާ ތާއީދު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ. ޚުރާސާން އަކީ ފާރިސްކަރަ ނުވަތަ މިހާރުގެ އީރާނުގެ ރަށެކެވެ. ޢާލީގެފާނަށް ކުރާ ތާއީދުގެ އިތުރަށް ޝީޢިންގެ މެދުގައި ބަނީ އުމައްޔާ ދެކެ އަންނަ ރުޅިވެރިކަންވެސް ދިޔައީ އިތުރުވަމުންނެވެ. އުމަވީ ދައުލަތުގައި ޢަރަބިންނަށް ދީފައިވާ އިސްކަންދީ، ޢަޖަމީން (މިތާ މަޤްސަދަކީ ފާރިސީން) ވެރިކަމުގެ ދާއިރާއިން ދުރުކުރުންވެސް އެއީ މައްސަލަ ހައްތާ އިތުރަށް ގޯސްވި ކަމެކެވެ.

ދެން ހިނގި ފާހަނގަ ކޮށްލަން ޖެހޭ ކަމަކީ ޙަސަންގެފާނު (ޢަލީގެ ދަރިކަލެއް) މުޢާވިޔަތާއި ޞުލްޙެވެ ވަޑައިގަތުމެވެ. މި ކަމުގެ ސަބަބުން ޝީޢީން ޙަސަންގެފާނު ދެކެ ނުރުހުންވިއެވެ. ޢަލީގެ އަނެއް ދަރިކަލުން ޙުސައިންގެފާނު ކައިވެނި ބައްލަވައިގެން ހުންނެވީ ފާރިސީ ރަސްކަލެއް ކަމުގައިވާ ޔަޒްޖުރްދުގެ  އަންހެން ކަމަނާއަކާއެވެ. ޙުސައިންގެފާނަށް މި ބަނޑުން ލިބިލެއްވި ދަރިކަލަކީ ”ޒައިނުލް ޢާބިދީން” އެވެ. މީގެ މާނައަކީ ޝީޢީންނާއި ފާރިސީންނާއި ދެމެދު ނަސްލީ ގުޅުމެއް އުފެދުމެވެ. އަދި ފާރިސްކަރައިގައި ޝީޢީން ގިނަވުމުގެ ސަބަބަކީ މި ކައިވެނި ކަމަށް ވުމަކީ ވަރަށް ކައިރި ކަމެއް ކަމުގައި މެނުވީ ނުވެއެވެ.

ހިޖުރައިން 63 ވަނަ އަހަރު ޙުސައިންގެފާނު ޝަހީދުކޮށްލެވުނެވެ. ކަރްބަލާގެ ޤަތުލު ޢާޢްމުން ސަލާމަތްވެވަޑައިގަތީ ޙުސައިންގެ ދަރިންގެ ތެރެއިން ޒައިނުލް ޢާބިދީން އެކަންޏެވެ. އަދި ބަނޫ ޢައްބާސް ވެރިކަމަށް އައިސް ޢަލީގެފާނުގެ ނަސްލުގެތެރެއިން ބިންމަތީ ތިބި މީހުން މަރައި ހުސްކުރިއެވެ. ސަލާމަތްވެވަޑައިގަތީ އިމާމް ޖަޢުފަރު އައްޞާދިޤުއެވެ.ޖަޢުފަރަކީ ޙުސައިންގެފާނުގެ ދަރި ޒައިނުލް ޢާބިދީންގެ ދަރި އަލްބާޤިރުގެ ދަރިއެވެ.

ބާޤިރަކީ ވަރަށް ބޮޑު ޢިލްމުވެރިއަކަށްވުމާއެކު ޝީޢީންގެ ވަކި މުޢާމަލާތީ ފިޤުހާއި ޢިބާދާތީ ފިޤުހު އުފެދި އަހުލުއް ސުންނާއި ތަފާތު ކުލައެއް ހުރި މަޛްހަބެއް ފެއްޓުނީ މި ހިސާބުންނެވެ. އިމާމް މާލިކާއި އަބޫ ޙަނީފާގެ ޝައިޚެއް ކަމުގައިވާ ބާޤިރާކީ ވަރަށް ތަޤުވާވެރި މާތް ޢިލްމުވެރި ބޭކަލެކެވެ.

ޝީޢީންގެ ފިރުޤާތައް :

ޝީޢީންގެ ވަކިވަކި ފިރުޤާތަކުގެ ތެރެއިން މިހާރު އެންމެ މަޝްހޫރީ ފަސް ފިރުޤާއެކެވެ. އެއީ :

1- އައްޒައިދިއްޔާ :

އެއީ ޒައިދް ބިން ޢަލީ ބިން ޙުސައިން އަށް ތަބާވާ މީހުންނެވެ. ޒައިދިއްޔާއަކީ އަހުލުއް ސުންނާއާއި އެންމެ ކައިރި ޝީޢީ ފިރުޤާއެވެ. އަދި އެންމެ ހައްދުފަހަނައެޅުން ކުޑަ މީހުންވެސް މެއެވެ. ޒައިދިއްޔާ ގެ މީހުން މިހާރު އެންމެ ގިނައި ޔަމަނުގައެވެ.

2- އަލްއިމާމިއްޔާ :

މިއީ ޢަލީގެފާނުގެ އާލުންގެ ތެރެއިން 12 އިމާމެއް ހޮވާ އަދި އިމާމުކަން މި މީހުންނަށް ޚާއްޞަކޮށް އެ މީހުންނަށް ރަސޫލުންނަށްވެސް ނުދެވޭފަދަމާތްކަމަކާއި ކަރާމާތް ދޭ މީހުންނެވެ. މި ޖަމާޢަތަށް ކިޔޭ އަނެއް ނަމަކީ ”އިޘްނާ ޢަޝްރިއްޔާ” އެވެ. މި ބާރަ އިމާމުންނަކީ: ޢަލީ، ޙަސަން، ޙުސައިން، ޢަލީ ޒައިނުލް ޢާބިދީން ބިން އަލްޙުސައިން، އަލްބާޤިރު، ޖަޢްފަރު އައްޞާދިޤު، މޫސާ އަލްކާޡިމް، ޢަލީ ރިޟާ، މުޙައްމަދު އަލްޖަވާދު، ޢަލީ އަލްހާދީ، ޙަސަނުލް ޢަސްކަރީ، ދެން މީނާގެ ދަރި މުޙައްމަދު އަލްމަހުދީ އެވެ. 265ހ އަހަރުގައި މުޙައްމަދު އަވަހާރަ ވުމަށްފަހު އިމާމުން ގެ ސިލްސިލާއަށް ނިމުމެއް އައެވެ.

އިމާމިއްޔާ މީހުން ބުނާ ގޮތުގައި މި މުޙައްމަދު އަލް މަހުދީ އަސްލުގައި މަރެއް ނުވެއެވެ. ކިއެއްތަ އޭނާވަނީ ސާމުއްރާގައި ހުރި ހޮހޮޅައަކަށް ވަދެޢާއިބުވެފައެވެ. އަދި ފަހުގެ ވަގުތެއްގައި އަންނާނެ އިންތިޒާރު ކުރެވޭ މަހުދީއަކީ އޭނާއެވެ.

މި ޒަމާނުގައި ދުނިޔޭގައި އުޅޭ ގިނަ ޝީޢީންނަކީ އިމާމިއްޔާ ޝިޢީންނެވެ. ގިނައިން އުޅެނީ އީރާން، ޢިރާޤު، ސޫރިއްޔާ، ލުބްނާން، ތުރުކީއަފްޣާނިސްތާން، ޕާކިސްތާން، އިންޑިއާ އަޒަރުބައިޖާން ގައެވެ. އަދި ބައެއް މީހުން ދުނިޔޭގެ އެތަން މިތާގައި މި މީހުން ކޮންމެވެސް ވަރަކަށް އުޅެއެވެ.ދުނިޔޭގައި އުޅޭ މިހާރު އުޅޭ 1.3ބިލިއަން މުސްލިމުންގެ ތެރެއިން ޝީޢީން -ހުރިހާ ފިރުޤާތައް އެއްކޮށް- ހިއްސާ ކުރަނީ އެންމެ 10 އިންސައްތައެވެ. 90 އިންސައްތަ މުސްލިމުންނަކީ ސުންނީ މުސްލިމުންނެވެ.

މި މީހުންގެ ފިކުރު ލިޔެވިފައިވާ އެންމެ މުހިއްމު އެއްފޮތަކީ ”އަލްވާފީ” އޭ ކިޔޭ ފޮތެކެވެ. އިމާމިއްޔާގެ މައގަނޑު އުޞޫލުތަކަކީ:

1- ޢަލީގެފާނަށް ތާއީދު ކުރި ބަދު ޞަޙާބީން މެނުވީ އެހެން ޞަޙާބީން ކާފިރުކޮށް އެ ބޭފުޅުންނަށް އެއްޗެހި ކިއުން ވަކިން ޚާއްޞަކޮށްއަބޫބަކުރުގެފާނަށް . އަދި ޢާއިޝަތުގެފާނާއި ޙަފްޞާގެފާނު އެއީ ނަރަކައިގައި ދެމިތިބޭނެ ދެ ކާފަރުން ކަމުގައިވެސް އިމާމިއްޔާގެ ހައްދުފަހަނައަޅާފައިވާ ބައެއް މީހުން ބުނެއެވެ. އެއީ ސޫރަތު އައްތަޙްރީމްގެ 10 ވަނަ އާޔަތް އެ މީހުން ބޭނުންވާ ގޮތަށް ތައުވީލު ކުރުމަށްފަހު ބުނާ ވާހަކައެކެވެ.

2- މިހާރު މިއޮތް މުޞްޙަފަކީ އުނި އެއްޗެއް ކަމުގައި ބުނުން. އެއީ އެ މީހުން ބުނާ ޢިބާރާތުންނަމަ ޞަޙާބީންގެ ތެރެއިން ”މުނާފިޤު” ބަޔަކު ވަނީޢަލީގެފާނާއި ޢަލީގެފާނުގެ ދަރިކޮޅާއި ގުޅުން ހުރި ބައިތަކެއް ޤުރުއާނުން ފޮހެލާފައި. އަދި މުޙައްމަދަށް ބާވައިލެއްވުނު ޤުރުއާނުގައި 7 ހާސް އާޔަތް ވާ ކަމަށާއި މިހާރު އޮތް ޤުރުއާނުގައި ވަނީ 6263 އާޔަތް ކަމަށް ބުނުން. މިއީ އަކީ ހުރިހާ ޝީޢީން ބުނާ ވާހަކައެއް ނޫނެވެ.

3- ޝީޢީ އިމާމުންގެ ފަރާތުން ނޫން ގޮތަކަށް ރިވާވާ ހުރިހާ ރިވާޔަތެއް ދޮގުކުރުން، އަދި މި އިމާމުންނަކީ ނަބީ ބޭކަލުންފަދައިން މަޢްޞޫމް ބައެއްކަމުގައިވެސް ބުނުން.

4- އައްތަޤިއްޔާ، މީގެ މާނައަކީ ގެއްލުމަކުން ސަލާމަތްވުމަށް އަޑީގައިވާ ޢަޤީދާއާއި ޚިލާފު ގޮތަކަށް ބޭރު ފުށުން ދެއްކުން.

5- އިމާމު މިވަގުތު ނެތުމުން، ޖިހާދަކީ މިވަގުތު ވާޖިބު އެއްޗެއް ނޫންކަމަށް ބުނުން.

6- އައްރަޖްޢާ: މީގެ މާނައަކީ އެ މީހުން އިންތިޒާރު ކުރާ މަހުދީ ދުނިޔެއަށް އައުމުން، ކުރިން މަރތުވެފައިވާ ބަޔަކު އަލުން ދުނިޔެއަށް ، މާތް ﷲ ގެންނަވާނެއެވެ. އޭގެ އެންމެ ކުރީގާ ވަނީ ޢަލީގެފާނުގެ އަހުލު ބައިތުގެ ތެރެއިން އަނިޔާ ލިބިނު މީހުންނާއި، އެ މީހުންނަށް އެންމެ ބޮޑަށް އަނިޔާ ދިން މީހުންނެވެ. އަދި އަނިޔާ ލިބުނު މީހުންނަށް ޙައްޤު ދެއްވުމަށްފަހު އަނެއްކާވެސް އެ އެންމެން މަރުވާނެއެވެ.

3- އަލްބާޠިނިއްޔާ :

މިއީ ޝީޢީންގެ ތެރެއިން ވަރަށް ބޮޑަށް ހައްދުފަހަނައަޅާފައިވާ ފިކުރުތަކެއް ގެންގުޅޭ، އަހުލުއް ސުންނާ އާއި އެންމެ ދުރު ޝީޢީ ފިރުޤާއެވެ. އަދި ތެދު އިސްލާމީ ޢަޤީދާއާއި ވަރަށް ދުރުގައި އުޅޭ ބައެކެވެ.

ބާޠިނިއްޔާގެ ތެރެއިން އެންމެ މަޝހޫރު ބަޔަކީ އިސްމާޢީލިއްޔާ އެވެ. މިއީ އިސްމާޢީލް ބިން ޖަޢްފަރުއް ޞާދިޤަށް ތަބާވާ ފިރުޤާއެކެވެ. އެއް ޖިސްމުންއަނެއް ޖިސްމަށް ރޫޙު ބަދަލުވުމަކީ މި މީހުން ޤަބޫލު ކުރާކަމެކެވެ. އެގޮތުން އެމީހުންގެ ކުރީގެ އިމާމުންތައް އަދި އައުމަކީ ވާނެ ކަމެކެވެ.

މި ފިރުޤާ ދެ ޖަމާޢަތަކަށް ބެހިގެންވެއެވެ. އެއް ބަޔަކީ އިންޑިއާގައި އޮންނަ ”އަލްބަހަރާ” އޭ ކިޔޭ ބައެކެވެ. އަދި އާޣާޚާން އަށް ތަބާވާ މީހުން، ނުޞައިރިއްޔާ، ދުރޫޒް އަކީވެސް ބާޠިނިއްޔާގެ ތެރޭގައި ހިމެނެއެވެ.

ސުންނީންނާއި ޝީޢީންނާއި ހުރި ބައެއް ތަފާތު:

އެކެއް: ސުންނީން ޙަދީޘްތައް ރިވާ ކުރުމުގައި ގެންގުޅޭ ގޮތާއި، ބަލާ މިންގަނޑާއި ރިވާ ކުރާ މީހުން ޝީޢީންނާއި ތަފާތެވެ.  والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 3 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ދެބައެއްގެ ވާހަކަ ދައްކާއިރު އެއްބައެއްގެ ގޯސްވާހަކަ އެކަނި ދެއްކުމަނީ އިންސާފުވެރި ގޮތްކަމަށް ގަބޫލް ކުރައްވަންތޯ ސީއީންގެ ތެރޭގައި އެއްވެސް ރަނގަޅު ފިކުރެއް ނެތީތޯ ސުންނީންގެ ތެރޭގައި ހައްދުފަހަނަ އަޅާފައިވާ ޖަނާއަތެއް ނެތީތޯ . ސީއީން ނަކީ ސީއީންގެ ތެރެއިން އެންމެ ހައްދު ފަހަނަ އަޅާފައިވާ މީހުންކަމަށް ބަލަންޏާ ސުންނީނަކީވެސް ސުންނީންތެރޭގައި އުޅޭ އެންމެ ނުބައި ޖަމާއަތުގެ އަމަލުތައްކަމަށް ބަލަންވީތޯ މިސާލަކަށް އިއެސް އަކީ ސުންނީ ޖަމާއަތެއް އެމީޙުން އެދަނީ ހައްގަކާ ނުލައި މީހުން ކަތިލަމުން ރަސޫލާގެ ހަޔާތް ފުޅުގައި މީހުންނަށް އަލިފާނުން އަދަބު ދިނުން ނަހީކުރެއްވި އެކަމަކު އައިއެސް މީހުން މީހުން ދިރިތިއްބާ ރޯކޮށްލާ މަންޒަރު ފެނޭ ދެންބުނަންވީތޯ ސުންނީންނަކީ މީހުން މަރާ ބައެކޭ ރަނގަޅަށް މައުލޫމާޓް ސާފު ކުރައްވައިގެން އެއްޗެހިލިޔުއްވާ..

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.