އިޓަލީ ވިލާތަށް އުފަން ޗާލްސް ޕޮންޒީ އުފަންވެފައިވަނީ 1882 ވަނަ އަހަރުގެ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ. އެއަށްފަހު އުމުރުން 21 އަހަރުގައި ( 15 ނޮވެމްބަރ 1903 ވަނަ އަހަރުގައި ) ޗާލްސް ޕޮންޒީ މުއްސަނދިވުމުގެ އުއްމީދުގައި އެމެރިކާއަށް ހިޖުރަކުރިއެވެ.
މީނާ ހިޖުރަ ކުރިއިރު ޖީބުގައި އޮތީ ހަމައެކަނި ދެޑޮލަރާއި ފަންސާސް ސެންޓެވެ. ޖުވާކުޅެގެން ކާމިޔާބު ނުވާންފެށުމުން މަގުމަތީ ހިންގާ އެކި ސައިހޮޓަލެއްގައި ތަށިދޮވުމުގެ ވަޒީފާ އަދާކުރަންފެށިއެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސިން ވާހަކަދައްކަން ޕޮންޒީ ދަސްކުރިއެވެ. ވަޒީފާގައި ސައިހޮޓަލުގެ ވޭޓަރު ކަމާއި ހަމައަށް އާދެވުމުން ކަސްޓަމަރުންނަށް ބާކީ މަދުން ދިނުމާއި ވައްކަން ކުރަމުންދިއުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނެވެ.
އެކިގޮތް ގޮތުން ފައިސާ ހޯދާނެ ގޮތްތަކާއި މެދު މަސައްކަތް ކުރަމުން އައިސް ޗާލްސް ޑިކްނެސް ލިޔެފައިވާ ވާހަކަ އާއި މާރޓިން ޚުޒްވެޓް ލިޔެފައިވާ ”ލިޓްލް ޑޮރެޓް“ ގައިވާ ފައިސާހޯދުމުގެ ފިކުރުގެ މައްޗަށް ބިނާކޮށް 1920 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަކަރުވެރި ސްކީމެއް އެމެރިކާގައި ހިންގަންފެށުނެވެ. މި ސްކީމަށް ނުވަތަ މިފަދަ ކޮންމެ ހީލަތްތެރި ވިޔާފާރި ރޭވުންތެރި ސްކީމް ތަކަށް ޕޮންޒީ ސްކީމޭ ކިޔަންފެށުނެވެ.
މިޒަމާނުގައި ހިންގޭ ޕޮންޒީ ސްކީމް ތަކުގައި ބޮޑަށް ބެލެވެނީ ޕްރަމިޑް ސްކީމް ގެ އެތުރުން އެތުރިފައިވާތަނެވެ. މިގޮތުން ހުންނަ ސްކީމް ތަކުގައި ތިމާމެމްބަރަކަށް ވުމުގެ އިތުރަށް ވައްދާ ކޮންމެމީހެއްގެ ފުށުން ކަމިޝަން ( ކަޓެއް) ލިބޭގޮތް ހަމަޖެހިފައި އޮވެއެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި އަދި ދިވެހިރާއްޖޭގައިވެސް ޕޮންޒީ ސްކީމް ހިންގުމަކީ ނުވަތަ ޕްރަމިޑް ސޭލްސް ސްކީމް ހިންގުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.