މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފި

އިއްޔެއިން ފެށިގެން އިސްލާމީ މަރުކަޒުގެ ހޯލްގައިވަނީ 2015 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ޒަކާތުގެ ޙައްޤުވެރިންގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ތެރެއިން 2016 ވަނަ އަހަރު ލިސްޓު ކުރެވިފައިވާ މީހުންނަށް ބަހަން ފަށާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ މި މަސައްކަތް  4 ދުވަހުގެ މުއްދަތަށް މުދަލު ޒަކާތް ބެހުމަށް ވަނީ ހަމަޖެހިފައެވެ. ޒަކާތް ބެހުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް ވަނީ 2016 ނޮވެންބަރު 17 ގައި ގެޒެޓް ކުރެވިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިމިނިސްޓްރީއިން ނެރުނު އިޢުލާނުގައި ވާ ގޮތުން މިމަހުގެ 21 އިން 24 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 16:00 އަށް ޒަކާތް ބެހުމުގެ މަސައްކަތް އިސްލާމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ. އަދި މި ވަގުތުގެ ތެރޭގައި 11:45 އިން 13:00 އަށް ޒަކާތް ދޫކުރާ ކައުންޓަރުތައް ބަންދު ވާނެއެވެ.

ޒަކާތް ދޫކުރާނީ 2016 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓުގައި ނަން ހިމެނިފައިވާ ފަރާތްތަކަށެވެ. ޒަކާތުގެ ފައިސާ ބަލައި އަންނަ ފަރާތްތައް ސަމާލުކަން ދޭން ޖެހޭ ކަންތަކުގެ ގޮތުގައި ކަންތައްތަކެއް ފާހަގަކޮށް މިނިސްޓްރީގެ ނޯޓިސްބޯޑުގައިވެސް ވަނީ އިޢުލާނެއް ބެހެއްޓިފައެވެ. މިއިޢުލާނުގައި ޒަކާތް ބަލައި އަންނަ ހުރިހާ ފަރާތްތަކުން ގެންނަން ޖެހޭ ތަކެތީގެ ތަފްސީލް ހިމެނިފައިވެއެވެ.

އޭގެ ތެރޭގައި 2016 ވަނަ އަހަރުގެ ފަޤީރުންގެ ލިސްޓުގައި ނަން ނޯޓް ކުރެވިފައިވާކަމުގެ ސްލިޕާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް ވަނީ އެންގިފައެވެ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނެތް ނަމަ، ޕާސްޕޯޓް ގެނެވިދާނެއެވެ. ޕާސްޕޯޓް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނެތް ޙާލަތެއްގައި ޕާސްޕޯޓް ނުވަތަ އައިޑީ ކާޑުގެ އެޓެސްޓް ކުރެވިފައިވާ ފޮޓޯ ކޮޕީބަލައިގަންނާނެއެވެ.

އަސްލު ފަރާތަށް އާދެވެން ނެތް ޙާލަތެއްގައި ބަދަލުގައި މީހަކު ސްލިޕާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ދީފައި ފޮނުވޭނެއެވެ. އަދި މިގޮތަށް ފޮނުވާ މީހަކަށް އައިޑީ ކާޑުގެ ވެރި ފަރާތުގެ މަޢުލޫމާތުތައް އެނގުން މުހިންމެވެ. އަދި މިގޮތަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ އައިޑީ ކާޑުގެ އަސްލު އޮންނަން ވާނެއެވެ.

ޒަކާތުގެ ފައިސާ އާ ޙަވާލު ވުމަށް އަންނަ މީހުންނަށް ޚިދުމަތް ހޯދުމަށް ދޫކުރާ ނަންބަރު ދޫކުރުމުގެ އުސޫލުގައި ވާ ގޮތުން ނަންބަރު ދޫ ކުރާނީ 4 ބަޔަކަށް ބަހައިލައިގެންނެވެ. އެ ބައިތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

  1. ”އެކްސްޕްރެސް ކިޔު“ : 1 އައިޑީ ކާޑާއި 5 އައިޑީ ކާޑާއި ދެމެދުގެ އަދަދަކަށް އައިޑީ ކާޑު ގެންނަ ފަރާތްތަކަށް ޚާއްސަ ކިޔު ނަންބަރު
  2. ”ނޯމަލް ކިޔު“ : 6 އައިޑީ ކާޑާއި 20 އައިޑީ ކާޑާއި ދެމެދުގެ ޢަދަދަކަށް އައިޑީ ކާޑު ގެންނަ ފަރާތްތަކަށް ޚާއްސަ ކިޔު ނަންބަރު
  3. 21 އައިޑީ ކާޑުން ފެށިގެން ގިނަ އައިޑީ ކާޑު ގެންނަ ފަރާތްތަކަށް ޚާއްސަ ކިޔު ނަންބަރު

ޒަކާތް ބަލައި އަންނަ ފަރާތްތަކުގެ ތެރޭގައި 65 އަހަރުން މަތީގެ މީހުންނަށާއި ބަލިމީހުން އަދި މާބަނޑު އަންހެނުންނަށް ޚާއްސަ ކިޔު ނަންބަރުވެސް ދޫކުރާނެއެވެ. މި ނަންބަރުތަކަށް ނެގޭނީ އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި އެމީހެއްގެ 18 އަހަރުން ދަށުގެ ދަރިންގެ އައިޑީ ކާޑުތަކުގެ ފައިސާއެވެ. ކޮންމެ ދުވަހަކު ދޫކުރާނީ ނަންބަރު ނަގަން އަންނަ ތަރުތީބުން ދުވާލަކަށް 100 ނަންބަރެވެ.

1435 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައިވަނީ 400 ދިވެހި ރުފިޔާ ނަމަވެސް މިއަހަރު، 1436 ވަނަ އަހަރު، މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ވަނީ 900 ރުފިޔާ ޖެހިފައެވެ. އެހެން އަހަރުތަކުގައި މުދަލު ޒަކާތް ބަހަނީ ޢާންމު ގޮތެއްގައި ރަމަޟާން މަހުގެ ކުރިން ނުވަތަ ރަމަޟާން މަހުގެ ތެރޭގައި ނަމަވެސް ފަޤީރުންގެ ލިސްޓުގެ ގޮތުގައި މިނިސްޓްރީއިން ގެންގުޅޭ ލިސްޓްގައި ހިމެނިފައިވާ ފަޤީރުންނާއި މިސްކީނުން ކަށަވަރުކޮށް ބެލުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން މިއަހަރުގެ ޒަކާތް ބެހުން ލަސްވެގެން ދިޔައީއެވެ.

މިއަހަރުގެ މުދަލު ޒަކާތް ބެހުމުގެ ކުރިން މި ލިސްޓް މުޠާލިޔާ ކުރުމަށް މިކުރެވުނު މަސައްކަތަކީ ކާމިޔާބު މަސައްކަތެއް ކަމަށް ޑެޕިޔުޓީ މިނިސްޓަރ މުޞްޠަފާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން 53000 މީހުން ލިސްޓު ކުރެވިފައިވާ ލިސްޓުގައިވާ ޒަކާތް ޙައްޤުނުވާ ފަރާތްތަކަކީ ކޮބައިތޯ ބަލައި ޔަޤީންކޮށް، މިފަރާތްތަކުގެ ތެރެއިން ޒަކާތުގެ ޙަޤީޤީ ޙައްޤުވެރިންނަކީ ކޮބައިތޯ ވަނީ ބެލިފައެވެ. މިމަސައްކަތް ނިމުނު އިރު ޒަކާތް ޙައްޤުވާ ފަޤީރުންނާއި މިސްކީނުންގެ ޢަދަދުވަނީ 12335 އަށް ދަށްވެފައެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތުގެ ފައިސާ ބެހުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ އިރު، އަތޮޅު ތެރޭގައި ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.