މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ: ހުކުރު ޚުތުބާ

މަޙުޝަރުގެ ބިރުވެރިކަމާއި، އެ ނާމާން ދުވަހު އިންސާނާއަށް ކުރިމަތިވާނޭ ކަންތައްތަކުގެ މައްޗަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގެ މައުޟޫއަކީ ”ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!“ މިއެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގައި އިންސާނަކަށް ބިރުވެރިކަމަކާ ކުރިމަތިވާ ހިނދު، އެންމެ ފުރަތަމަ ވެސް އެހީއަށް އެދޭނީ އެ މީހަކާ އެންމެ ގާތް މީހެއްގެ ކިބައިންނެވެ. ނަމަވެސް މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެއެވެ. އެ ދުވަހު އިންސާނާ އޭނާގެ އަޚާގެ ކިބައިންނާއި، މަންމައާއި ބައްޕަގެ ކިބައިންނާއި، އަނބިމީހާއާއި ދަރިންގެ ކިބައިން ވެސް ފިލަން ދާނެކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ވަނީ ހަނދާންކޮށްދީފައެވެ.
އެ ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުން، ކުޑަކުދިން މުސްކުޅިންނަށް ހަދައިލާނެ ކަމަށާއި، އުޑު އިރައިގެން ދާނެކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ، އެ ފަދަ ނާމާން ދުވަހެއްގައި މީސްތަކުން ދެ ބަޔަކަށް ބެހިގެންވާނެ ކަމަށެވެ. އެއީ އީމާންވެ ހެޔޮ އަމަލުކުރި، އުފާވެރި މޫނުތަކުގެ ވެރި މީހުންނާއި، ކާފިރުވެ ނުލަފާ އަމަލުތައް ކުރި، ހިރަފުސް އެރި ކަޅު އަނދިރި މޫނުތަކުގެ ވެރި މީހުންނެވެ.
ދުނިޔޭގައި މާތް ﷲއާއި އެކަލާނގެ ރަސޫލުންނަށް އުރެދުނު މީހުން ޤިޔާމަތްދުވަހު ވޭންދެނިވި އަޒާބާ ކުރިމަތިލާންޖެހޭނެއެވެ. އެ ހިނދު އެ އަޒާބުން މިންޖުވުމަށްޓަކައި، އަމިއްލަ ދަރިންނާއި، އަނބިމީހާއާއި، އަޚުންނާއި، އަދި ބިމުގައިވާ އެންމެން ފިދާއެއްގެ ގޮތުގައި ދީގެން ވިއަސް ސަލާމަތްވާން އެދޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް އެ ދުވަހަކީ އަމަލުތަކާ މެދު ސުވާލުކުރެވޭނެ ދުވަހެވެ. އިންސާނާ އޭނާގެ ކުށްތައް ފޮރުވަން ދޮގުހަދަން އުޅުނަސް، އެ ދުވަހު އަނގަ ބަންދުކުރެވި، އަތްތަކާއި ފައިތަކާއި ހަންގަނޑު އޭނާގެ އަމަލުތަކަށް ހެކިދޭނެއެވެ.
މިއަދުގެ ޚުތުބާގައި އިތުރަށް ބުނީ، އިންސާނާ ކުޅަހައި އަމަލެއް ހިމެނިފައިވާ ފަތް ނިއުޅައިލެވި، އަމިއްލަ ނަފްސު ހިސާބުކުރުމަށް އެންގޭނެ ކަމަށެވެ. އެ ފޮތުގައި ކުޑަ ކަމެއް ވިއަސް އަދި ބޮޑު ކަމެއް ވިއަސް ނުލިޔެވި ދޫވެފައި ނުވާނެއެވެ. އެހެންކަމުން، އެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މާތް ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވުމާއި، ފާފަތަކަށް ތައުބާވެ ހެޔޮ އަމަލުތަކުގައި ދެމިތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާ ނިންމާލަމުން ވަނީ ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނެކަން ހަނދުމަކޮށް، ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލި، ނަރަކައިން މިންޖުވެ ސުވަރުގެ ލިބޭނޭ ފަދަ ހެޔޮ އަމަލުތައް ކުރުމަށް ގޮވާލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.