ޚަބަރު ފީތާ

ނިއުގެ މައްޗަށް ކުރިހޯދާ އީގަލްސްގެ ފެށުން ރަނގަޅުކޮށްފި

ފޮޓޯ: މިހާރު އޮންލައިން

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓުގެ މައްޗަށް ކުރިހޯދާ އީގަލްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-3 ންނެވެ. މި މެޗުގައި އީގަލްސް އަށް ލީޑު ލިބުނީ 14 ވަނަ މިނެޓުގައި ނިއުގެ އަލީ ސާމިއު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

އީގަލްސް އިން ދެވަނަ ގޯލު ޖެހީ 64 ވަނަ މިނެޓުގައި އިބްރާހިމް މުބީން (މުއްކި) އެވެ. އަދި ތިން ވަނަ ގޯލު 74 ވަނަ މިނެޓުގައި ޖެހީ ރިސްޓޭ އެވެ.

މި މެޗުގައި ނިއުއަށްވެސް ގޯލުޖަހާނެ ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އީގަލްސްގެ މި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ފުރުޞަތު އެ ޓީމުން ވަނީ ބޮޑުކޮށްފައެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ބީ ގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނާއި މިނިވަން 50 ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ސ. ފޭދޫ އެވެ.

 

Rate this post