
ކުޑަކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެ
ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ޕޮލިހުންގެ ފަރާތުން މީސްމީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ކަމަށާއި، މި ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި، ޕޭޖުތަކާއި ގްރޫޕުތަކުން މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް ކަމަށާއި، މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
”ވީމާ، މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެދެމެވެ. އަދި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުއްވުން އެދެމެވެ.“ ފުލުހުންގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރިޕޯޓް ލިބިފައި ވަނީ މިއަދު 11:35 ހާއިރު އެވެ. މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައި ނުވުމުން މިހާދިސާއާއި ބެހޭ އިތުރު މަޢުލޫމާތެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ފުލުހުންގެ ފަރާތުން ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން އަޅަމުންދާ ކަމަށެވެ.



