މިޢަމަލުތަކުންވެސް ރޭއަޅުކަމާއި އެއްވަރަށް ޘަވާބު ލިބޭ!
ލިޔުއްވީ: الشيخ أبو عبد الله عبد الرحيم المدني
الحمد لله رب العالمين. والصلاة والسلام على نبينا محمد وآله وصحبه أجمعين. آمين.
ރޭއަޅުކަމަކީ ﷲ އެންމެ ރުއްސަވާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ޢަމަލެކެވެ. އަދި އެއީ ﷲ އާއި ކުއްތަންވެވޭ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ރޭ އަޅުކަމަކީ ޢިޝާ ނިންމުމަށްފަހު ފަތިސްވުމުގެ ކުރިން ކުރާ ކޮންމެ ނަމާދެކެވެ. ތަރާވީސް ނަމާދާއި އަދި ދަމުނަމާދާއި އަދި ވިތުރުއަކީ ރޭއަޅުކަމުގެ ތެރެއިން ހިމެނޭ ނަމާދުތަކެވެ. އެކި ނަންތައް ދެވިފައިވީ ކަމުގައިވިޔަސް އެއަޅުކަމަކީ ރޭ އަޅުކަން ނުވަތަ ޤިޔާމުއް ލައިލީގެ ތެރެއިން އަންނަ އެއްއަޅުކަމެކެވެ. ރޭއަޅުކަން ބައެއް ޞަހާބީ ބޭކަލުން ކުރައްވަނީ ނިދުމުގެ ކުރިންނެވެ. އަދި އަނެއްބައި ޞަޙާބީ ބޭކަލުން ކުރައްވަނީ ރޭގަނޑުގެ ތިންބައިކޮށްފައި ދެބައި ދިޔުމުންނެވެ. އެންމެ މޮޅު އިތުރުވެގެންވަނީ މިވަޤުތުގައި ކުރާ ރޭ އަޅުކަމެވެ. ސަބަބަކީ އެއީ ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ނުޒޫލުވެވޮޑިގެން ދުޢާ އިޖާބަ ކުރައްވާ ވަޤުތެއްކަމުގައި ވާތީއެވެ. އެގޮތުން ތިރީގައި މިބަޔާންކުރެވެނީ މިމަތިވެރި ވެގެންވާ އަޅުކަމުގެ ސަވާބު ލިބޭނެ އެހެނިހެން ހެޔޮ ޢަމަލުތަކެވެ.
ހ. ޢިޝާ ނަމާދާއި އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ كَانَ كَقِيَامِ نِصْفِ لَيْلَةٍ ، وَمَنْ صَلَّى الْعِشَاءَ وَالْفَجْرَ فِي جَمَاعَةٍ كَانَ كَقِيَامِ لَيْلَةٍ) رواه مسلم.
މާނައީ: ”ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިކަމުގައިވާނަމަ ރޭގަނޑުގެ ދެބައިކޮށްފައި އެއްބައިގައި ރޭއަޅުކަންކުރި ފަދައެވެ. އަދި ޢިޝާއާ ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފިކަމުގައިވާނަމަ މުޅި ރޭގަނޑު ރޭއަޅުކަން ކުރި ފަދައެވެ.“
އިމާމު ނަވަވީ ރަޙިމަހުﷲ މިޙަދީޘްގެ ޝަރަހާގައި ވިދާޅުވެފައިވެއެވެ. ކޮންމެ ނަމާދެއްވެސް ޖަމާޢަތުގައި ކޮށްފިކަމުގައިވާނަމަ އެއްވަރުވަނީ ރޭގަނޑުގެ ދެބައިކޮށްފަ އެއްބައި އަޅުކަންކުރުމުގެ ސަވާބާއެވެ. ދެނަމާދުކުރުމުން މުޅި ރޭގަނޑުގެ ސަވާބު ލިބެނީ އެގޮތުންނެވެ.
ބައެއް ޙަދީޘްތަކުގައި ފަތިސްނަމާދު އެކަނި ކުރުމުން މުޅި ރޭއަޅުކަމުގެ ސަވާބު ލިބޭކަމަށް ހީވާގޮތަށް އައިސްފައި ވެއެވެ. ނަމަވެސް އެޙަދީޘްގެ މުރާދަކީ ދެނަމާދު ޖަމާޢަތުގައި ކުރުމުން ލިބުން ކަމަށް އިމާމު ނަވަވީ މަތީގައިވާ ޙަދީޘްގެ ޝަރަހާގައި ޞަޙީޙް މުސްލިމުގައި ވިދާޅުވެފައިވެއެވެ.
ށ. މެންދުރު ނަމާދުކުރިން ހަތަރު ރަކުޢަތް ކުރުން.
އަބޫ ޞާލިޙުގެ ކިބައިން މަރްފޫޢުކޮށް އައިސްފައިވާ ޙަދީޘެއްގައިވެއެވެ. (أَرْبَعُ رَكَعَاتٍ قَبْلَ الظُّهْرِ يَعْدِلْنَ بِصَلاَةِ السَّحَرِ) صححه الألباني.
މާނައީ: ”މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް ހާރުދަމުގެ ވަޤުތުގެ ނަމާދާއި އެއްވަރުވެގެންވެއެވެ.“ އެބަހީ ރޭއަޅުކަމާއި އެއްވަރުވެގެންވެއެވެ.
ނ. ރޯދަމަހު ތަރާވީޙް ނަމާދު ނިމެންދެން އިމާމު ފަހަތުގައި ހުރުން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (إِنَّ الرَّجُلَ إِذَا صَلَّى مَعَ الإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ)
މާނައީ: އިމާމު ނަމާދުން އަވަދިވެގެން ދަންދެން ނަމާދުކުރާ މީހާއަށް މުޅި ރޭއަޅުކަން ލިޔުއްވޭ ހުއްޓެވެ.“
ރ. ރެޔަކު ސަތޭކަ އާޔަތް ކިޔެވުން.
(مَنْ قَرَأَ بِمِائَةِ آيَةٍ فِي لَيْلَةٍ كُتِبَ لَهُ قُنُوتُ لَيْلَةٍ) رواه النسائي في اليوم والليلة وصححه الألباني.
މާނައީ: ”މީހަކު ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފިނަމަ ރެޔެއްގެ ރޭއަޅުކަން ލިޔުއްވޭ ހުއްޓެވެ.“ މިމާނަ އިބުނު ކަޘީރު ތަފުސީރުގައި ގެންނަވާފައިވެއެވެ. އަދި އޭގެ މުރާދަކީ ރޭއަޅުކަން ﷲއަށް ބިރުވެތިވެ ހުރެ ކުރުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޢުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހު އެއްރަކުޢަތުން ޤުރުއާން ކިޔަވާ ވިދާޅުވިކަމަށް ތަފުސީރު އިބުނު ކަޘީރުގައި ބަޔާންކުރައްވާފައިވެއެވެ.
ބ. ރޭގަނޑުގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (مَنْ قَرَأَ بِالْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ) متفق عليه.
މާނައީ: ”ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް ފުދިގެންވެއެވެ.“ މިތާ ފުދިގެންވުން މާނައިގައި އިމާމު ނަވަވީ ރަޙިމަހުﷲ އެއީ ރޭއަޅުކަންކަމާއި އަދި ރައްކާތެރިކަން ކަމުގައި ވިދާޅުވެފައިވެއެވެ.
ޅ. ރިވެތި ވެގެންވާ އަޚުލާޤު.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(إِنَّ الْمُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ دَرَجَاتِ قَائِمِ اللَّيْلِ صَائِمِ النَّهَارِ)
މާނައީ: ”ހަމަކަށަވަރުން މުއުމިނުން ރިވެތި ވެގެންވާ އަޚުލާޤުން ރޭއަޅުކަންކުރާ މީހާއާ އަދި ދުވާލު ރޯދަހިފާ މީހާގެ ދަރަޖަތަކަށް ވާސިލުވެއެވެ.“
ސަބަބެއްކަމުގައި ޝަރަހާގައި ޢިލްމުވެރިން ބަޔާންކުރައްވަނީ އެކަމުގެ މާތްކަމުގެ ސަބަބުން ކަމުގައެވެ. އެކަން ކުރާނެ ގޮތަކީ މީހުންނާއި ރިވެތިކޮށް މުޢާމަލާތްކޮށް މީހުންނަށް އުނދަގޫ ނުދިނުމެވެ.
ކ. ހުވަފަތްވެފައިވާ އަންހެނުންނާއި އަދި މިސްކީނުން ބެލެހެއްޓުން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ ؛ كَالْمُجَاهِدِ فِي سَبِيلِ اللَّهِ أَوْ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ) متفق عليه.
މާނައީ:“ ހުވަފަތްވެފައިވާ އަންހެނުންނާއި މިސްކީނުން ބަލަހައްޓާ އަޅާލާ މީހާ ﷲގެ މަގުގައިވާ މުޖާހިދެއްފަދައެވެ ނުވަތަ ރޭއަޅުކަންކުރާ ދުވާލު ރޯދަހިފާ މީހެއްފަދައެވެ.“
އ. ހުކުރު ދުވަހުގެ އަދަބުތަކަށް ރައްކާތެރިވުން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ ، ثُمَّ بَكَّرَ وَابْتَكَرَ ، وَمَشَى وَلَمْ يَرْكَبْ ، وَدَنَا مِنْ الإِمَامِ ، فَاسْتَمَعَ وَلَمْ يَلْغُ ، كَانَ لَهُ بِكُلِّ خُطْوَةٍ عَمَلُ سَنَةٍ ؛ أَجْرُ صِيَامِهَا وَقِيَامِهَا) رواه أبو دود.
މާނައީ“ ”ރަނގަޅަށް ބޯދޮވެ ފެންވަރާ ހިނައިގަނެ އަވަހަށް ހުކުރަށް އައިސް ފުރަތަމަ ޚުތުބާ ލިބެ، (އަދި އައުމަށް) އެއްޗަކަށް ސަވާރުނުވެ ހިނގާފައި އައިސް، އިމާމާއި ކައިރިވެ ޚުތުބާ އަޑުއަހައި ވާހަކަ ނުދައްކައި (މިފަދައިން ކަންކޮށްފިނަމަ) އޭނާގެ ކޮންމެ ފިޔަވަޅަކަށް އަހަރުގެ ރޭއަޅުކަމާއި އަދި ރޯދަހިފުމުގެ ހެޔޮކަން ލިޔުއްވޭ ހުއްޓެވެ.“
ކޮންމެ ފިޔަވަޅަކަށް އަހަރެއްގެ ސަވާބެވެ.
ވ. ރޭއަޅުކަން ކުރުމަށް ނިދުމުގެ ކުރިން ނިޔަތް ގަތުން.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ أَتَى فِرَاشَهُ وَهُوَ يَنْوِي أَنْ يَقُومَ يُصَلِّي مِنْ اللَّيْلِ فَغَلَبَتْهُ عَيْنَاهُ حَتَّى أَصْبَحَ كُتِبَ لَهُ مَا نَوَى وَكَانَ نَوْمُهُ صَدَقَةً عَلَيْهِ مِنْ رَبِّهِ عَزَّ وَجَلَّ) رواه النسائي.
މާނައީ: ”މީހަކު ނިދުމަށް އޭނާގެ ތަންމައްޗަށް ރޭއަޅުކަން ކުރުމަށް ހިތުނިޔަތްގަނެގެން އައިސް، އޭނާ އަށް ހޭނުލެވި ނިދިއްޖެނަމަ އޭނާ ނިޔަތް ގަތް ކަންތައް އޭނާއަށް ލިޔުއްވޭ ހުއްޓެވެ. އޭނާގެ ނިދުން އެއީ އޭނާގެ މައްޗަށްﷲ ޢައްޒަ ވޖައްލަގެ ފަރާތުންވާ ޞަދަޤާތެކެވެ.“
މި ޙަދީޘް އަބުއްދަރުދާގެ ބަސްފުޅެއްގެ ގޮތުގައިވެސް ރިވާވެފައިވެއެވެ. ނަމަވެސް މާނަ ޞައްޙަވެގެންވެއެވެ.
ވީމާ މިހެޔޮ ޢަމަލުތަކުން ޢަމަލުކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވާ ހެޔޮކަން އިތުރުކުރައްވާށިއެވެ.
وصلى الله وسلم على محمد وآله وصحبه أجمعين.