ށ. ބިލެތްފަހި ފަރަށް އެރި ދޯންޏަކުން މޫދަށް ފުންމާލި މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.
އެ ޙާދިޘާގައި ނިޔާވެފައިވަނީ އެދޯނީގެ ވެރިފަރާތް ކަމަށްވާ ބިލެތްފަހި، ފޭރުމާގެ، މުޙައްމަދު ސިރާޖުއެވެ. އޭނާ ނިޔާވީ ދޯނި ފަރަށް އެރުމުން ވަލެއް ހިފައިގެން މޫދަށް ފުންމާލި ފަހުން ލޮނު ބޮވިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
އަދި އޭނާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށާއި މި ޙާދިޘާ ހިނގާފައިވަނީ އިއްޔެ މެންދުރުފަހު 14:45 ހާއިރު މާލެއަށް ދަތުރުކުރާ ބަޔަކު ބޯޓަކަށް ލުމަށްފަހު އެނބުރި ބިލެތްފައްސަށް ވަންނަނިކޮށް ކަމަށް ބިލެތްފަހިން މަޢުލޫމާތިދިން މީހާ ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެ ޙާދިޘާގައި ނިޔާވެފައިވަނީ އެރަށު ކައުންސިލް ރައީސް ޢަބްދުﷲ ޖިޔާދުގެ ބައްޕަ ކަމަށާއި އެ ދޯންޏަކީ މަސްވެރިކަމަށް ބޭނުންކުރާ 45 ވަރަކަށް ފޫޓުގެ ދޯންޏެއް ކަމަށްވެސް އޭނާ ބުންޏެވެ.