
ރާއްޖެއާ ދެކޮޅަށް ބަޔަކު ނެގެޓިވް ކެމްޕެއިންތައް ހިންގާ: ސަފީރު ޝިއާން
ރާއްޖެއާ ދެކޮޅަށް ބަޔަކު ނެގެޓިވް ކެމްޕެއިންތައް ހިނގަމުންދާ ކަމަށް އިނގިރޭސިވިލާތަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިއާން ވިދާޅުވެއްޖެއެވެ.
ޑަބްލިއުޓީއެމްގެ ފެއާރގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނެގަޓިވް ކެމްޕެއިންތަކާ އެއްވަރަށް ކަމުގެ ޙަޤީޤަތް ހާމަކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
އެގޮތުން ޖަހާ ކޮންމެ ނެގަޓިވް އާޓިކަލްގެ ބަދަލުގައި ޕޮޒިޓިވް 5 އާޓިކަލް ލިޔެވޭތޯ ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ފަހަރު ރާއްޖޭގެ މިވާ ގޮތަކީ ނެގަޓިވް އާޓިކަލެއް ލިޔުނީމަ އެ ނެގަޓިވް އާޓިކަލެއް ސޯޝަލް މީޑިއާގައި ދައުރުވާލެއް ގިނަ ކަމަށާއި އެހެންނަމަވެސް ރާއްޖެއާ ގުޅޭ ރަނގަޅު އާޓިކަލެއްވިޔާ އެ އާޓިކަލެއްގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ޝިއާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވިޔަފާރީގެ މުޢާހަދާއެއްގައި ސޮއިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ރާއްޖޭގައި ހުރި ތަފާތު އިންވެސްޓްމެންޓްގެ ފުރުޞަތުތައް ދައްކާލުމަށް އަންނަ މަހު ލަންޑަނުގައި ޓްރޭޑް އެންޑް އިންވެސްޓްމެންޓް ސެމިނާރއެއްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.



