ޣައްޒާގެ ޙާލަތަކީ ބިރުވެރި ޙާލަތެއް – އިނގިރޭސި ޚާރިޖީ ވަޒީރު

އިނގިރޭސިވިލާތުން މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް މިލިބޭންޑްވަނީ ގޮވާލަފަ އެވެ.

މިލިބޭންޑް ފާހަގަކުރީ ބޭސްފަރުވާގެ ސާމާނު އެތެރެކުރުމަށް ހުރަސްއަޅަމުންދާ ކަމަށާއި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ފަރުވާ ނުލިބި ކުޑަކުދިން މަރުވަމުންދާ ކަމަށެވެ.

އިނގިރޭސި ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ”ބިރުވެރި“ ކަންތައްތަކެއް ކަމަށާއި، އިނގިރޭސި ސަރުކާރުން މިހާތަނަށް ޢަމަލުކުރަމުން އައި ގޮތަށްވުރެ ”ހަރުދަނާ ފިޔަވަޅުތަކެއް“ އަޅަންޖެހޭ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފޮރިން އެންޑް ކޮމަންވެލްތު އޮފީހުން އިންސްޓަގްރާމްގައި ޢާންމުކުރި ވީޑިއޯއެއްގައި މިލިބޭންޑް ވިދާޅުވީ، ޣައްޒާގައި މިހާރު ތިބި މީހުންނާއި އެތަނަށް ޒިޔާރަތްކުރި މީހުންނާ ބައްދަލުކުރެއްވި ކަމަށާއި، އެމީހުން ދިން މަޢުލޫމާތުތަކުން އެތަނުގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާކަން ހާމަވާ ކަމަށެވެ.

”ބޭސްފަރުވާގެ ސާމާނު ހިފަހައްޓަމުންދާ ވާހަކައާއި، ކޮންމެހެން ބޭނުންވާ ފަރުވާ ނުލިބި ކުޑަކުދިން މަރުވަމުންދާ ވާހަކަ އެމީހުން އަޅުގަނޑަށް ކިޔައިދިން. މިފަދަ ހިތްދަތި މަޢުލޫމާތުތައް ލިބުމުން، ބޮޑުވަޒީރު ވިދާޅުވި ފަދައިން އިނގިރޭސި ސަރުކާރުން މިއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން އެނގިގެންދޭ،“ މިލިބޭންޑް އިތުރަށް ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އިނގިރޭސި ޕާލަމެންޓް މެންބަރުންނާ ވާހަކަދައްކަވަމުން މިލިބޭންޑް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރިހަމަ ޕެކޭޖެއް ތައާރަފުކުރުމަށް ސަރުކާރުން ރާވަމުންދާ ކަމަށެވެ. އަދި އީ-1 ސަރަހައްދުގައި އިޒްރޭލުން އަލަށް ފަށަން އުޅޭ މަޝްރޫއުގެ ސަބަބުން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް އޮތް ފުރުޞަތު ގެއްލިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އިޒްރޭލުގެ މި މަޝްރޫއަކީ ގުދުސްއާއި މަޢާލޭ އަދުމީމްގެ އިތުރުން އެ ސިޓީގެ އިރުމަތީގައިވާ އިޒްރޭލުގެ އާބާދީތައް ގުޅުވައިލުމަށް ހިންގާ މަޝްރޫއެކެވެ.

މިއީ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ބިންތަކަށް އަރައިގަނެގެން ހިންގާ ކަމެކެވެ. މިލިބޭންޑް ވިދާޅުވީ ދެ ދައުލަތުގެ ޙައްލު ނައްތާލުމަށް ކުރާ އެއްވެސް ކަމަކަށް އިނގިރޭސި ސަރުކާރުން އެއްބަސްނުވާނެ ކަމަށެވެ.

ޖުލައި މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މިލިބޭންޑް ވިދާޅުވީ، އިޒްރޭލުން ހިފާފައިވާ ބިންތަކާއެކު އޮންނަ އިޤްތިޞާދީ ގުޅުންތަކާއި، މިކަމުގައި އެޅޭނެ އެކި ފިޔަވަޅުތަކާ މެދު ސަރުކާރުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި އިނގިރޭސި ކުންފުނިތަކުން ފަލަސްޠީނުގެ ބިންތަކުގައި ހަދާ އާބާދީތަކަށް ފައިސާ ދިނުމާއި، އެތަންތަން ބިނާކުރުމާއި، އިޝްތިހާރު ކުރުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ނޫންކަން އޭނާ ސާފުކޮށްދެއްވި އެވެ.

މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ވަޒަންވެރިން ހިންގާ ޓެރަރިޒަމްގެ ޢަމަލުތައް މިލިބޭންޑް ކުށްވެރިކުރެއްވި އެވެ.

ނަމަވެސް، އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިދިއޮން ސާރް ވަނީ، ހުޅަނގު އައްސޭރީގައި ހިންގާ ޣައިރު ގާނޫނީ އާބާދީތަކާ ގުޅިގެން އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ، އިޒްރޭލުންވެސް ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިޒްރޭލުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ’ވައިނެޓް‘ އަށް ދިން އިންޓަވިއުއެއްގައި ސާރް ތުހުމަތުކުރި ގޮތުގައި އިނގިރޭސި ލޭބަރ ސަރުކާރުން ދަނީ ނިޒާމީ ގޮތެއްގައި އިޒްރޭލާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި އިނގިރޭސިވިލާތުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، އިޒްރޭލުންވެސް އިނގިރޭސިވިލާތާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، އިޒްރޭލުން ދަނީ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ’އިންޓަނޭޝަނަލް ޣައްޒާ ސަޕޯޓް ސެންޓަރު‘ (އައި.ޖީ.އެސް.ސީ) އިން އިނގިރޭސި އޮފިޝަލުން ބޭރުކުރުމާ މެދު ވިސްނަމުންނެވެ.

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި އިޓަލީއާއި ޖަރުމަނުގެ އޮފިޝަލުންވެސް މި މަރުކަޒުން ބޭރުކުރުމަށް އިޒްރޭލުން ދަނީ ވިސްނަމުންނެވެ.

އިނގިރޭސި ސަރުކާރުން ފިޔަވަޅު އަޅަން އުޅޭކަމުގެ ޚަބަރުތަކާއެކު، ޔަހޫދީ އަދި ފަލަސްޠީނުގެ އެކި ޖަމާޢަތްތަކުން ދަނީ އިޒްރޭލާ ދެކޮޅަށް މިއަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުންނެވެ. ޔަހޫދީ މަދަނީ ޖަމްޢިޔާތަކުގެ އިސް މެންބަރުން ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއްގައި، އިޒްރޭލާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށާއި ފަލަސްޠީނުގެ ޙައްޤުގައި ކުރާ މުޒާހަރާތައް ހުއްޓުވަން ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުމަށް އެދިފައިވެ އެވެ.

ނަމަވެސް، އިނގިރޭސިވިލާތުގެ ޗީފް ރައްބީ އެފްރައިމް މިރްވިސް ވިދާޅުވީ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ޔަހޫދީންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.