ކޮންމެ ފުލުހަކީ މުއައްސަސާގެ ޝަރަފާއި އަބުރުގެ ރައްކާތެރިއެއް: ސީޕީ

ކޮންމެ ފުލުހަކީ މުއައްސަސާގެ ޝަރަފާއި އަބުރުގެ ރައްކާތެރިއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ޔުނީފޯމާއި ކޮނޑުގައިވާ ބެޖަކީ ރައްޔިތުންގެ އަމާނާތެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި ރައްޔިތުންގެ އިތުބާރަކީ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި އިޙްލާސްތެރިކަމާ ނަޒާހަތްތެރިކަމާ އިންސާފުވެރިކަމުން ހޯދޭނެ އެއްޗެއްކަން ސީޕީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ކޮންމެ ފުލުހަކީ މުއައްސަސާގެ ޝަރަފާއި އަބުރުގެ ރައްކާތެރިއެއް. ސީޕީ

ފުލުހުން މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ވޭތުވެދިޔަ 22 އަހަރު ކުރި ދަތުރަކީ ގޮންޖެހުންތަކާ ކުރިމަތިލައި އިސްލާހީ ބަދަލުތަކަކަށް ކެރިގެން މަސައްކަތްކުރި ދަތުރެއްކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ކުށްމަދު މުޖުތަމައެއް ބިނާކުރުމަށާއި ސައިބަރ ކްރައިމް ފަދަ ޒަމާނީ ކުށްތަކަށް ކުރިމަތިލުމުގައި ފުލުހުންނަށް ތަމްރީނު ދެވި، މިއަދު ފަންނީ މަތީ މިންގަނޑުތަކަކަށް ވާސިލުވެވިފައިވާ ކަމަށެވެ.

އަދި ފުލުހުންގެ މަސައްކަތަކީ ފުލުހުން އެކަނި ހާސިލުކުރާ ނަތީޖާއެއް ނޫން ކަމަށާއި، މިއީ ކައުންސިލްތަކާއި، ޖަމިއްޔާތަކާއި، އާންމު ފަރުދުންނާ ގުޅިގެން ކުށް އުފެދޭ މާހައުލު ނައްތާލުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

މީގެއިތުރުން، ފުލުހުންގެ ހިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ މި ހިދުމަތް ޕްރޮފެޝަނަލް މިންގަނޑަކުން ފޯރުކޮށްދިނުންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ހިދުމަތް ފެށުނުއިރު މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް، މިއަދު ވަސީލަތާއި، އުމްރާނީ ގޮތުންނާއި ހިދުމަތުގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ގާއިމުވެ ޚިދުމަތް ދެމުންދާއިރު، ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ހާއްސަ އުމްރާނީ ވަސީލަތް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ސީޕީ ވަނީ ފާހަގަކުރައްވާފަ އެވެ.

މި ޖަލްސާގައި ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ސީނިއަރ ސާޖަންޓް ރޭންކުން ފެށިގެން ދަށުގެ 95 މުވައްޒަފަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިހެވެ.

އަދި ހިދުމަތުގައި 25 އަހަރު، 30 އަހަރު އަދި 35 އަހަރު ފުރިހަމަކުރައްވާފައިވާ މުވައްޒަފުންނާއި، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ 132 މުވައްޒަފަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.