
ނޫސްވެރިކަމުގެ ގައުމީ އިނާމް އަހުމަދު ޒާހިރު(ހިރިގާ) އަށް.
ނޫސްވެރިކަމުގެ ގައުމީ އިނާމް ސަން އޮނަލައިން ގެ ޗީފް އެޑިޓަރ އަހުމަދު ޒާހިރު (ހިރިގާ) އަށް ލިބިވަޑައިގެންފި އެވެ.
އޭނާއަށް ގައުމީ އިނާމް ލިބިވަޑައިގަތީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގަ އެވެ.
27 އަހަރަށް ވުރެ ގިނަ އަހަރު ނޫސްވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ އަހުމަދު ޒާހިރު ވަނީ ދިވެހި ނޫސްވެރިކަން ކުރެއްވުމުގެ އިތުރުން ނޫސްވެރިކަން ކުރިއެރުވާ ތަރައްގީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ ރަންޖީލުގެ ގޮތުގައި ފާހަގަކުރެވިފައިވާ ހިރިގާ ވަނީ ނޫސްވެރިކަން އިތުރަށް ފުޅާކޮށް މޮނީޓަރ ކުރުމުގެ ގޮތުން 2006 ވަނަ އަހަރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ ނަމުގައި ޖަމިއްޔާއެއް ވެސް އުފައްދާފައެވެ.
އަދި ހިރިގާ ވަނީ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ޖަރނަލިޒަމްއާ ގުޅިގެން މީޑިއާ ރައިޓްސް މޮނިޓަރިންގެ ނަމުގައި ދިވެހި ނޫސްވެރިންނަށް ހިރިގާ އިސްވެ ހުންނަވައިގެން ތަމްރީން ކޯހެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.
ނޫސްވެރުކަމުގެ ޚިދުމަތުގެ ރިހިގަލަންވެސް ލިބިވަޑައިގަތް
ހިރިގާއަށް މީގެ ކުރިން ވަނީ ސިންގަޕޫރު ރޯޔަލް އިންސްޓިޓިއުޓް އިން ދޭ ރެކޮގްނިޝަން، ފެލޯ ޖަރނަލިސްޓްގެ ޝަރަފުވެސް ލިބިވަޑައިގެންފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި މައުލޫމާތު ފޯރުކޮށްދިނުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން އިނާމު ލިބިވަޑައިގަތީ ޕީއެސްއެމްގައި މަސައްކަތް ކުރައްވާ ހަފްސީއަބްދުﷲ އަށެވެ.



