އިމާމު ތަރާވީސް ފެށީއްސުރެ ނިމެންދެން ތަރާވީޙުގައި ބައިވެރި ވުމުގެ މާތްކަން

ލިޔުއްވީ: الشيخ أبو عبد الله عبد الرحيم المدني

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد.
ރޯދަމަހުގެ އެންމެ މުހިންމު ބަޔަކީ ރޭއަޅުކަމެވެ. ރޭއަޅުކަމަކީ ޢިޝާފަހުން ކުރާ ކޮންމެ އަޅުކަމަށް ކިޔޭނަމެކެވެ. އިޝާފަހުން ރޯދަމަހު ކުރާ ނަމާދަށް ކިޔޭ ނަމަކީ ތަރާވީޙް ނަމާދެވެ. ރޯދަމަހުގެ ރޭއަޅުކަން ތަރާވީޙް ނަމާދު އިމާމާއި އެކު ކޮށް ނިންމުން އަންނަނިވި ސަބަބުތަކަށްޓަކައި މޮޅު އިތުރުވެގެންވެއެވެ. (އަދި ރޭއަޅުކަން ނުވަތަ ތަރާވީޙް ކުރާ ކަމަށް ހިތަށް އެރުވުމުން ނިޔަތްގަނެވުނީއެވެ. ޚާއްޞަ ލަފުޒެއް ދުލުން ކިޔާކަށް ނުޖެހޭނެއެވެ. ދުލުން ނިޔަތް ކިޔުމަކީ ރަނގަޅުގޮތެއްނޫނެވެ.)
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަރާވީޙް ނަމާދު އިމާމާއި އެކު ކުރުމާއި މެދު ޙަދީޘްކުރައްވާފައިއެވެ.
(مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ) رواه أبو داود والترمذي و صححه الآلباني.
މާނައީ: “އިމާމު ނިމެންދެން ހުންނަ މީހާއަށް މުޅި ރޭއަޅުކަން ލިޔުއްވޭ ހުއްޓެވެ.”
މުޅި ރޭގަނޑުގެ ރޭއަޅުކަން އިމާމު ނިމެންދެން ހުންނަ މީހާއަށް ލިޔުއްވޭ ކަމަށް މިޙަދީޘްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިވަނީ ބަޔާންކޮށްދެއްވާފައެވެ. މި ޙަދީޘްގެ ޝަރަހާގައި ޢިލްމުވެރިން ބަޔާންކުރައްވަނީ މުޅި ރޭގަނޑު ރޭއަޅުކަމުގެ ސަވާބު އެމީހަކަށް ލިޔުއްވޭ ކަމުގައެވެ.

އިޝްތިހާރު Below Header ad

މި މައްސަލާގައި ޝެއިޚު ޖިބްރީން ވިދާޅުވެފައިވެއެވެ.
( قيام رمضان يحصل بصلاة جزء من كل ليلة ، كنصفها أو ثلثها ، سواء كان ذلك بصلاة إحدى عشرة ركعة ، أو ثلاث وعشرين ، ويحصل القيام بالصلاة خلف إمام الحي حتى ينصرف ، ولو في أقل من ساعة .
وكان الإمام أحمد يُصلي مع الإمام ولا ينصرف إلا معه ، عملاً بالحديث ، فمن أراد هذا الأجر فعليه أن يصلي مع الإمام حتى يفرغ من الوتر ، سواء صلى قليلاً أو كثيراً ، وسواء طالت المدة أو قصرت ” )
މާނައީ: “ރޭގަނޑުގެ ބައެއްގައި ނަމާދުކުރުމުން ރޭއަޅުކަން ޙާޞިލުވާނެއެވެ. އެއީ ދެބައިކޮށްފައި އެއްބައި ކަމުގައިވިޔަސް، ނުވަތަ ތިންބައިކޮށްފައި އެއްބައިކަމުގައިވިޔަސްމެއެވެ. އެއީ އެގާރަ ރަކުޢަތްކަމުގައިވިޔަސް ނުވަތަ 23 ރަކުޢަތް ކަމުގައި ވިޔަސް މެއެވެ. އަދި އަވަށުގެ މިސްކިތުގެ އިމާމު ދަންދެން ހުރެއްޖެނަމަ އެކަން ޙާޞިލުވާނެއެވެ. އެއީ ގަޑިއިރަކަށްވުރެވެސް މަދުނަމަވެސް މެއެވެ. އަދި އިމާމު އަޙުމަދު އިމާމާއި އެކު ނަމާދުކުރައްވައެވެ. އަދި އިމާމު ދަންދެން ވަކިވެ ވަޑައިނުގަންނަވައެވެ. އެއީ (މަތީގައިވާ) ޙަދީޘަށް ޢަމަލު ކުރުމުގެ ގޮތުންނެވެ. ސަވާބު އެދޭ މީހާއަށްވަނީ އިމާމު ވިތުރިކުރަންދެން އިމާމާއި އެކު ނަމާދުކުރުމެވެ. އެއީ ގިނައިން ނަމާދުކުރި ކަމުގައިވިޔަސް އަދި މަދުން ނަމާދުކުރި ކަމުގައިވިޔަސް މެއެވެ. އެއީ މުއްދަތު ދިގުވިޔަސް އަދި ކުރުވިޔަސް ކަމުގައިވިޔަސް މެއެވެ.”
ޝެއިޚު އިބުނު ޖިބްރީންގެ ފަތުވާ ނިމުނީ.

އެހެންކަމުން މަތިވެރިވެގެންވާ މި ސުންނަތް ޙާޞިލުކުރަން އެދޭ މީސްތަކުންނަށް އޮތީ އިމާމު ނިމެންދެން މަޑުކުރުމެވެ. އަދި އިމާމު އަޙުމަދު ވިދާޅުވާ ގޮތުގައި އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ މިއެވެ. ސަބަބަކީ މަތީގައިވާ ޙަދީޘްގެ ސަބަބުންނެވެ. އަދި އިމާމު ނިމުމުގެ ކުރިން ދިޔުން މޮޅު އިތުރުވެގެން ނުވެއެވެ.

އަދި ތަރާވީސް ނަމާދު ކޮންމެހެން ދިގުކޮށް ކިޔަވާ މިސްކިތެއްގައި ކުރުން މަޖުބޫރެއް ނޫނެވެ. އެކަންވަނީ އެކަން ފަސޭހަވެގެންވާ މީހުންނަށެވެ. ކުރުކޮށް ކިޔަވާ އިމާމެއްގެ ފަހަތުގައި ކުރި ކަމުގައި ވިޔަސް މިމަތިވެރި ވެގެންވާ އަޖުރު ހާޞިލުވާނެއެވެ. އަދި ހަމައެޔާއެކު ނަމާދަށް އަންނަ މީހުންގެ ޙާލަތަށް ރިޢާޔަތްކޮށް ކުރުކޮށް ކިޔެވުމަކީވެސް ފިޤުހުގެ ތެރެއިން ހިމެނޭ ކަމެކެވެ. ސަބަބަކީ ބަލިމީހުންނާއި މުސްކުޅިންނާއި ހާޖަތްތައް ޖެހިފައިވާ މީސްތަކުންނަށްވެސް މިމަތިވެރިވެގެންވާ ސުންނަތުގައި ބައިވެރިވެ އަޖުރު ލިބިގެންދާނެ ގޮތަކީ އެއީއެވެ.

އެހެން ކަމުން މި ރަމަޟާން މަހަކީ ރޭއަޅުކަން އަދާކޮށް މިމަތިވެރިވެގެންވާ ސަވާބު އަޅުގަނޑުމެން އެންމެންނަށް ލިޔުއްވިގެންދާނެ މަހެއްކަމުގައި ވޭތޯ ﷲގެ ޙަޟްރަތުން ދަންނަވަމެވެ. އަދި މިރަމަޟާން މަހުގެ ރޯދައާއި އަދި ރޭއަޅުކަން އަޅުގަނޑުމެން އެންމެންގެ ކިބައިން ޤަބޫލުކުރައްވާ އަޅުގަނޑުމެން އެންމެންގެ ފާފަ ފުއްސަވާށިއެވެ.
وصلى الله وسلم على محمد وآله وصحبه أجمعين. آمين.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.