
އިޒްރާއީލަށް ޖާސޫސްކޮށްދިން މީހަކު އީރާންއިން ދަންޖައްސާ މަރާލައިފި
އިޒްރާއީލުން އިރާންގެ ސިއްރުތައް ހޯދުމަށް ފޮނުވާފައިވާ އެގައުމުގެ ”އެންމެ މުޙިއްމު އެއް ޖާސޫސް“ ކަމަށް ބެލެވޭ މީހާ ހޯދައި، އެމީހާ ދަންޖައްސައި މަރާލައިފި ކަމަށް އިރާންގެ ނޫސް އޭޖެންސީ މިޒާން ނިއުސް އިން ބުނެފިއެވެ.
މިއީ އިޒްރާއީލަށް ޖާސޫސް ކޮށްދިންކަން ސާބިތުވެ ދަންޖައްސާފައިވާ 10 ވަނަ މީހާއެވެ.
އިޒްރާއީލްގެ މޮސާޑްއަށް އިރާންގެ އެތެރޭގެ މަޢުލޫމާތުތައް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ކުރެވި، ސަރުކާރާއި އަސްކަރިއްޔާގެ މުޙިއްމު މަޢުލޫމާތު ބޭރުކޮށްފައިވާ ކަމުގެ ދައުވާ އުފުލައި، ޝަރީއަތުން ކުށް ސާބިތުވުމުން ބަހްމަން ޝޫބަސްލް އަށް އިސްލާމީ ޝަރިއަތާއި އެއްގޮތަށް ދަންޖެއްސުމަށް ޙުކުމް ކުރެވި، ޙުކުމް ތަންފީޒު ކޮށްފައިވަނީ 29 ސެޕްޓެމްބަރު ވީ ހޯމަ ދުވަހުއެވެ.
މިޒާން ނޫހުން ބުނެފައިވަނީ، ޝޫބަސްލް އަށް ކުރެވިފައިވަނީ ޓެލެކޮމިއުނިކޭޝަންސްއާއި ބެހޭ މުޙިއްމު މަޢުލޫމާތުތަކެއް އިޒްރާއީލުގެ މޮސާޑްއަށް ފޯރުކޮށްދިންކަމުގެ ދައުވާއެވެ.
މިޒާއިން ބުނެފައިވަނީ، މޮސާޑްއިން ޝޫބަސްލް ބޭނުންކޮށްފައި ވަނީ އިރާން ސަރުކާރުގެ އެކި އިދާރާތަކުން މުޙިއްމު ޑޭޓާތައް ހޯދައި، އިރާނުގެ ޑޭޓާ ސެންޓަރުތަކަށް ވަނުމުގެ ބޭނުމުގައި ކަމަށެވެ.
މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ އިސްތިޢުނާފް އިރާންގެ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށް ”ބިންމަތީގައި ފިތުނަ ފަސާދަ އުފެއްދުމާއި، ދުޝްމަނުންނަށް ޖާސޫސް“ ކޮށްދިނުމުގެ ކުށުގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ނިންމާފައެވެ.
ޝޫބަސްލްއަކީ މިގޮތަށް ޖާސޫސް ކުރުމުގެ ކުށުގައި މި ސެޕްޓެމްބަރު މަހު ޙުކުމް ކުރެވި މަރުގެ އަދަބު ލިބޭ ދެވަނަ މީހާއެވެ.



