
އިތުރު 17 މީހަކު ހިމަބިއްސަށް ފައްސި ވެއްޖެ
މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި އިތުރު 17 މީހަކު ހިމަބިއްސަށް ފައްސިވެ، މި އަހަރުގެ މިހާތަަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 243 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށާއި، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 243 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 16،045 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރެވެ. ނަމަވެސް އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު މި ބަލި ރާއްޖެއިން އަލުން ވަނީ ފެނިފައިވެއެވެ.
ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.
މާލޭން ހިމަބިހީގެ ވެކްސިންގެ ހިދުމަތް ތަންތަން:
އޫޕީއެޗްސީސީ، އާދިއްތަ – ބުރާސްފަތި (8:30-12:00)
ހުޅުމާލޭ ހޮސްޕިޓަލް، އާދިއްތަ، ހޯމަ އަދި އަންގާރަ (9:00-11:00)، ބުދަ، ބުރާސްފަތި، ހޮނިހިރު (13:00-15:00)
ސެނެހިޔާ ހޮސްޕިޓަލް، އާދިއްތަ – ބުރާސްފަތި (10:00-16:00)
ވިލިމާލެ ހޮސްޕިޓަލް، އާދިއްތަ – ބުރާސްފަތި (13:30-15:30)
ހިމަބިހި ޖެހިފައިވާ ފަރާތްތަކާއި ގާތުން އެއްތާވި މީހުންނަށް ވެކްސިން ދޭ ތަންތަން:
ޔޫޕީއެޗްސީސީ، އާދިއްތަ – ބުރާސްފަތި (14:00-15:30)
ހުޅުމާލޭ ހޮސްޕިޓަލް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު (9:00-11:00)



