
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ: މޫސުމާއިބެހޭ އިދާރާ
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ބުނެފި އެވެ.
ދިވެހިރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން އާންމުކޮށްފައިވާ މޫސުމާއިބެހޭ ޚަބަރެއްގައި ބުނެފައިވަނީ، ހުޅަނގު މޫސުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާ ކަމަށާއި، ކުރިއަށްއޮތް3 ދުވަސް (ސެޕްޓެމްބަރު 11، 12 އަދި 13) ގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޯށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފަ އެވެ.
މޫސުމާބެހޭ އިދާރާގެ ޚަބަރުގައި އިތުރަށް ބުނެފައިވަނީ އާންމު ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 5 މޭލާއި 15 މޭލުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި އުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 22 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްތަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް އެއިދާރާއިން ލަފާކޮށްފައިވެ އެވެ.
ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި ގަދަވާނެކަމަށް ލަފާކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އަދި އެންމެހާ ފަރާތްތަކުންވެސް މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށް އެއިދާރާއިން ނަސޭޙަތްތެރި ވެފައިވެ އެވެ.



