”އޯވަސީޒް ސެމިނަރ އޮން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ“ ފަށައިފި

ޗައިނާ އިން ރާއްޖޭގައި ކުރިއަށް ގެންދާ ”އޯވަސީޒް ސެމިނަރ އޮން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ“ ފަށައިފި. އެވެ.

އެމްއެންޔޫ ފެކަލްޓީ އޮފް ހެލްތު ސައިންސްގައި މިއަދު ފެށުނު ސެމިނާގައި، ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަނާއި ޗައިނާގެ އިންޓަނޭޝަނަލް އެކްސްޗޭންޖް ސެންޓަރުގެ މާހިރުންނާއެކު، ޗައިނާގެ 39 މުއައްސަސާއަކާއި ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިވެހިރާއްޖެ އަދި ޗައިނާ ސަރުކާރުގެ ބައިވެރިވުމާއެކު އިންތިޒާމުކުރެވިފައިވާ މި 10 ދުވަހުގެ ސެމިނާގެ މަޤްޞަދަކީ މަސައްކަތުގެ މާޙައުލުގެ ސިއްޙަތާއި ސަލާމަތްތެރިކަމާ ގުޅޭގޮތުން މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، ރައްކާތެރިކަމުގެ ސަޤާފަތެއް އާލާކުރުމެވެ.

މި ސެމިނަރ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝަރަފުވެރި މެހުމާނު، ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަދީޖާ އަބްދުއް ސަމަދު ވިދާޅުވި ގޮތުގައި ޗައިނާގެ މާހިރުންގެ ޓީމުން އެ ބޭފުޅުންގެ އަގުހުރި ޢިލްމާއި ތަޖުރިބާ ހިއްސާކުރުމަށްޓަކައި ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރު ދާއިރާތަކުން ބަދަހިވަމުންދާކަން ފާހަގަކުރައްވައި، މި ސެމިނާއަކީ ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދުގައިވާ ދެމިގެންވާ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ އިތުރު މިސާލެއްކަމުގައި ޝަރަފުވެރި މެހުމާނު ފާހަގަކުރެއްވި އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަމަކީ ހަމައެކަނި ސިޔާސަތެއް ނޫންކަމާއި، އެއީ އެންމެންގެ ޒިންމާއެއް އަދި ދެމެހެއްޓެނިވި ޤައުމީ ތަރައްޤީގެ މުހިންމު ތަނބެއްކަން ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.

”މިތަނުން ލިބޭ މަޢުލޫމާތުގެ ސަބަބުން ކޮންމެ މަސައްކަތްތެރިއަކުވެސް ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ރައްކާތެރިކަމާއެކު ގެއަށް އެނބުރި ދިޔުން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ އެވެ.

ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތު މާހައުލެއް އޮތުމަކީ އުފެއްދުންތެރި އަދި ވަރުގަދަ ޤައުމެއްގެ ސިފައެއް،“ ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ.

މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދެވެމުންދިޔަ ނަމަވެސް، މަސައްކަތުގެ ސިއްޙަތާއި ސަލާމަތްތެރިކަމަކީ ދިވެހިރާއްޖޭގައި އަދިވެސް އިހުމާލުވެފައިވާ ދާއިރާއެކެވެ. މި ގޮތުން ރާއްޖޭގައި މަސައްކަތުގެ މާޙައުލުގައި ލިބޭ އަނިޔާތަކާއި އަދި ހިނގާ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.

މި ދާއިރާގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ (އޯއެޗްއެސް) ގެ ފަންނީ މާހިރުންގެ ދަތިކަން ކަމުގައި ފާހަގަކުރެވިފައިވެ އެވެ.

މި ދަތިތައް ޙައްލުކުރުމަށްޓަކައި، 14 އޮކްޓޯބަރު 2024 ގައި ޢަމަލުކުރަން ފެށުނު އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެކްޓް (ޤާނޫނު ނަންބަރު 2/2024) އިން ޤާނޫނީ އޮނިގަނޑެއް ޤާއިމުކޮށްފައިވެއެވެ. މި ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކުން މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ސަލާމަތީ އޮފިސަރުން ޢައްޔަންކުރުން ފަދަ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުކުރެއެވެ. މީގެ ތެރޭގައި މަސައްކަތުގެ މާޙައުލުގައި ލިބޭ އަނިޔާ ނުވަތަ މުވައްޒަފެއްގެ ފުރާނަ ގެއްލިދާ ހާލަތެއްގައި ބަދަލު ދިނުމުގެ މާއްދާތައްވެސް ހިމެނެ އެވެ.

އައު ޤާނޫނުން މުހިންމު ބިންގަލެއް އަޅައިދީފައިވީ ނަމަވެސް، އޭގެ ކާމިޔާބީ ބިނާވެގެންވަނީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި ތަންފީޒުކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މައްޗަށެވެ.

މި ސެމިނާގައި ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި، އަދި އަމިއްލަ ސެކްޓަރުން 50 ބައިވެރިން ބައިވެރިވެފައިވެއެވެ. މިއީ މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ރަނގަޅުކޮށް މަސައްކަތްތެރިން ޙިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ ވަރުގަދަ މަސައްކަތެއްގެ ދަލީލެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.