
ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އިތުރުކުރުން: ފަތުރުވެރިކަމާއިބެހޭ ދުވަހުގެ ރައީސްގެ އިލްތިމާސް
ދިވެހި ރާއްޖެއަށް ދަތުރު ކުރަމުންދާ ފަތުރުވެރިންގެ ޢަދަދު އިތުރު ކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމާއިބެހޭ ދުވަހުގެ މުނާސަބާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ޖަމިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ މި ޝިޢާރަކީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތާ ވަރަށް ގުޅުން ހުރި ޝިޢާރެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއް ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.
އަދި ފަތުރުވެރިކަން ފޯރުކޮށްދިނުމުގައި އެންމެނަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ވާހަކަދައްކާއިރު، ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަހަރު ހަތަރު ރިޒޯޓެއް ހުޅުވާފައިވާ ކަމަށާއި އިތުރު 9 ރިސޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން އިބްރާހިމް ނާޞރު އިންޓަރނޭޝަނަލް އެއަރޕޯޓު ވެސް އިތުރަށް ތަރައްޤި ކުރުމަށް އެއަރޕޯޓުގެ ވަކި ސަރަޙައްދެއްގެ ބިންހިއްކުމުގެ މަޝްރޫޢު ޖުލައި 25 ވަނަ ދުވަހު ފެށިފައިވާކަންވެސް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ޖަމިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “ފަތުރުވެރިކަން – އެންމެނަށް ވާސިލުވެވޭ ގޮތަށް ކުރިއެރުވުން” އެވެ.



