
މާލެއަށް ދަތުރުކުރި ދޯންޏެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި
އައްޑޫސިޓީ ހިތަދޫއިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް (ބޯޓެއް) އިންޖީނު ހުއްޓިގެން އެމްއެންޑިއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާގަލާ ނަމަކަށްކިޔާ ބޯޓު އިންޖީނު ހުއްޓިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 20:30 ހާއިރު ކަމަށާއި އެހެންކަމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިންބުނީ ދަތުރުކުރަމުންދަނިކޮށް އިންޖީނުން ތެޔޮ ހުސްވެގެން ހުއްޓުނީ ފިހާޅޮހި ރިސޯޓް ކައިރިއަށް ކަމަށާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ ކ.ގުރައިދޫއަށް ގޮސް ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ތެޔޮ ބޯޓަށް ގެންގޮސް ދީފައި ކަމަށެވެ.
އަދި މި ހާދިޘާ ހިނގި އިރު ދޯނީގައި ދެ އަންހެނުންނާއި ކުޑަކުއްޖަކާއިއެކު 30 މީހުން ދަތުރުކުރި ކަމަށާއި މިހާދިޘާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެފަރާތުން ބުންޏެވެ.
އެމްއެންޑީއެފް އިންބުނީ މިހާރު މި ބޯޓު އަންނަނީ މާލެ އައުމަށް ދަތުރުކުމުން ކަމަށެވެ.



