ޒުވާން، އެކުވެރި ސްޕެއިންއިން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް

މީގެ ތިރީސް ހަތަރު ދުވަސް ކުރިން، ސްޕެއިންއިން ވޯލްޑް ކަޕް ފެށީ މުބާރާތުގައި އަލަށް ވާދަކުރި ކޭޕް ވާޑްއާ ދެކޮޅަށް ކުޅެ، ލަނޑެއް ނުޖެހި އެއްވަރުވި މާޔޫސީ ނަތީޖާއަކުންނެވެ. ނަމަވެސް، މިދިޔަ އާދީއްތަ ދުވަހު ނިއު ޖާޒީގައި ކުޅުނު ފައިނަލް މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، ސްޕެއިންއިން ވަނީ ވޯލްޑް ކަޕްގެ ތަށި އުފުލާލާފައެވެ.

ލުއިސް ޑެލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މި ޒުވާން ޓީމު، މުބާރާތުގެ ކުރިއަށްދިޔަ ވަރަކަށް އައީ އާދަޔާ ހިލާފަށް ކުރިއެރުން ހޯދަމުންނެވެ. ނޮކައުޓް ބުރުގެ މެޗުތަކުގައި ދެއްކި މޮޅު ކުޅުމާއެކު، އެންމެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން މިވަނީ ހޯދާފައެވެ. މުޅި މުބާރާތުގައިވެސް ސްޕެއިން ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އަދި ބަލިނުވެ އެޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑު މިހާރު ވަނީ 38 މެޗަށް އިތުރުވެފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

 

ފައިނަލް މެޗުގައި ’ލަ ރޯހާ‘ (ސްޕެއިން) އިން ފެނިގެންދިޔައީ މުޅި މެޗު ކޮންޓްރޯލްކޮށް، އާޖެންޓީނާގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވި ތަނެވެ. ސްޕެއިންއިން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ގޮތުގެ ތަފްސީލަށް ބަލާލަމާ ހިނގާށެވެ.

ސްޕެއިންއިން މި މުބާރާތަށް ނުކުތީ ބައިވެރިވި 48 ޓީމުގެ ތެރެއިން 6 ވަނައަށް އެންމެ ޒުވާން ސްކޮޑާ އެކުގައެވެ. ޓީމުގެ އެވްރެޖް އުމުރަކީ 26.19 އަހަރެވެ. މުޅި ޓީމުގައިވެސް 30 އަހަރުން މަތީގެ ތިބީ އެންމެ 6 ކުޅުންތެރިންނެވެ. މީގެ އިދިކޮޅަށް ބްރެޒިލް ޓީމަށް ބަލާއިރު، އެޓީމުގެ އެވްރެޖް އުމުރަކީ 28.65 އަހަރެވެ. އަދި 30 އަހަރުން މަތީގެ 11 ކުޅުންތެރިން އެޓީމުގައި ހިމެނެއެވެ. ސްޕެއިންއިން ތަޖުރިބާއަށްވުރެ ބޮޑަށް ޒުވާން ލޭ އިޚްތިޔާރުކުރުމަކީ ރަނގަޅު ނިންމުމެއްކަން މިވަނީ ސާބިތުވެފައެވެ. ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޕާއު ކުބާސީ އާއި ލަމީން ޔަމާލްއަކީވެސް އެންމެ 19 އަހަރުގެ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން، ފައިނަލް މެޗުގެ މޮޅުވި ލަނޑު ޖެހުމަށް އެހީތެރިވެދިން ނިކޯ ވިލިއަމްސްގެ އުމުރަކީ 24 އަހަރެވެ. އަދި ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީގެ އުމުރަކީ 23 އަހަރެވެ.

spain

ޖޫން މަހުގެ މެދުތެރޭގައި އެޓްލާންޓާގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން މުބާރާތް ފެށިއިރު، އެފްރިކާގެ އެ ޓީމުގެ ގޯލްކީޕަރު ވޮޒީނިއާގެ ހުޝިޔާރުކަމުން ސްޕެއިންއަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ. އަދި މިކަމާ ގުޅިގެން ސްޕެއިންއަށް މުބާރާތުގައި ކާމިޔާބު ހޯދިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ނަމަވެސް، އެ ހުރިހާ ފާޑުކިޔުންތަކަކަށް ފަހު ސްޕެއިންއިން ވަނީ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބަލިކޮށްފައެވެ. ގަދަ 32 ގެ ބުރުގައި އޮސްޓްރިއާ ފަސޭހަކަމާއެކު ބަލިކުރި ނަމަވެސް، އޭގެ ފަހުން ކުޅުނު ދެ މެޗުގައި ސްޕެއިންއަށް ކުރިމަތިލާން ޖެހުނީ ބޮޑު ގޮންޖެހުންތަކަކާއެވެ. ޕޯޗުގަލް އާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކެލް މެރީނޯ ޖަހައިދިން ފަހު ވަގުތުގެ ލަނޑުތަކާއެކު ސްޕެއިންއަށް ސެމީ ފައިނަލުން ޖާގަ ލިބުނެވެ.

ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން 2-1 އިން ސްޕެއިން މޮޅުވި މެޗަކީވެސް ޔަމާލްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު މެޗެކެވެ. މެޗަށްފަހު އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، ސްޕެއިންއިން ތަށި އުފުލާލައިފިނަމަ އޭނާ ލަނޑު ޖެހިތޯ ނުވަތަ ނޫންތޯ އެކަކުވެސް ހަނދާން ނުހުންނާނެ ކަމަށެވެ. އޭނާ ބުނީ ތެދެކެވެ.

މި މުބާރާތުގައި ސްޕެއިންއަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ފަސް ލަނޑު ކާމިޔާބުކުރި މިކެލް އޮޔަރްޒަބަލްއެވެ. މީގެ އިތުރުން މިކެލް މެރީނޯ އާއި ޕެޑްރޯ ޕޯރޯ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ފައިނަލްގައި ސްޕެއިން މޮޅުވި ލަނޑު ޖަހައިދިނީ ފެރާން ޓޮރޭޒްއެވެ. ޔަމާލްއަށް މުޅި މުބާރާތުގައި ޖެހުނީ އެންމެ ލަނޑެއް ނަމަވެސް، އޭނާއަކީ ސްޕެއިން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ހުރިހާ މެޗެއްގައި ކުޅެ، ބެލްޖިއަމް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި ފްރާންސާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި ސްޕެއިންއަށް ލިބުނު ޕެނަލްޓީ ހޯދައިދިނީވެސް އޭނާއެވެ.

އާދީއްތަ ދުވަހު އޮތް ފައިނަލް މެޗަށް ސްޕެއިން ނުކުތީ އެއްވެސް ބަދަލެއް ނުގެނެސް، ސެމީ ފައިނަލްގައި ކުޅުނު ފުރަތަމަ އެގާރައާއެކުގައެވެ. މިއީ އެ ޓީމަށް ރަނގަޅު ނިންމުމެއްކަން މެޗުގެ ކުޅުމުން ސާބިތުވިއެވެ. ސެމީ ފައިނަލެކޭ އެއްގޮތަށް، މި މެޗުގައިވެސް ބޯޅަ ހިފަހައްޓައިގެން ކުޅެ، އިދިކޮޅު ޓީމު މާޔޫސްކޮށްލުމުގައި ސްޕެއިން ކާމިޔާބު ހޯދިއެވެ.

މެޗުގެ 120 މިނެޓު ހަމަވިއިރު، އާޖެންޓީނާއަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. އޭގެ ތެރެއިން އެއްވެސް ހަމަލާއެއް ގޯލާ އަމާޒުވެފައެއް ނުވެއެވެ. ސްޕެއިންއިން މުޅި މެޗުގެ 65 އިންސައްތަ ބޯޅަ ކޮންޓްރޯލްކޮށް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އާޖެންޓީނާގެ ކުޅުންތެރިން ވަރުބަލިކޮށްލިއެވެ.

އާޖެންޓީނާގެ ކުޅުންތެރިންގެ މާޔޫސްކަން ބޮޑުވެ، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެންޒޯ ފެނާންޑޭޒް، ސްޕެއިންގެ ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން، އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލިއެވެ.

ސްޕެއިންއިން ބަދަލު ކުޅުންތެރިންގެ ގޮތުގައި ޕެޑްރީ، ވިލިއަމްސް އަދި ފެރާން ޓޮރޭޒް ފަދަ ހުނަރުވެރި ކުޅުންތެރިން ދަނޑަށް ނެރެ، ކުޅުން އިތުރަށް ވަރުގަދަކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 106 ވަނަ މިނެޓުގައި ޓޮރޭޒް ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު ސްޕެއިންއިން މެޗުގެ ލީޑު ނެގިއެވެ.

torres

ސްޕެއިންގެ ފުޓްބޯޅައަށް އުޖާލާ މުސްތަގުބަލެއް؟

ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިންގެ މިހާރުގެ ސްކޮޑަކީ ޒުވާން ސްކޮޑެކެވެ. ކުރިއަށް އޮތް އަހަރުތަކުގައި ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެ ޓީމުން ރަސްކަން ކުރާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ގިނަ ކުޅުންތެރިންނަކީ އަދި އެންމެ މޮޅު ކުޅުން ދެއްކޭނެ އުމުރަށް ނުދާ ކުޅުންތެރިން ކަމަށްވުމުން، ކުރިއަށް އޮތް މުބާރާތްތަކުގައި، ހާއްސަކޮށް ހަތަރު އަހަރު ފަހުން އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕްގައި ކާމިޔާބު ހޯދުމަށް އެ ޓީމުން އުއްމީދު ކުރާނެއެވެ.

ޔަމާލް، ކުބާސީ، ޕެޑްރީ އަދި ވިލިއަމްސް ފަދަ ތަރިން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު ތިބޭނީ ކުޅުމުގެ އެންމެ ކުރީ ސަފުގައެވެ. އަދި ސްޕެއިންގެ ”ޕޮޒެޝަން ބޭސްޑް“ ނުވަތަ ބޯޅަ ހިފަހައްޓައިގެން ކުޅޭ ގޮތަކީ ހޫނު މޫސުމުގެ މުބާރާތްތަކުގައި އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތާއި އަޔަލޭންޑްގައި ދެ އަހަރު ފަހުން ބާއްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ތަށި ދިފާއުކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރުވެސް އެ ޓީމަށް އެބައޮތެވެ. ކޯޗު ޑި ލަ ފުއެންޓޭގެ އެއްބަސްވުން 2028 ވަނަ އަހަރާ ހަމައަށް އާކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން އިތުރު ކާމިޔާބީތަކާ ދިމާލަށް މިސްރާބު ޖަހާފައިވާކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.