އީގޯ ތުލްޗިންސްކީ، އިސްރާއީލުގެ އަސްކަރީ ޓެކްނޮލޮޖީ ފަންޑަކަށް އެހީ ދެނީ

ބްރިޓިޝް މިއުޒިއަމްގައި ދައްކާލާ ބަޔޫ ޓެޕެސްޓްރީގެ ސްޕޮންސަރު އީގޯ ތުލްޗިންސްކީ، އިސްރާއީލުގެ އަސްކަރީ ޓެކްނޮލޮޖީ ފަންޑަކަށް އެހީތެރިކަން ފޯރުކޮށްދެން ނިންމައިފި އެވެ.

ތަލްއަބީބުގައި ހުންނަ މި ވެންޗަރ ކެޕިޓަލް ފަންޑުގެ އިސްވެރިއަކީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ”ނަސްލު ނައްތާލުމަށް ބޭނުންކުރާ ވަސީލަތެއް“ ގެ ގޮތުގައި ސިފަކޮށްފައިވާ، ދުރުން ކޮންޓްރޯލްކުރާ ހަތިޔާރުތައް އުފެއްދުމަށް ބާރުއަޅާފައިވާ ކުރީގެ ޖެނެރަލެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ބްރިޓިޝް މިއުޒިއަމްގެ ތާރީޚުގައި އެންމެ އިންތިޒާރު ކުރެވުނު އެއް މައުރަޒު ކަމަށްވާ ”ބަޔޫ ޓެޕެސްޓްރީ“ އިނގިރޭސިވިލާތަށް އަނބުރާ ގެނެސް އާންމުންނަށް ދައްކާލުން ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު ފެށޭނެއެވެ. ކުރިއަށް އޮތް 11 މަސްދުވަހުގެ ތެރޭގައި، 1066 ވަނަ އަހަރު ނޯމަންއިން އިނގިރޭސިވިލާތް ފަތަހަކުރި ގޮތް ދައްކުވައިދޭ 70 މީޓަރު ދިގު މި ތާރީޚީ ފޮތިގަނޑު ބަލާލުމަށް އެތައް ލައްކަ ބަޔަކު ޒިޔާރަތްކުރާނެ ކަމަށް ބެލެވެ އެވެ.

1931 ވަނަ އަހަރުން ފެށިގެން އިނގިރޭސި ސަރުކާރުތަކުން ފްރާންސުން މި ފޮތިގަނޑު ލޯނެއްގެ ދަށުން ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މި ހޫނު މޫސުމުގައި ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިނގިރޭސިވިލާތަށް ގެނެވިފައެވެ. ”ޖީލަކުން އެއްފަހަރު“ ފެންނާނެ މައުރަޒެއްގެ ގޮތުގައި ސިފަކޮށްފައިވާ މި މައުރަޒުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ޓިކެޓްތައް، 273 އަހަރުވީ މި މިއުޒިއަމްގެ ތާރީޚުގައިވެސް އެންމެ ގިނައިން ޓިކެޓް ވިކުނު ދުވަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވަނީ ހުސްވެފަ އެވެ.

މިކަން މިގޮތަށް މަގުފަހިވެގެން ދިޔައީ މިއުޒިއަމްގެ އިސްތިހާރު ބޯޑުތަކުގައި ނަން ހިމެނިފައިވާ ބިލިއަނަރެއްގެ މާލީ އެހީތެރިކަމާ އެކުގަ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ރަސްމީ ހަފުލާގައި ރަސްގެފާނު ޗާލްސް އާއި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އަދި އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ފަދަ އިއްޒަތްތެރިންނާއެކު، އޭނާ ވަނީ ވަރަށް މަޑުމައިތިރިކަމާއެކު ބައިވެރިވެވަޑައިގެންފަ އެވެ.

އީގޯ ތުލްޗިންސްކީ އަކީ އެމެރިކާގައި ހުންނަ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ”ވޯލްޑް ކުއަންޓް“ ގެ ބާނީގެ އިތުރުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އަދި ޗެއާމަން އެވެ. މިދިޔަ ފެބްރުއަރީ މަހު ބަޔޫ ޓެޕެސްޓްރީ މައުރަޒުގެ ސްޕޮންސަރަކީ އޭނާކަން އިއުލާނުކުރިއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި އެއްބަސްވުމުގެ އަގު 5 މިލިއަން ޕައުންޑް (6.75 މިލިއަން ޑޮލަރު) އަށް އަރައެވެ. މައުރަޒަށް އޭނާ ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިއުޒިއަމްގައި ބާއްވާ ފަންޑްރެއިޒިންގް ހަފުލާއެއްގެ ރިޔާސަތު ބެލެހެއްޓުމަށްވެސް އޭނާ ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް، ތުލްޗިންސްކީގެ ވިޔަފާރީގެ މަސްލަހަތު ހުރި އެހެން ކަންކަމުގެ ތެރޭގައި، އިސްރާއީލުގައި ހުންނަ އަސްކަރީ ޓެކްނޮލޮޖީއަށް އަމާޒުކޮށްފައިވާ ވެންޗަރ ކެޕިޓަލް ފަންޑެއް ހިމެނެ އެވެ.

މި ފަންޑު ހިންގަވަނީ ދާދި ފަހުން ރިޓަޔަރ ކުރެއްވި އަސްކަރީ ކޮމާންޑަރެކެވެ. އޭނާއަކީ ގާޒާގައި ދުރުން ކޮންޓްރޯލްކުރާ އުޅަނދުތައް ބޭނުންކުރުމަށް ބާރުއަޅުއްވާ ބޭފުޅެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ވަނީ މިއީ ”ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގުމަށް ބޭނުންކުރާ ސީދާ ވަސީލަތެއް“ ކަމަށް ބުނެފަ އެވެ.

ސްޕޮންސަރޝިޕް އެއްބަސްވުމަކީ ތުލްޗިންސްކީގެ އައު ފަންޑު ”ވޯލްޑް ކުއަންޓް ޖެނެސިސް“ އޭޕްރީލް މަހު އިފްތިތާހު ކުރުމުގެ ކުރިން ވެފައިވާ އެއްބަސްވުމެކެވެ. އަސްކަރީ ޓެކްނޮލޮޖީގެ ދާއިރާއިން ވޯލްޑް ކުއަންޓް ކުރާ އިންވެސްޓްމަންޓްތަކުގެ ތަފުސީލު އަދި މުޅިން ސާފުނުވި ނަމަވެސް، އިސްރާއީލުގައި ތުލްޗިންސްކީގެ ވިޔަފާރީގެ މަސްލަހަތު އޮތްކަން ހާމަވުމުން މިއުޒިއަމްއަށް ވަނީ އިތުރު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މީގެ ކުރިންވެސް މިއުޒިއަމްގެ ގެލެރީތަކުން ފަލަސްތީނާ ގުޅުންހުރި ބައެއް ތަކެތި ނެގުމާ ގުޅިގެން މެންބަރުން ވަނީ އެކަން ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.

މިދިޔަ ހަފުތާގައި ’ދަ ގާޑިއަން‘ ނޫހުން ހާމަކުރި ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާއަށް އޭއައި އަދި ޑޭޓާ އެނަލިސިސް ސޮފްޓްވެއާ ފޯރުކޮށްދޭ ’ޕަލަންޓިއަރ‘ ކުންފުނީގެ ބާނީ، ބިލިއަނަރު ޕީޓާ ތީލްއަށް މިއުޒިއަމްއިން ވަނީ ބަޔޫ ޓެޕެސްޓްރީ ބަލާލުމުގެ ޚާއްޞަ ފުރުސަތެއް ދީފަ އެވެ.

ފަންނާނުންގެ ނެޓްވޯކެއް ކަމަށްވާ ’އާޓިސްޓްސް ފޯ ޕަލަސްޓައިން ޔޫކޭ‘ އިން ވަނީ ތުލްޗިންސްކީއާއެކު މިއުޒިއަމްއިން ބޭއްވި މި ގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން ބްރިޓިޝް މިއުޒިއަމްއިން ނުވަތަ ވޯލްޑް ކުއަންޓްއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ވޯލްޑް ކުއަންޓް ޖެނެސިސް ހިންގަވަނީ މޭޖަރ ޖެނެރަލް ސާރް ޓްޒޫރެވެ. އޭނާއަކީ އިސްރާއީލުން ގާޒާގައި ހިންގާ ގަތުލުއާންމުގެ ފުރަތަމަ އަހަރު، އަދި ލުބުނާނުގައި ހިޒްބުالله އާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި އިސްރާއީލް އަސްކަރިއްޔާގެ ނޮދަން ކޯޕްސް އަދި މެނޫވާ އެރޭގެ ކޮމާންޑަރެވެ. އޭނާ މަގާމުން ވަކިވެ، އަސްކަރިއްޔާއިން ރިޓަޔަރ ކުރެއްވީ އޮކްޓޯބަރު 2024 ގައެވެ.

އޭގެ ފަހުން އޭނާ ގުޅުނީ އިސްރާއީލުގެ އަސްކަރިއްޔާއަށް ދުރުން ކޮންޓްރޯލްކުރާ އުޅަނދުތަކުގެ ޓެކްނޮލޮޖީ ފޯރުކޮށްދޭ ’އޮޓޯޕިއާ‘ ކުންފުނީގެ އެޑްވައިޒަރީ ބޯޑާ އެވެ.

އޮޓޯޕިއާގައި ކުރާ މަސައްކަތާ ގުޅޭގޮތުން ޓްޒޫރު ބުނެފައިވަނީ ގާޒާގައި މިފަދަ އުޅަނދުތައް ބޭނުންކުރުމަކީ ”ބާރުގަދަވާނެ“ ކަމެއް ކަމަށެވެ. އަދި ދުރުން އުޅަނދުތައް ހިންގުމަކީ އަސްކަރީ ގޮތުން ކުރިހޯދުމަށާއި، ސިފައިންގެ މަރުވާ އަދަދު މަދުކުރުމަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

އޮޓޯޕިއާއިން ބުނާގޮތުގައި އެ ކުންފުނީގެ ޓެކްނޮލޮޖީއަކީ ”ހަނގުރާމައިގެ މައިދާނުގައި ސާބިތުވެފައިވާ“ އެއްޗެކެވެ. މީގެ ތެރޭގައި ދުރުން ކޮންޓްރޯލްކުރާ ބުލްޑޯޒަރުތަކާއި، ގޮވާތަކެތި ހިފައިގެންދާ އަސްކަރީ އުޅަނދުތައް ހިމެނެއެވެ. ކުންފުނީގެ ބާނީ އަމިއްލައަށް ބުނެފައިވާ ގޮތުގައި، މި ޓެކްނޮލޮޖީގެ ސަބަބުން މީހަކަށް ކޮފީ ބޯން އިނދެގެންވެސް ޖޮއިސްޓިކެއް ބޭނުންކޮށްގެން ޓޭންކުތައް ކޮންޓްރޯލް ކުރެވޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.