
ޖީއެމްއާރަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ 271 މިލިއަން ޑޮލަރު އެއްކޮށް ދައްކައި ހަލާސްކޮށްފި.
އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ”ޖީއެމްއާރު“ އަތުން އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭ އިން އަތުލުމުން ބަދަލެއްގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭ 271 މިލިއަން ޑޮލަރު އެއްކޮށް މިއަދު ދައްކައި ހަލާސްކޮށްފި އެވެ.
މިއަދު ޖީއެމްއާރަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭ 271 މިލިއަން ޑޮލަރު ސަރުކާރުން މިއަދު ދައްކާ ހަލާސްކޮށްފައިވާއިރު މިކަން ވަނީ އެޓާނީ ޖެނެރަލް އަހުމަދު އަނިލް ކަށަވަރުކޮށްދީފައެވެ.
މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އަނިލް ވިދާޅުވީ އެ ފައިސާ ދެއްކީ މިއަދުގެ ވަގުތެއްގައި ކަމަށާއި އެކި ޖޫރިމަނާތަކާއި އިންޓަރެސްޓާއި ލީގަލް ފީތަކާ އެކު އެ ކުންފުންޏަށް ސަރުކާރުން 271 މިލިއަން ޑޮލަރު ޑޮލަރު ދެއްކި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފައިސާ ދެއްކީ އެމްއޭސީއެލްގައި ރައްކާކޮށްފައި ހުރި ފައިސާ އިން ކަމަށާއި ސަރުކާރު ބަޖެޓުން އެއްވެސް ހަރަދެއް އެކަމަށް ނުކުރާ ކަމަށެވެ. އަނިލް ވިދާޅުވީ ޖީއެމްއާރަށް ދައްކަން ޖެހޭފައިސާ އަވަހައް ދައްކާ ކަލާސްކުރީ ލަސްކޮށްފި ނަމަ، އިންޓަރެސްޓްތަކެއް އަރަމުން ދާނެތީ ކަމަށެވެ.
މީގެ އިތުރުން އަނިލް ވިދާޅުވީ ޖީއެމްއާރަށް ދެއްކި 271 މިލިއަން ޑޮލަރުގެ ތަފްސީލުތަކާއި އޭގެން ރާއްޖެއަށް ކުރާނެ ފައިދާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބަޔާނެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޖީއެމްއާރުގެ އާބިޓްރޭޝަން މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން އެއްކޮށް ނިންމައި ދައްކަން ޖެހޭ ފައިސާގެ އަދަދު ނިންމީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.



