ދިވެހި ސިފައިންގެ ވައިގެ ބާރު އުފައްދައިފި
ދިވެހި ރާއްޖޭގެ އަސްކަރިއްޔާގެ ވައިގެ ބާރު އުފައްދައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
ނ މާފަރު އެއާޕޯޓުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސިފައިންގެ ވައިގެ ބާރު އިފްތިތާހްކޮށްދެއްވީ ސިފައިންގެ އިސްވެރިޔާ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ސިފައިންގެ މި އައު ކޯގެ ދިދަ ވަނީ ދައްކާލާފައި އެވެ.
މިހިދުމަތާއި އެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެެއްޓުމާއި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގައި ދިވެހި ސިފައިންގެ ވައިގެ ބާރުން ހަރަކާތްތެރިވާނެ އެވެެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އެބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިޚިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ބޮޑު އެހީއަކަށްވާނެއެވެ.