
ހޫޘީން ސަޢޫދީގެ އަސްކަރީ މަރުކަޒަކަށް ޙަމަލާތަކެއް ދީފި
ޢިރާޤުގެ ތެޔޮ ހޮޅިއަކަށް ދީފައިވާ ޑްރޯން ޙަމަލާތަކެއް ބަޣްދާދުން ތަޙުޤީޤު ކުރަމުންދަނިކޮށް، ހޫޘީން ސަޢޫދީ ޢަރަބިއްޔާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ޙަމަލާތަކެއް ދީފި އެވެ.
ސަޢޫދީ ޢަރަބިއްޔާއަށް އެކި ދިމަދިމާލުން ކުރިމަތިވަމުންދާ ނުރައްކާތަކާއި ފިއްތުންތަކާ ގުޅިގެން، ޢިރާގުގެ ސަރަޙައްދުތަކުން ފޮނުވާލާ ޙަމަލާތައް ހުއްޓުވުމަށް ބަޣްދާދުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ސަޢޫދީން ތާޢީދުކުރާ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ސަޢޫދީގެ އަސްކަރީ މަރުކަޒަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާދީފައިވާނޭ ކަމަށް ހޫޘީ ޖަމާޢަތުން އާދީއްތަ ދުވަހު ވަނީ ބުނެފަ އެވެ.
ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވި ގޮތުގައި، މި ޙަމަލާ އަމާޒުކޮށްފައިވަނީ ސަޢޫދީގެ ދެކުނުގައި އޮންނަ ޝަރޫރާ އަސްކަރީ މަރުކަޒަށެވެ.
މީގެ ތެރޭގައި ހަތިޔާރު ގުދަންތަކާއި، ޔަމަނާ ދެކޮޅަށް ހިންގާ އުދުވާނުތައް ރާވައި ހިންގާ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ޙަމަލާތައް އަމާޒަށް ވާސިލުވެފައިވާ ކަމަށާއި، ޔަމަނަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލައިފި ނަމަ ސަޢޫދީގެ އެތެރެވަރީގެ ސަރަޙައްދުތަކަށް މިއަށްވުރެ ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ.
މި ޙަމަލާ ދީފައިވަނީ ސަޢޫދީގެ އެހީތެރިކަމާއެކު ޙަރަކާތްތެރިވާ ޔަމަނުގެ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
އާދީއްތަ ދުވަހު ޔަމަނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ތާއިޒް ސަރަޙައްދުގައި ހުރި ހޫޘީންގެ މަރުކަޒުތަކަށާއި ބެރެކްސްތަކަށް އެޤައުމުގެ ވައިގެ ސިފައިން ވަނީ ތިން ޙަމަލާއެއް ދީފަ އެވެ. އެކްސްގައި ކުރިމި ޕޯސްޓެއްގައި ޔަމަނުގެ އަސްކަރިއްޔާއިން ބުނީ، ”ޓެރަރިސްޓް ހޫޘީ ޖަމާޢަތުގެ މަރުކަޒުތަކަށާއި ބެރެކްސްތަކަށް އަމާޒުކޮށް ވައިގެ މަގުން ތިން ޙަމަލާއެއް ދީފައިވާ“ ކަމަށެވެ.
މީގެ އިތުރުން، ޔަމަނުގެ ސަރުކާރާ ގުޅުންހުރި ސެޕްޓެމްބަރު ނެޓް ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިން ވައިގެ ހަމަލާތަކުގައި ހޫޘީންގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ.
މި ހަމަލާތަކަކީ ރަތްކަނޑުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ މޮކާ އާއި ޔަމަނުގެ ހުޅަނގު ދެކުނުގެ އެހީ ސަރަޙައްދުތަކުގައި ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން ދިން ހަމަލާތަކެކެވެ.
ފަހަކަށް އައިސް ހޫޘީން ޔަމަނުގެ ހުޅަނގުގެ ބޮޑެތި ސަރަޙައްދުތަކެއްގެ ކޮންޓްރޯލް ހޯދާފައިވާއިރު، ސަރުކާރުގެ ފައުޖުތަކުން ބުނަމުންދަނީ ސަޢޫދީ ބޯޑަރު ކައިރީގައި އޮންނަ އަލް-ޖައުފް ޕްރޮވިންސްގައި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށެވެ.
ސަޢޫދީ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ޢިރާޤުން ފޮނުވާލި ޑްރޯންތަކެއް ވަނީ ރިޔާޟް އަދި މަދީނާ ސަރަޙައްދުގައި އޮންނަ ސަޢޫދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ހަމަލާދީފަ އެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅި މެދުވެރިނުކޮށް، ސަޢޫދީގެ ހުޅަނގު އައްސޭރިއަށް ތެޔޮ ފޮނުވުމަށް ބޭނުންކުރާ މުހިންމު ހޮޅިއެކެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ހޮޅި މިހާރު ވަނީ ބަންދުކޮށްފައެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަޢޫދީ ކަމާބެހޭ ފަރާތްތަކުން ކުރި ތަޙުޤީޤުން އެނގިފައިވަނީ މި ޑްރޯންތައް ފޮނުވާލާފައިވަނީ އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ ޢިރާޤުގެ މައިސާން ޕްރޮވިންސުންނެވެ.
ޝައްކު ކުރެވޭ ސަރަޙައްދަކީ އަމާރާގެ އިރުމަތީގައިވާ އަލް-ތައްޔިބު ބޯޑަރު ޑިސްޓްރިކްޓްގެ ތެރޭގައި ހިމެނޭ ދުވައިރިޖް ކޯރާއި ތައްޔިބު އައިލެންޑް ސަރަޙައްދެވެ.
އަލްޖަޒީރާއިން އިތުރަށް ބުނެފައިވަނީ، މަދީނާއާ ގާތްގަނޑަކަށް 1,100 ކިލޯމީޓަރު އަދި ރިޔާޟާ 800 ކިލޯމީޓަރުގެ ދުރުމިނެއް ހުރިކަމަށް ބަލާއިރު، މިއީ އާދައިގެ ޑްރޯންތަކެއް ނޫން ކަމަށާއި، މިއީ ދުރު ރާސްތާއަށް ދަތުރުކުރާ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ޑްރޯންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ހަމަލާއާ ގުޅިގެން ޢިރާޤަށް ރައްދު ހަމަލާއެއް ނުދިނުމަށް ބަޣްދާދުން ސަޢޫދީ ޢަރަބިއްޔާގެ ކިބައިން އެދިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.



