
އިނގިރޭސިވިލާތުގައި ދިރިއުޅޭ ޢަރަބީންގެ ވަރުގަދަ އިންޒާރެއް އެޤައުމުގެ ސަރުކާރަށް
އިނގިރޭސިވިލާތުގައި ދިރިއުޅޭ ޢަރަބިން، އިސްރާއީލުން ފޭރިގަނެފައިވާ ބިންތަކުގައި ހަދާފައިވާ އާބާދުވުންތަކާ ދެކޮޅަށް ޤާނޫނީ ގޮތުން މަޖުބޫރުކުރަނިވި ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ.
ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑަށް ފޮނުއްވި ގުޅިފައިވާ ސިޓީއެއްގައި، އިނގިރޭސިވިލާތުން ޤަބޫލުކުރާ ޤާނޫނީ އުޞޫލުތަކާއި ޢަމަލީ ސިޔާސަތާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ވަނީ ބާރުއަޅާފަ އެވެ.
އިނގިރޭސިވިލާތުގެ ޢަރަބި މުޖުތަމަޢުގެ އެތައް ބަޔަކު ސޮއިކޮށްފައިވާ މި ސިޓީގައި ބުނެފައިވަނީ، ޤަވާޢިދާ ޚިލާފު އާބާދުވުންތައް ހަމައެކަނި ކުށްވެރިކުރުމުގެ ބަދަލުގައި، އެ އާބާދުވުންތައް ފުޅާކުރުމަށް އެހީތެރިވާ އިނގިރޭސިވިލާތުގެ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުވުމަށް ޤާނޫނީ ބާރުވެރިކަން ލިބިގެންވާ އުޞޫލުތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
24 އޮގަސްޓް 2026 ގައި ފޮނުވި މި ސިޓީގައި، ބައިނަލްއަޤްވާމީ ގޮތުން އުފުލަންޖެހޭ ޒިންމާތަކަށް ޢަމަލުކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
އޭގެ ތެރޭގައި، 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި އިސްރާއީލުގެ ބިމާ ދެމެދު ތަފާތުކުރުންތައް ގެންގުޅުމާއި، އެ ސަރަހައްދުތަކުގައި ހިންގާ ޣައިރު ޤާނޫނީ ޙަރަކާތްތަކަށް އެހީތެރިނުވުން ހިމެނެ އެވެ.
މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އާބާދުވުންތަކަކީ ޤާނޫނާ ޚިލާފު ތަންތަންތޯ ސުވާލު އުފެއްދުމުގެ ފުރުސަތެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ، އިނގިރޭސިވިލާތުން މިހާރު ގެންގުޅޭ ”އިޚްތިޔާރީ އުޞޫލުތަކާއި“ ވަކިވަކި ފަރާތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ބައިނަލްއަޤްވާމީ ޢަދުލު އިންސާފާބެހޭ ކޯޓުން (އައި.ސީ.ޖޭ) ކަނޑައަޅާފައިވާ ޒިންމާތައް އަދާކުރުމަށް ފުދޭ މިންވަރެއްތޯ ކުރެވޭ ސުވާލެވެ.
މި ސިޓީގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުގައި ޙަރަކާތްތެރިވާ ފަލަސްޠީނު ފޯރަމްގެ ރައީސް އަދުނާން ހުމައިދާން، ޢަރަބި ލޯޔާސް އެސޯސިއޭޝަންގެ ރައީސް ސަބާހް އަލްމުޚްތާރު، ހެލްތު ވޯކާސް ފޯ ޕަލެސްޓައިންގެ ރައީސް ޑރ. ޢުމަރު ޢަބްދުލްމަންނާން އަދި ޕަލެސްޓައިން ސޮލިޑަރިޓީ މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް ފިދާ ޝާހީން ހިމެނެ އެވެ.
ވަޒަންވެރިންގެ އަނިޔާވެރިކަން ހުއްޓުވުމުގެ ނިޒާމު
އިނގިރޭސި ސަރުކާރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، އާބާދުވުންތަކަށް ފައިދާވާ އިޤްތިޞާދީ ޙަރަކާތްތައް މަނާކުރުމާއި، ކުންފުނިތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކުރުމާއި، ސަރުކާރުގެ ވިޔަފާރީގެ މުޢާމަލާތްތަކުގައި އިސްރާއީލާއި ހިފާފައިވާ ބިންތައް ސާފުކޮށް ވަކިކުރުން ހިމެނެ އެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރުގެ ’ސެންކްޝަންސް އެންޑް އެންޓި މަނީ ލޯންޑަރިންގް އެކްޓް‘ ގެ ދަށުން މިފަދަ ފިޔަވަޅުތައް އެޅުމުގެ ޤާނޫނީ ބާރު ސަރުކާރަށް ލިބިގެންވާކަން ސިޓީގައި ހަނދާންކޮށްދީފައިވެ އެވެ.
ހަމައެއާއެކު، އާބާދުވުންތަކުގައި ދިރިއުޅޭ އިސްރާއީލު މީހުންގެ ފަރާތުން ފަލަސްޠީނުގެ ޢާންމުންނަށް ލިބޭ އަނިޔާތަކުން ސަލާމަތްކުރުމަށް ބައިނަލްއަޤްވާމީ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ. މިފަދަ ނިޒާމެއްގެ ތެރެއިން މިނިވަންކަމާއެކު ކަންކަން މޮނިޓަރުކޮށް، ހިންގާ އަނިޔާވެރި ޢަމަލުތައް ލިޔެކިޔުމުން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވެ އެވެ.
މި ސިޓީގައި އިތުރަށް ބުނެފައިވަނީ، މިއީ އިސްރާއީލުގެ ރައްޔިތުންނާ މެދު އޮތް ދެކޮޅުވެރިކަމެއް ނޫން ކަމަށާއި، ނަމަވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިނގިރޭސިވިލާތުން ކުރާ އިޙްތިރާމް ހަމައެކަނި ބަޔާންތަކުން ދެއްކުމުގެ ބަދަލުގައި، ޢަމަލީ ގޮތުން ޘާބިތުކޮށްދޭންޖެހޭ ކަމަށެވެ.
އިނގިރޭސި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، ހުޅަނގު އައްސޭރި ދެބައިވާ ގޮތަށް އިސްރާއީލުން ކުރިއަށްގެންދާ އާބާދުވުންތަކާ ދެކޮޅަށް އާ ފިޔަވަޅުތަކެއް އިޢުލާންކުރާނެ ކަމަށެވެ.
ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑް ވަނީ އިސްރާއީލުގެ އާބާދުވުންތައް ފުޅާކުރުން ހުއްޓާލުމަށް ގޮވާލައްވައި، ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިޝާރާތެއް ދެއްވާފަ އެވެ



