ފާއިތުވި ހަފްތާގެ ތެރޭގައި ހުށަހެޅުނު ސްކޭމްގެ އެކި މައްސަލަތަކުން އެއް ލައްކައަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި

މިދިޔަ ހަފުތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި އެއް ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ޚިދުމަތުން ހާމަކޮށްފި އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 19ވަނަ ދުވަހުން ފެށިގެން މި މަހުގެ 25ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 35 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި 372،515.59 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު 148،781.94 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެންމެ ގިނައިން ހުށަހަޅާފައިވަނީ އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 13 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ސްކޭމްގެ މައްސަލަތުގެ ތެރޭގައި ބޭރު ފައިސާ މާރު ކުރުމާ ގުޅުންހުރި މައްސަލަތަކާއި އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި ސްކޭމްތައްވެސް ހިމެނެ އެވެ.

އެގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 6 މައްސަލައަކާއި އިމްޕަރސޮނޭޝަންގެ 9 މައްސަލައާއި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި 6 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 1 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެ އެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ reportscam@police.gov.mvއަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.