
ޔަމަނުގައި ސަޢޫދީގެ ބާރެއް އެބައޮތްތަ؟
ރަތްކަނޑުގެ އައްސޭރިފަށުގައި ހޫޘީން ހޯދަމުންދާ ކުރިއެރުންތަކާއެކު، ސަޢޫދީގެ ތެޔޮ އޭޝިއާއަށް ފޮނުވާ މައި މަގު ކަމުގައިވާ ’ބާބުލް މަންދަބް‘ ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު އޮތީ އެމީހުންގެ އަތްދަށުގަ އެވެ.
ހޫޘީން މިހާރު ދަނީ ޔަމަނުގެ މުހިންމު ދެ ސިޓީ ކަމަށްވާ ތާއިޒްއާއި މާރިބް ހިފުމަށް މަސައްކަތް ކުރަމުންނެވެ. މި ދެ ސިޓީ އެމީހުންގެ އަތްދަށަށް ގޮސްފިނަމަ، އެއީ ސަޢޫދީން ތާޢީދުކުރާ ޔަމަނުގެ ޤާނޫނީ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.
ޔަމަނުގެ ބިމަށް ސިފައިން ފޮނުވަން ބޭނުންނުވާ ސަޢޫދީއަށް، އެ ޤައުމުގެ ބިމުގައި ތިބި އެކުވެރިންގެ އިތުބާރެއްވެސް މިހާރު ނެތެވެ. ޔޫއޭއީގެ އެހީތެރިކަމާއެކު ހަރަކާތްތެރިވި ’ނޭޝަނަލް ރެސިސްޓަންސް ފޯސަސް‘ ވެސް ހޫޘީންގެ ކުރިއެރުންތަކާއެކު ވަނީ ބަލިކަށިވެފަ އެވެ.
ޕްރިންސްޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ބާނާޑް ހައިކަލް ވިދާޅުވި ގޮތުގައި، ޔަމަނުގައި ހަނގުރާމަ ކުރުމުގެ ޤާބިލްކަން ހުރި ހަމައެކަނި ބަޔަކީ ސަަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އެވެ. ނަމަވެސް އެސްޓީސީން ބޭނުންވަނީ ދެކުނު ޔަމަނަކީ މިނިވަން ދައުލަތަކަށް ހެދުމަށެވެ. މިއީ ސަޢޫދީއާއި ޔޫއޭއީގެ ގުޅުމަށް ބުރޫއަރާފައިވާ މައިގަނޑު އެއް ސަބަބެވެ.
ހޫޘީންނާ ކުރިމަތިލުން
ސަޢޫދީގެ އެތެރޭގެ ހާލަތަށް ބަލާއިރު، ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ތެލުގެ ސިނާއަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ޔޫރަޕަށް ފޮނުވަން ހަމަޖެހިފައިވާ ބައެއް ތެޔޮ ޝިޕްމަންޓްތައް ސަޢޫދީން ވަނީ ކެންސަލްކޮށްފަ އެވެ. މީގެ އިތުރުން، ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ’ވިޜަން 2030‘ އިޤްތިޞާދީ މަޝްރޫއަށްވެސް މިކަމުގެ ސަބަބުން ނުރައްކާވެދާނެ އެވެ.
ސަޢޫދީ ޢަރަބިއްޔާއިން މިހާރު ގެންގުޅެނީ މީގެ ދިހަ އަހަރު ކުރިއާ ތަފާތު ސިޔާސަތެކެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގެން ކުރިމަތިވި ނޭދެވޭ ނަތީޖާތަކާއި ބައިނަލްއަޤްވާމީ ފިއްތުންތަކަށް ސަޢޫދީން ވަނީ ހޭލުންތެރިވެފަ އެވެ. ނަމަވެސް، ހޫޘީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ބަނދަރުތަކާއި އެއާޕޯޓްތައް ސަޢޫދީން އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަނީ، ހޫޘީންގެ ކުރިއެރުންތައް ހުއްޓުވުމަށް ސަޢޫދީގެ ވަރުގަދަ ވައިގެ ސިފައިން ބާރު ބޭނުން ނުކުރަނީ ކީއްވެގެންތޯ އެވެ. ހައިކަލް ވިދާޅުވި ގޮތުގައި، އެމެރިކާގެ އެހީތެރިކަމެއް ނެތި ކުރިއަށްދާން ސަޢޫދީން ފަސްޖެހުމަކީ ބައެއް ސަރަހައްދުތައް އެ ޤައުމަށް ގެއްލިގެންދިޔަ ސަބަބެވެ.
ހޫޘީންނަކީ އީރާނުގެ ’އެކްސިސް އޮފް ރެސިސްޓަންސް‘ ގެ ބައެކެވެ. ސަރަހައްދީ މަސްލަހަތު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހޫޘީންނަކީ އަމިއްލަ މިނިވަންކަމަށް ލޯބިކުރާ ބަޔަކަށް ވިޔަސް، އެމީހުން ދަނީ އީރާނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިހާރު ސަޢޫދީގެ ސިޔާސަތަކީ އީރާނާއެކު މަޝްވަރާކޮށްގެން ހޫޘީންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމެވެ.
ހޫޘީން ބޭނުންވަނީ ކޮން ކަންތައްތަކެއް؟
ހޫޘީން ޔަމަނުގެ ވެރިރަށް ސަންޢާގެ އިތުރުން ގިނަ ސަރަހައްދުތަކެއް ކޮންޓްރޯލް ކުރި ނަމަވެސް، އެމީހުން ތިބީ އިޤްތިޞާދީ އަދި ދަތުރުފަތުރުގެ ބަންދެއްގެ ތެރޭގަ އެވެ.
ހޫޘީން ބުނާ ގޮތުގައި ސަޢޫދީގެ އާގުބޯޓުތަކަށް އެމީހުން ދޭ ހަމަލާތައް ހުއްޓާލާނީ، އެމީހުންގެ ކޮންޓްރޯލްގެ ދަށުގައިވާ ބަނދަރުތަކާއި އެއާޕޯޓްތައް ހުޅުވާލުމުންނެވެ.
ހައިކަލް ވިދާޅުވާ ގޮތުގައި ސަޢޫދީއަށް އޮތް އެންމެ ފަހު އިޚްތިޔާރަކީ ހޫޘީންނަށް ފައިސާ ދީގެން ކުރު މުއްދަތުގެ ސުލްހައެއް ޤާއިމުކުރުމެވެ. ނަމަވެސް، ކުއިލިއަމް ވިދާޅުވި ގޮތުގައި ހޫޘީންގެ ޝަރުތުތަކަށް ސަޢޫދީން އެއްބަސްވުމަކީ އެ ޤައުމުން ބަލި ޤަބޫލުކުރުން ފަދަ ކަމެކެވެ.
މެދުއިރުމަތީގައި އުފެދެމުން އަންނަ ބާރެއްގެ ގޮތުގައި އަމިއްލަ ނަފްސު ދެކޭ ސަޢޫދީ ޢަރަބިއްޔާއަށް، ހޫޘީންގެ ޝަރުތުތަކަށް ދޫދީ އަދި އަބުރު ގެއްލޭ ފަދަ ގޮތަކަށް ޢަމަލުކުރުމަކީ ކުރަން ފަސޭހަ ކަމެއް ނޫނެވެ.
މި ހާލަތުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއަށް މަޖުބޫރުވަނީ ޔަމަނުގެ ހަނގުރާމައިގައި އެ ޤައުމުން އަދާކުރާ އަސްކަރީ ދައުރު މަޑުމަޑުން އިތުރުކުރުމަށެވެ.



