ކީރިތި ރަސޫލާގެ ސިޔަރަތު 01

ރަޙީޤުލް މަޚްތޫމްގެ ދިވެހި ތަރުޖަމާ

ޖަޒީރަތުލް ޢަރަބިއްޔާ އޮތްތަން އަދި ޢަރަބި ޤަޥްމުތައް

ނަބަވީ ސިޔަރަތަކީ ޙާޤީޤަތުގައި އިލާހީ ރިސާލަތެއް ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ އިންސާނީ މުޖްތަމަޢައަށް އެ ރިސާލާތު ފޯރުކޮށްދެއްވިއެވެ. އަދި މީސްތަކުން ކުފުރުގެ އަނދިރިކަމުގެ ތެރެއިން ހިދާޔަތުގެ އަލިކަމުގެތެރެއަށް ނެރުއްވިއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މަޚްލޫޤުންނަށް އަޅުކަން ކުރުމުން އެތަކެތި ހެއްދެވި ޚާލިޤުވަންތް ﷲ އަށް އަލުކަންކުރުމަށް ނެރުއްވިއެވެ. އެހެންކަމުން މި އިލާހީ ރިސާލަތުގެ ކުރިން ޢަރަބި ޤަޥްމުތައް އޮތް ޙާލަތު ބަޔާންކުރުމުން މެނުވީ މި އިލާހީ ރިސާލަތު ގެނެސްދިން އަލިކަން ހާމަވެގެން ނުދާނެއެވެ. މި ދެކަންތައް އަޅާ ވަޒަނެއް ނުކުރެވޭނެއެވެ. ކަން މިހެން ހުރުމުން މި ނަބަވީ ސީރަތުގެ ތެރެއަށް ދިއުމުގެ ކުރިން ޢަރަބި ޤަޥްމުތަކުގެ ސިޔާސީ ދީނީ އަދި އިޖްތިމާޢީ ޙާލަތުގެ މައްޗަށް ބަލާލަން އެބަޖެހެއެވެ. އެއީ މި ދެކަން އަޅާ ވަޒަންކޮށްލުމަށް ފަސޭހަވުމަށެވެ. އިސްލާމްދީނުގެ އިރުއަރާ އެއިރުގެ ދޯދިތަކުން އަލި ފޮނުވަން ފެށުމުގެ ކުރީގައި ޢަރަބީންގެ ތެރޭގައި ދެބާވަތެއްގެ ވެރިކަމެއް ހިނގަމުން ގޮސްފައިވިއެވެ. އެއީ

1 – ތާޖުގެ ވެރި ރަސްކަން

އިޝްތިހާރު Below Header ad

2 – ޤަބީލާތަކުގެ ވެރިންގެ ވެރިކަން

ޙަޤީޤަތުގައި ޤަބީލާގެ ވެރިންގެ ވެރިކަމަކީ މުސްތަޤިއްލު އަމިއްލަ ވެރިކަމެއްނޫނެވެ. އެހެންވިޔަސް މިޤަބީލާތަކުގެ ވެރީންނަށް ތާޖުގެވެރި ރަސްރަސްކަލުންނަށް ޙުކުމް ކުރުމުގައި ލިބިގެންވާ ބާރާއި އިމްތިޔާޒުތަށް ލިބިގެންވެއެވެ. އަދި މި ޤަބީލާތަކުގެ ސަރުދާރުންގެތެރެއިން ގިނަ ވެރިންނަކީ އަމިއްލަ މިނިވަންކަމާއި ބާރު ލިބިގެންވާ ވެރިންނެވެ. އެމީހުންގެ ތެރެއިން ބައެއްވރިން ތާޖުގެވެރިރަސްކަލަކާ ތަބަޢުވެގެންވީނަމަވެސް މެއެވެ. ތާޖުގެ ވެރިރަސްރަސްކަލުންނަކީ ޔަމަނާއި އާލު ޣައްސާނާއި ޙިމްޔަރުގެ ރަސްރަސްކަލުންނެވެ. މި ރަސްރަސްކަމުން ފިޔަވައި ތާޖުގެ ވެރިރަސްކަލުންނެއް ޖަޒީރަތުލް ޢަރަބިއްޔާއަކު ނުވެއެވެ.

ޖަޒީރަތުލް ޢަރަބިއްޔާ އޮތްތަން:

ބަހުގެ ގޮތުން އަލްޢަރަބިއްޔާއަކީ ހަނަފަސް ސަހަރާއެވެ. ފެނާއި ވިނަ ނެތްތަނެވެ. ޤަދީމީ ޒަމާނުންސުރެއް ޖަޒީރަތުލް ޢަރަބިއްޔާއަށް މިބަސް ބޭނުން ކުރެވިފައިވިއެވެ. އެބިމުގައި ވަޒަންވެރިވެ އުޅެމުން އައި ބަޔަކަށްވެސް މިބަސް ބުނެވޭފަދައިންނެވެ. އެމީހުން ދިރިއުޅޭތަނެއްގެ ގޮތުގައި އެމީހުން އެތަން އިޚްތިޔާރު ހިނދުގައެވެ. ޖަޒީރަތުލް ޢަރަބިއްޔާގެ ހުޅަނގު ސަރަހައްދު ގުޅެނީ ރަތްކަނޑާއެވެ. އަދި ސީނާގެ ސަހަރާޔާއެވެ. އިރުތަން ހަލީޖު ފާރިސީއާއެވެ. އަދި ދެކުނު ޢިރާޤުގެ ރަށްތަކުގެ ބޮޑުބަޔަކާ ގުޅިފައިވެއެވެ.

ދެކުނުންވަނީ ޢަރަބި ކަނޑެވެ. މިކަނޑު އިންޑިއާ ކަނޑާ ހަމައަށް ދެމިގެން ގޮސްފައިވެއެވެ. އަދި އުތުރުން ގުޅިފައިވަނީ ޝާމްކަރައަށެވެ. އަދި ކޮންމެވެސް ވަރަކަށް ޢިރާޤުގެ ރަށްތަކާއެވެ. މިސަރައްދުގައިވާ ސަރަހައްދީ މައްސަލަތަކާމެދުގައި ކޮންމެވެސް ޚިލާފު އުފެދިފައިވެއެވެ. ޖަޒީރަތުލް ޢަރަބިއްޔާގެ އޭރިއާގެ ބޮޑުމިން ލަފާކުރެވެނީ އެއް މިލިޔަން އަކަމޭލުން ފެށިގެން ތިންސަތޭކަ ހާސް އަކަމޭލަށެވެ. ޖަޒީރަތުލް ޢަރަބިއްޔާއަށް ޠަބީޢީ ގޮތުންނާއި ޖޯގުރަފީގޮތުން ވަރަށް ޚާއްޞަ އަހަމިއްޔަތެއް ލިބިގެންވިއެވެ. ޖަޒީރަތުލް ޢަރަބިއްޔާގެ ތެރެއަށް ބަލާލާއިރު އެތަނަކީ ހުރިހާ ފަރާތަކުން ވެލީގެ ސަހަރާއިން ވަށާލެވިފައިވާ ބިމެކެވެ. ކަންމިހެން ހުރުމުން އެތާންގެ މައްޗަށް ވެރިވެ އެތަނަށް އިސްތިޢުމާރުގެ ނުފޫޒާއި ބާރު ހިންގުމުން ރައްކައުތެރިވެގެންވާ ތަނެއްކަމުގައި އެތަންވިއެވެ.

މިކަމުގެ ސަބަބުން ޖަޒީރަތުލް ޢަރަބިއްޔާގެ އަހުލުވެރިން އަޅުވެތިވުމުން ރައްކައުތެރިވެގެންވާ މިނިވަން ބައެއްގެ ގޮތުގައިވާތީ އަހަރުމެންނަށް ފެނެއެވެ. އެވޭލާ ޒަމާނުންސުރެން އެމީހުންގެ ހުރިހާ ކަމެއްގައެވެ. ބޮޑު ދެބާރާ އެމީހުން އަވށްޓެރިވެގެން ވުމާވެސް އެކުގައެވެ. އަދި އެމީހުންނަށް ޤުދްރަތީގޮތުން ލިބިފައިމިވާ ވަރުގަދަ ދިފާޢުމެނުވީ އެއިން ފަރާތަކުން އަންނަ ހަމަލާއެއް ދިފާޢު ކުރެވޭނެ ބާރެއް އެމީހުންނަށް ލިބިގެން ނުވުމާވެސް އެކުގައެވެ. ޖަޒީރަތުލް ޢަރަބިއްޔާގެ ބޭރަށް ބަލާލާއިރު، ދުނިޔޭގެ ބޮޑެތި ހިކިފަސް ބައްރުގެ މެދުގައި އޮތްތަނެއްކަން ޤަދީމީ ޒަމާނުންސުރެއް އެނގި މަޢުރޫފްވެގެންވިއެވެ. އަދި އެތަންތަނާ، ކަނޑުންނާއި އެއްގަމުން ގުޅިފައިވިއެވެ.

އާދެ! ޖަޒީރަތުލް ޢަރަބިއްޔާގެ ހުޅަނގު އުތުރުންގޮސް ވަދެވެނީ އެފްރިކާގެ ކޮންޓިނެންޓަށެވެ. އިރު އުތުރުން ޔޫރަޕަށް ހުޅުވާލެވޭ ތަޅުދަނޑިކަމުގައި ޖަޒީރަތުލް ޢަރަބިއްޔާވިއެވެ. އަދި އިރުމަތީ ފަރާތުން އީރާނާއި މެދުއިރުމަތީގެ ރަށްތަކަށް ހުޅުވިގެންދާ ދޮރުތަކެއްކަމުގައިވިއެވެ. އަދި އިންޑީއާއާއި ޗައިނާއާ ހަމައަށް ދެއެވެ. ހަމަ މިގޮތުން ކޮންމެ ކޮންޓިނެންޓަކާ ކަނޑުގެ މަގުންވެސް ގުޅާލެވެއެވެ. ކަނޑުމަގުން އައިސް ގޮސްފައި ނައުޒޯރުފަހަރު ޢަރަބި ބަނދަރުތަކުގައި ބަނދަރު ކުރެއެވެ. ޖޯގްރަފީގޮތުން މި އަހމިއްޔަތު ލިބިފައި ވުމުން ޖަރީރާގެ އުތުރާއި ދެކުނުން މީހުން އައިސް ފައިބާނެ ތަނެއްކަމުގައި ވިއެވެ. އެމީހުންގެ ވިޔަފާރި މަރުކަޒަކަށްވިއެވެ. އެމީހުންގެ މުދާ ބަދަލު ކުރެވޭ ވިޔަފާރި މަރުކަޒަކަށްވެފައި ވިއެވެ.

ޢަރަބި ޤަޥްމުތައް:

ޢަރަބި ޤަޥްމުތައް ދަންނައެވެ. ތާރީޚުގެ އަހުލުވެރިން ޢަރަބި ޤވްމުތައް ތިން ބަޔަކަށް ބަހާލައެވެ. އެއީ ޢަރަބި ނަސްލުތަށްފެތުރި ދެމިގެން ދިޔަގޮތުގެމަތިންނެވެ.

1- އަލް ޢަރަބުލް ބާއިދަތު ( العرب البائدة )

މިއީ ޤަދީމީ ޢާރަބިންނެވެ. އެމީހުންނާއި މެދުގައި ތާރީޚީގޮތުން ފުދޭވަރަކަށް މަޢުލޫމާތެއް އަދި ބޭނުންވާ ތަފްޞިލެއް ލިބޭކަށްނެތެވެ. އޭގެތރޭގައި

  • ޢާދު
  • ޘަމޫދު
  • ޠާސިމް
  • ޖުދައިސް
  • ޢިމްލާޤު

އަދި މިނޫންވެސް މިފަދަ ޤަޥްމުތަކެވެ.

2 – އަލް ޢަރަބުލް ޢާރިޔަތު (العَرَبُ العَارِيَة)

މިއީ ޤަޙްޠާން (قَحْطانُ )  ގެ ދަރި ޔަޝްޖަބު (يَشْجَبُ ) ގެ ދަރި  ޔަޢްރިބު  (يَعْرِبُ) ގެ ދަރިކޮޅުން އައި ޢަރަބިންނެވެ. މިމީހުންނަށް ޤަޙްޠާން (قَحْطانُ )  ޢަރަބީންނޭކިޔެއެވެ.

3 – އަލް ޢަރަބުލް މުސްތަޢްރިބަތު (العَرَبُ المُسْتَعْرِبَة)

މިއީ إسماعيل عيه السلام ގެ ދަރިކޮޅުން އުފެދިގެން އައި ޢަރަބިންނެވެ. މިދަރިކޮޅުގެ މީހުންނަށް އަލް ޢަދާނިއްޔޫން (العَدْنَانِيُّون) އޭކިޔެއެވެ.

އަލް ޢަރަބުލް ޢާރިޤަތު  (العرب العارقة) ދަންނައެވެ.

އެއީ ޤަޙްޠާން (قَحْطانُ)  ދަރިކޮޅުން އުފެދިން އައި ބައެކެވެ. އެމީހުން އުޅެނީ ޔަމަނުގެ ރަށްތަކުގައެވެ. އަދި އެދަރިކޮޅުގެ ޤަބީލާތަށް ދިމަދިމާލާށް ފެތުރިގެންދިޔައެވެ. އޭގެތެރެއިން ދެ ޤަބީލާއެއް މަޝްހޫރުވެގެންވިއެވެ.

ހ. ޙިމްޔަރު (حِمْيَرُ) މިޤަބީލާގެ އެންމެ މަޝްހޫރު ދަރިކޮޅުތަކަކީ:

ޒައިދުލް ޖުމްހޫރު (زَيْدُ الجُمْهُورُ) ، ޤުޟާޢަތު قُضَاعة ، އައްސަކާސިކު (السَكاسِكُ) މި ދަރިކޮޅުތަކެވެ.

ށ. ކަހްލާން (كَهْلانُ) މިޤަބީލާގެ އެންމެ މަޝްހޫރު ދަރިކޮޅުތަކަކީ:

ހަމްދާން،( هَمْدَان) އަންމާރު، (أنمار) ޠައްޔު، (طيِّئ) މުޛްޙަޖު (مُذْحَجُ) ކިންދަ، (كِنْدَة) ލަޚްމު،(لَخْم) ޖިޒާމު،(جُذَام) އަލް އުޒްދު، (الأزْد) އަލް އައުސް، (الأوس) އަލް ހަޒްރަޖު (الخزرج) އަދި ޝާމު (الشّام)ގެ ރަސްރަސްކަލުންގެ ޖަފްނާގެ ދަރިންނެވެ. ޔަމަނުން ކަހްލާން (كَهْلانُ) ގެމިޤަބީލާތައް ހިޖުރަކުރިއެވެ. އަދި ޖަޒީރަތުލް ޢަރަބިއްޔާގެ ކަންކޮޅުތަކުގައި ފެތުރުނެވެ. އެމީހުންގެ ތެރެއިން ގިނަ ދަރިކޮޅުގެ މީހުން ހިޖުރަކުރީ އަލް ޢަރަމު ސައިލަ (سَيْلَ الْعَرِمِ) ގެކުރިންނެވެ. އެމީހުންގެ ކަނޑުގެ ވިޔަފާރި މަގުތަކަށް ރޫމީންވެރިވެގަނެ، އެމީހުންގެ ވިޔަފާރި ފެއިލްވެ، ނެތިގެން ދިޔަހިނދުގައެވެ. އަދި މިޞްރަށާއި ޝާމަށް އެމީހުން ވެރިވެގަނެ އެއްގަމުގެ ވިޔަފާރި މަގުތަކަށަވެސް އެމީހުން ވެރިވެގަތްހިނދުގައެވެ. އެއީވެސް ދުރު ކަނެއްނޫނެވެ. ކަހްލާނާއި ޙިމްޔަރުގެ ދަރިކޮޅުގެ މެދުގައި އުފެދުނު ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ސަބަބުން، ކަހްލާނު ރަށުން ބޭރު ކޮށްލިއެވެ. އަދި އެތާނގައި ޙިމްޔަރުގެ ދަރިކޮޅުތައް ޤާއިމުވެތިބިއެވެ. ހިޖުރަކުރި ކަހްލާންގެ ދަރިކޮޅު ހަތަރު ބަޔަކަށް ބައިކޮށްލެވިދާނެއެވެ. އެއީ:

  1. އަލް އުޒްދު الأزد
  2. ލަޚްމާއި ޖުޛާމް (لَخْم وجُذَام)
  3. ބަނޫ ޠައްޔު (بنو طيِّئ)
  4. ކިންދަތު (كِنْدَة)

މި ސިޔަރަތަކީ ރާބިޠަތުލް ޢާލަމިއްޔާގެ ފަރާތުން رسول الله صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރިހަމައަށް ސިޔަރަތު ލިޔުނު ފަރާތަކަށް ދިނުމަށް ހުޅުވާލި ނޯބަލް އިނާމު ލިބުނު ސިޔަރަތު އައްރަޙީޤު އަލް މަޚްތޫމް (الرحيق المختوم) މި ސިޔަރަތު ލިޔުއްވީ އިންޑިއާގެ ޢިލްމުވެރިއެއްކަމަށްވާ ޞަފިއްޔުއް ރަޙްމާން އަލްމުބާރަކް ޕޫރީ އެވެ. ދިވެހި ބަހަށް ތަރްޖަމާ ކުރެއްވީ ފަޟީލަތުއްޝައިޚް އަލް އުސްތާޛް ޢުޘްމާން ޢަބްދުﷲ އެވެ.

 

ސިޔަރަތުގެ އޯޑިއޯ:

 

(ނުނިމޭ….)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.