
ދަރިފުޅު މެޗު ބަލަނީ މަންމަގެ ލޮލުން
މި މަންމަ ކިޔައިދިން ކޮންމެ ސިފަކުރުމަކީ، އޭނާގެ ދަރިފުޅަށް މެޗުގެ އެއްވެސް ވަޤުތެއް ގެއްލުނަނުދީ އިޙްސާސްކޮށްދިނުމަށް ކުރި މަސައްކަތެކެވެ.
ސިލްވިއާ ގްރެކޯ އާއި އޭނާގެ ދަރިފުޅު ނިކޮލަސްއަށް ފުޓްބޯޅަ މެޗަކަށް ދިއުމަކީ ހަމައެކަނި ކުޅިވަރެއް ބަލާލުމަށްވުރެ މާ މާނަފުން ކަމެކެވެ.
ނިކޮލަސް އުފަންވީ ދުވަސްނުފުރާ ކަމަށްވުމުން ކުރިމަތިވި ޞިއްޙީ މައްސަލަތަކުގެ ސަބަބުން އޭނާގެ ފެނުމުގެ ޙިއްސު ވަނީ ގެއްލިފަ އެވެ. އޭގެ ފަހުން އޭނާއަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަންވެސް އެނގުނެވެ.
ނަމަވެސް، ފުޓްބޯޅައިގެ ސަބަބުން، ޚާއްޞަކޮށް އެމީހުން އެންމެ ސަޕޯޓްކުރާ ’ޕަލްމެއިރަސް‘ ޓީމުގެ ސަބަބުން، ދުނިޔެއާ ގުޅުވައިދޭ ވަރުގަދަ ވަޞީލަތެއް ދަރިފުޅަށް ލިބިފައިވާކަން ސިލްވިއާ ފާހަގަކުރި އެވެ.
އެހެންކަމުން، ދަނޑަށްދާ ކޮންމެ ފަހަރަކު ސިލްވިއާ ވެގެންދަނީ އޭނާގެ ދަރިފުޅުގެ ލޮލަށެވެ.
ދަރިފުޅުގެ ކައިރީގައި އިށީނދެގެން އިނދެ، ދަނޑުމަތީގައި ހިނގާ ކޮންމެ ކަމެއް އޭނާ ތަފްޞީލުކޮށްދެ އެވެ.
ކުޅުންތެރިންގެ ޙަރަކާތްތަކާއި، އެމީހުންގެ ޖާޒީއާއި ބޫޓުގެ ކުލަތަކާއި، ރެފްރީގެ މޫނުމަތީގެ ކުލަވަރުގެ އިތުރުން، ސަޕޯޓަރުންގެ ފޯރިގަދަ އަޑުތަކުން ފާޅުވާ ޝުއޫރުތައްވެސް ކިޔައިދެ އެވެ. އަދި ލަނޑެއް ޖެހުމުން، ހަމައެކަނި އެ ވާހަކަ ބުނެލަނީކީ ނޫނެވެ. އެ ވަޤުތުގެ ފުރިހަމަ އުފަލާއި ފޯރީގައި ދަރިފުޅު ބައިވެރިކުރުވަ އެވެ.
މި މަންޒްރުތައް ކެމެރާއަށް އަރައި، ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ހިތްތަކަށް ވަނީ އަސަރުކުރުވާފަ އެވެ.
މުޖުތަމަޢުގައި އެންމެން ބައިވެރިކުރުވުމާއި މައެއްގެ ލޯބީގެ ނަމޫނާ ދެއްކިކަމަށްޓަކައި، 2019 ވަނަ އަހަރު ފީފާގެ ’ބެސްޓް ފޭން އެވޯޑް‘ ސިލްވިއާއަށް ލިބުނެވެ.
ސަބަބަކީ ފުޓްބޯޅައަކީ ހަމައެކަނި ލޮލަށް ފެންނަ މަންޒަރުތަކެއް ނޫނެވެ. ބައެއް ފަހަރު އެއީ ހިތަށް ކުރެވޭ އިހުސާސެކެވެ. މަންމަގެ އެ އަޑުގެ އެހީގައި، ނިކޮލަސްއަށް މެޗުގެ އެއްވެސް ވަގުތެއް ބޭކާރުވެގެން ނުދެއެވެ.



