
ޔަމަނު ހަނގުރާމައިގެ ސަބަބުން 86،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވޭ – އދ
ޔަމަނުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ގާތްގަނޑަކަށް 86،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
މީގެ އިތުރުން، ހޫޘީން ހުޅަނގު އައްސޭރީގެ ސިޓީތައް ހިފުމާ ގުޅިގެން އިންސާނީ ޙައްޤުތަކާ ހިލާފު 900 އަށްވުރެ ގިނަ ޢަމަލު ހިންގާފައިވާކަން އެހެން ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ.
ޔަމަނުގެ ސަރުކާރު ފައުޖުތަކާއި ހޫޘީންނާ ދެމެދު އަލުން ފެށުނު ހަނގުރާމައިގެ ސަބަބުން 86،000 އެއްހާ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން އިން އާދީއްތަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.
މި އަދަދު އެއް ދުވަސް ތެރޭގައި ވަނީ 10،000 އަށް އިތުރުވެފަ އެވެ. އދ. ގެ ހިޖުރަވެހިންނާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެދޮރު ދޫކޮށް ދާން މަޖުބޫރުވި ގިނަ ބަޔަކީ ތަކުރާރުކޮށް ޙާލުގައި ޖެހިފައިވާ މީހުން ކަމަށެވެ.
އައި.އޯ.އެމްގެ ޑައިރެކްޓަރ ޖެނެރަލް އެމީ ޕޯޕް ވިދާޅުވީ، ކޮންމެ އަދަދެއްގެ ފަހަތުގައިވަނީ ހުރިހާ އެއްޗެއް ގެއްލިފައިވާ ޢާއިލާއެއް ކަމަށެވެ. އަދި އެހެން އެއްވެސް ގޮތެއް ނެތުމުގެ ސަބަބުން މީހުން ކަނޑު ހުރަސްކުރަމުން ދަނީ އެއްވެސް އެއްޗެއް ނެތި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޔަމަނަކީ ފަޤީރުކަމާއި ހަނގުރާމައިގެ ސަބަބުން ބަލިކަށިވެފައިވާ ޤައުމަކަށް ވުމުން، އެކަނި މި ކާރިސާއާ ކުރިމަތިލުމުގެ ޤާބިލުކަން އެ ޤައުމުގައި ނެތް ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.
އައި.އޯ.އެމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 2،000 އަށްވުރެ ގިނަ މީހުން ވަނީ ޔަމަނުން ފުރައިގެން ކަނޑުމަގުން ޖިބޫތީއަށް ގޮސްފަ އެވެ.
ޖިބޫތީއަށް ދާ މީހުން އޮބޮކް ސަރަހައްދަށް ގެންގޮސް، އެމީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އަދި ހަނގުރާމަ ވަރުގަދަވަމުންދާ ވަރަކަށް އިތުރު ބަޔަކު ޤައުމު ދޫކޮށް ދާނެ ކަމަށް ބެލެވޭތީ، އިތުރު އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރި އެވެ.
މި ރިޕޯޓު އައިސްފައިވަނީ ސެޕްޓެމްބަރު 3 އިން ފެށިގެން ހޫޘީންނާއި ސަޢޫދީ ޢަރަބިއްޔާގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރު ފައުޖުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަރުގަދަވެ، ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ހޫޘީން ސަޢޫދީގެ ބޯޑަރު ހުރަސްކޮށް ހަމަލާތައް ދެމުންދާއިރު، ސަޢޫދީ އިއްތިހާދުން ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންދާ ކަމަށް ހޫޘީންގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.
ޔަމަނުގައި ޢާންމުންގެ ޙައްޤުތަކާ ޚިލާފު 950 އަށްވުރެ ގިނަ ޢަމަލު ހިންގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
މި ހަފުތާގައި ހޫޘީން ވަނީ ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދަކާއި، ސްޓްރެޓީޖިކް ގޮތުން މުހިންމު ރަށްތަކެއްގެ އިތުރުން ބާބުލް މަންދަބު ކަނޑުއޮޅިވެސް ހިފާފަ އެވެ.
ޔަމަނީ ނެޓްވޯކް ފޯ ރައިޓްސް އެންޑް ފްރީޑަމްސް އިން ބުނި ގޮތުގައި، ހޫޘީން އެ ސިޓީތަކަށް ވަނުމަށްފަހު ހުޅަނގު އައްސޭރީގެ ކުރީ ސަފުތަކުގައި ޢާންމުންނާ ދެކޮޅަށް ހިންގާފައިވާ 950 އަށްވުރެ ގިނަ އުސޫލާ ޚިލާފު ޢަމަލުތައް ވަނީ ފާހަގަކުރެވިފަ އެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި، 150 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ރެކޯޑުކުރެވިފައިވެ އެވެ. އަދި ލިބިފައިވާ ފުރަތަމަ މަޢުލޫމާތުތަކަށް ބަލާއިރު، ހޫޘީން ވަނީ ގިނަ އަދަދެއްގެ ގެދޮރާއި އަމިއްލަ މުދާ ފޭރިފަ އެވެ.
މީގެ އިތުރުން، އާއިލާގެ މީހުން އަނބުރާ ގެނައުމަށާއި، އަމާންދީ ހަތިޔާރު ހަވާލުކުރުމަށް މަޖުބޫރުކުރުވުމުގެ ގޮތުން، ޢާންމުންނާއި އަސްކަރީ މީހުން ހައްޔަރުކުރުމުގެ ފުޅާ ހަރަކާތެއް ހޫޘީން ހިންގަމުންދާ ކަމަށްވެސް ވައި.އެން.އާރު.އެފް އިން ބުނެފައިވެ އެވެ.



