
އެލްޖީއޭގެ ހުއްދަނެތި ކައުންސިލްތަކަށް މުވައްޒަފުން ނުނެގުމަށް އަންގައިފި
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމުން ދޭ ހުއްދައެއް ލިބިގެން މެނުވީ ކައުންސިލްތަކަށް އެއްވެސް މުވައްޒަފަކު ނުނެގުމަށް އެ އޮތޯރިޓީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަންގައިފިއެވެ.
އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެކެވެ.
އެ އޮތޯރިޓީގެ ސިޓީގައި އަންގާފައިވަނީ ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އަމިއްލަ އާމްދަނީން ޚަރަދުވާ ގޮތަށް، ކައުންސިލްތަކުން އަލަށް އުފައްދާ މަޤާމުތަކަށާއި، ހުސްވާ ދާއިމީ މަޤާމުތަކަށް މީހުން ނެގުމުގެ ކުރިން އެލްޖީއޭގެ ލިޔުމުން ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، ކައުންސިލް ހިންގުމުގެ ނިޒާމުގެ ތެރެއިން ދިމާވާ ވަގުތީ ބޭނުންތައް ފުއްދުމަށާއި، ވަގުތީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވެގެން ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ނަގާ ކޮންޓްރެކްޓް އެމްޕްލޯއިމެންޓާއި ވޭޖް އެމްޕްލޯއިމެންޓް މަޤާމުތަކަށް ވެސް މީހުން ނަގަންވާނީ އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު ކަމަށް އެ ސިޓީގައި ވެއެވެ.
އެލްޖީއޭގެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫޢުތައް ހިންގުމަށްޓަކައި ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓަންސީ އަދި މި ނޫން ވެސް އުޖޫރަ ދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިޢުލާން ކުރަންވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައި ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އަދި ރަށު ކައުންސިލްތަކަށް ފޮނުވި މި އެންގުމަށް މި މަހުގެ 1 ވަނަ ދުވަހުން (01 ސެޕްޓެމްބަރު) ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް ވެސް އެލްޖީއޭއިން ވަނީ ހާމަކޮށްފައެވެ.



