
ވާރޭގެ ސަބަބުން އިންޑިއާގެ ގުވަހާޓީ ގައި ފެންބޮޑުވެއްޖެ
ބޯކޮށް ވާރޭވެހި އިންޑިއާގެ ގުވަހާޓީގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން ޢާންމު ދިރިއުޅުމަށް ބުރޫއަރައިފި އެވެ
ހޯމަ ދުވަހުގެ ރޭ ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގުވަހާޓީގެ އެކި ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ، ޢާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
ވާރޭވެހުމުގެ ސަބަބުން ގުވަހާޓީގެ ތިރި ސަރަހައްދުތައް ފެނުގެ އަޑިއަށް ގޮސްފައިވާއިރު، މިއީ އެ ސިޓީއަށް ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލަ އަނެއްކާވެސް ހާމަވެގެންދިޔަ ކަމެކެވެ.
ގުވަހާޓީގެ ބަރޯވަރީ ސަރަހައްދުގައި ވާރޭގެ ތެރޭގައި ގަހެއް ވެއްޓި، ކާރަކަށާއި ސައިކަލަކަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބުރޫއަރައި، އުޅަނދުފަހަރު ދުއްވުމަށް ދަތިތަކާ ކުރިމަތިވި އެވެ.
ގުވަހާޓީ ކްލަބް ސަރަހައްދުގައި ވެސް ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އުޅަނދުފަހަރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތުރުފަތުރު ކުރުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސިޓީގެ އެކި ހިސާބުތަކުގެ ދަތުރުފަތުރަށް ހުރަސްއެޅި، ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ލިބިފަ އެވެ.
މިކަމާ ގުޅިގެން، ގުވަހާޓީގައި ތަކުރާރުކޮށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި، ސިޓީގެ ފެންހިންދާ ނިޒާމު ހަރުދަނާކުރުމަށް އެ ސަރަހައްދުގެ ރައްޔިތުން ދަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.



