
ތުރުކީ، ޤަޠަރު، ޕާކިސްތާން އަދި އިންޑޮނޭޝިޔާ ގުޅިގެން ”ބަދުރު“ ގެ ނަމުން ވަރުގަދަ އެއްބަސްވުމެއް
ތުރުކީވިލާތް، ޤަޠަރު، ޕާކިސްތާން އަދި އިންޑޮނޭޝިޔާ ގުޅިގެން ހަތިޔާރު އުފެއްދުމަށް ”ބަދުރު“ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ހަތަރު ޤައުމުގެ މެދުގައި ދިފާޢީ އެއްބާރުލުން އިތުރުކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ހަތިޔާރު އުފައްދާ ގުޅިފައިވާ މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ތުރުކީވިލާތުގަ އެވެ.
ސޮއިކުރެވުނު މި އެއްބަސްވުމަކީ އަސްކަރީ ސާމާނު ގުޅިގެން އުފެއްދުމަށާއި އަސްކަރީ ތަމްރީނުތަކާއި، ދިރާސާ އަދި ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ތުރުކީވިލާތަކީ މިހާރު ދިފާޢީ ސިނާޢަތުގައި ފާހަގަކޮށްލެވޭ ބޮޑު ބާރެކެވެ.
އެ ޤައުމުގެ ކުންފުނިތަކުން ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓް ކުރެއެވެ.
މީގެ ތެރޭގައި ޑްރޯން ވައިގެ ދިފާޢީ ނިޒާމުތައް އަދި އަސްކަރީ އުޅަނދުފަހަރު ހިމެނެ އެވެ.
ދޯހާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ތުރުކީގެ ދިފާޢީ ވަޒީރު ޔާޝަރު ގުލާ އާއި އެ ޤައުމުގެ ޑިފެންސް އިންޑަސްޓްރީޒްގެ ރައީސް ހަލޫކް ގޯގުން ވަނީ ޤަޠަރުގެ ބޮޑުވަޒީރުގެ ނައިބު ސަޢުދު ބިން ޢަބްދުއްރަޙްމާން އައްޘާނީ އާއި، ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފް އަދި އިންޑޮނޭޝިޔާގެ ދިފާޢީ ވަޒީރުގެ ނައިބު ޔޫސުފް ޖައުހަރީއާއެކު ފަހުމުނާމާގައި ސޮއިކުރައްވާފަ އެވެ.
ތުރުކީގެ ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި މި އެއްބަސްވުމަށް ދެވިފައިވާ ނަމަކީ ”ބަދުރު އެއްބަސްވުން“ އެވެ.
މިއީ މީލާދީން 624 ވަނަ އަހަރު ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން މުޝްރިކުންގެ މައްޗަށް ކާމިޔާބު ހޯއްދެވި ބަދުރު ހަނގުރާމައަށް ނިސްބަތްކޮށް ދެވިފައިވާ ނަމެކެވެ.
”ބަދުރުގެ މާނައަކީ ސާދަވިލޭރޭގެ ހަނދެވެ. މި އެއްބަސްވުމުގައި ބައިވެރިވާ ހަތަރު ޤައުމުން އެއްބަޔަކު އަނެއްބަޔަކަށް ފުރިހަމަކޮށްދޭ ފަދައިން މިއީ އަސްކަރީ އަދި އިޤްތިޞާދީ ގޮތުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެވިފައިވާ ކަމެކެވެ،“ އެ ވުޒާރާގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ކޮންމެ ޤައުމެއްގެ އަސްކަރީ އުފެއްދުންތެރިކަމުގެ ޤާބިލުކަން އެއްކޮށްލައި، ދިފާޢީ ސިނާޢަތް ކުރިއަރުވައި، އެކުވެރި ޤައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.



