އިސްރާއީލާއި ގްރީސްގެ ވައިގެ ދިފާއީ އެއްބަސްވުން: ޔޫ.އޭ.އީ ބައިވެރިވުމުގެ ފުރުސަތު އެބައޮތް

އިސްރާއީލާއި ގްރީސްއާ ދެމެދު ވެފައިވާ ވައިގެ ދިފާއީ އެއްބަސްވުން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ކަމުގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް މަސްދަރުތަކުން ބުނެފި އެވެ.

މިކަމާ ގުޅޭ މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ އެމެރިކާގެ މިހާރުގެ އޮފިޝަލަކާއި ކުރީގެ އޮފިޝަލަކު މަޢުލޫމާތު ދިންގޮތުގައި، އިސްރާއީލުން ގްރީސްއަށް ވިއްކި ވައިގެ ދިފާޢީ ނިޒާމު އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރުން ފުޅާކުރުމަށް ރާވަމުންދާއިރު، އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ޔޫ.އޭ.އީ އަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްރާއީލާއި ޔޫ.އޭ.އީ އާއި އެމެރިކާ ގުޅިގެން ކުރިއަށްގެންދާ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ބަލަނީ ޔޫ.އޭ.އީގެ ވައިގެ ދިފާޢީ ނިޒާމުގައި ހުރި ހުސްތަންތަން ފޫބެއްދުމަށް އިސްރާއީލަށް އެހީތެރިވެދެވޭނެ ގޮތްތަކަށެވެ.

ހޯމަ ދުވަހު ގްރީސްއަށް ވިއްކި 3.5 ބިލިއަން ޑޮލަރުގެ މި ނިޒާމަކީ، އިސްރާއީލުގެ އުފެއްދުންތައް އެހެން ބައިވެރިންނަށް ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ ނަމޫނާއެއް ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ކުރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިއީ އިސްރާއީލަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެކެވެ. އަދި އިސްރާއީލުގެ މި ނިޒާމުތަކަކީ އެމެރިކާގެ އުފެއްދުންތަކަށްވުރެ އަގުހެޔޮ، އަދި އެހެން ޤައުމުތަކަށް ފޯރުކޮށްދޭން ފަސޭހަ ނިޒާމުތަކެކެވެ.

ޔޫ.އޭ.އީ އަކީ މިހާރުވެސް ދިފާޢީ ދާއިރާއިން އިސްރާއީލާއެކު ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. މިއަހަރުގެ ކުރީކޮޅު އީރާނާއެކު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، އިސްރާއީލުން ވަނީ ”އަޔަން ޑޯމް“ މިސައިލް ދިފާޢީ ނިޒާމާއި އެކަމުގެ ފަންނީ މާހިރުން ޔޫ.އޭ.އީ އަށް ފޮނުވާފަ އެވެ.

މީގެ އިތުރުން، ޑްރޯން ދެނެގަންނަ ނިޒާމެއްވެސް އިސްރާއީލުން ޔޫ.އޭ.އީ އަށް ފޮނުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފާއިތުވި މެއި މަހު މި ދެ ޤައުމުން ވަނީ ހަތިޔާރު އުފެއްދުމާއި ގަތުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޔޫ.އޭ.އީ އިން މިހާރުވެސް އެމެރިކާގެ ”ޕެޓްރިއަޓް“ އަދި ”ތާޑް“ ނިޒާމުތައް ބޭނުންކުރެ އެވެ. އަދި 2022 ވަނަ އަހަރު އިސްރާއީލުގެ ”ބަރަކް“ ވައިގެ ދިފާޢީ ނިޒާމު ގަތް ކަމަށްވެސް މަޢުލޫމާތު ލިބެ އެވެ. ނަމަވެސް، ޔޫ.އޭ.އީގައި އަދިވެސް ފުރިހަމަ ”ލޭޔަރޑް“ ނިޒާމެއް ނެތް ކަމަށް އެމެރިކާގެ އޮފިޝަލު ފާހަގަކުރެއްވި އެވެ.

މި މަޝްވަރާތަކުން ހާމަވަނީ އިސްރާއީލުން އެކި ސަރަޙައްދުތަކުގެ ބައިވެރިންނާއެކު އޮންނަ ގުޅުން ވަރުގަދަކުރަމުންދާ ކަމެވެ. މިގޮތުން ގްރީސް އާއި ސައިޕްރަސް ހުޅަނގުގައި އޮތްއިރު، އިރުމަތީގައި ޔޫ.އޭ.އީ އާއި އިންޑިއާއާއެކު އޮތް ގުޅުން ހިމެނެ އެވެ.

އަނެއްކޮޅުން، މިދިޔަ މަހު ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީ ގުޅިގެން ”މައްކާ ޕެކްޓް“ ގެ ނަމުގައި ދިފާޢީ އެއްބަސްވުމެއް ވަނީ އެކުލަވާލާފަ އެވެ. މިއީ އިސްރާއީލުގެ އިއްތިޙާދުތަކާ ވާދަކުރާނެ ބާރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

ވައިގެ ދިފާޢީ ނިޒާމުތައް އެކްސްޕޯޓްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މީގެ ތެރޭގައި ކޮމާންޑް އެންޑް ކޮންޓްރޯލް، ސެންސަރު، ރާޑަރު އަދި ލޯންޗަރު ފަދަ ގިނަ ބައިތަކެއް ހިމެނެ އެވެ. ގްރީސްއަށް ވިއްކި ”ލޭޔަރޑް“ ނިޒާމަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ވަރަށް ތަފާތު ނިޒާމެކެވެ. ގްރީސްއިން އުފައްދާ ”އެކިލީސް ޝީލްޑް“ ނިޒާމަށް ބޭނުންވާ ސާމާނާއި ފަރުމާ ފޯރުކޮށްދޭނީ އިސްރާއީލުންނެވެ.

އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި، މިއީ ބެލިސްޓިކް މިސައިލާއި ޑްރޯން ފަދަ އެކި ބާވަތުގެ ވައިގެ ނުރައްކާތަކުން ދިފާޢޫވުމަށް ބޭނުންވާ ފުރިހަމަ ނިޒާމެއް އެހެން ޤައުމަކަށް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. ގްރީސްއިން ވަނީ އިސްރާއީލުގެ ”ޑޭވިޑްސް ސްލިންގް“، ”ސްޕައިޑަރ“ (SPYDER) އަދި ”ބަރަކް އެމް.އެކްސް“ (Barak MX) ފަދަ ނިޒާމުތައް ގަނެފަ އެވެ.

ގްރީސްއަކީ ފިންލޭންޑަށްފަހު ”ޑޭވިޑްސް ސްލިންގް“ ބޭނުންކުރާ ދެވަނަ ޤައުމެވެ. އަދި ސައިޕްރަސްއިން ވެސް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިސްރާއީލުގެ ”ބަރަކް“ ނިޒާމާ ހަވާލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.