
ކޮލަމްބޯ އާއި ޓްރިވެންޑްރަމްގައި ވޯޓުލުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފި
ކޮލަމްބޯ އާއި ޓްރިވެންޑްރަމްގައި ވޯޓުލުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޓުރިވެންޑްރަމާއި ކޮލަމްބޯގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައިވާ ކަމަށެވެ.
ރަޖިސްޓްރީކުރުން އޮންނާނީ އާދީއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 4:30 އަށެވެ. އަދި އާދީއްތަ ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ހަވީރު 5:00 އަށް ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
އަދި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ޖެހޭ ފޯމް، ބާ ޖަމާލުއްދީންގައި ޤާއިމްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިންތިޚާބީ މަރުކަޒުންނާއި ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫސިޓީ އަދި ފުވައްމަލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ޓްރިވެންޑްރަމާއި ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީންނާއި އެ ކޮމިޝަންގެ ވެބްސައިޓުން ފޯމު ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ފޯމު ބަލައިގަތުމުގެ އިންތިޒާމް ޓުރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީން ހަމަޖެހިފައިވާ ކަމަށާއި ފޯމު ހުށަހަޅާ އިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.



