
އެމެރިކާގެ އައު ރައީސަށް ރައީސް ޔާމީން މަރުޙަބާ ދަންނަވައިފި
އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ މެސެޖުގައި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދަންނަވާ ކަމަށާއި އެމެރިކާ ރައީސްގެ މަޤާމުގެ މަސްޢޫލިއްޔަތުތައް ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކަމާއިއެކު އަދާ ކުރެއްވުމަށް އެދިލައްވާކަމުގައި އެދިވަޑައިގެންފައިވެއެވެ.
އަދި ރާއްޖެ އާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުމުގެ މައްޗައް އަލި އަޅުއްވާލައްވަމުން، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ މެސެޖުގައި ޑޮނަލްޑް ޓްރަމްޕަށް ފުރިހަމަ ޞިއްޙަތަކަށް އެދިލައްވާ ކަމަށާއި ހެޔޮއެދުންތައް ފޮނުއްވާކަމުގައި ވިދާޅުވެފައިވެއެވެ.



