ގއ. އަތޮޅު ކޮލަމާފުށްޓާއި އެއަތޮޅު ވިލިނގިލިން ގާތްގަނޑަކަށް 300 އެއްހާ މީހުން ވެރިކަން ކުރާ ޕާޓީ އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް އާއި ގުޅިއްޖެ އެވެ.
މި ފޯމްތަށް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ޚާއްޞަ ރަސްމިއްޔާތެއް ބޭވިގެން ދިޔައިރު ޕީޕީއެމްއާ އަލަށް ގުޅުނު ފަރާތްތަކުން ވަނީ ރޭ މެންބަޝިޕް ފޯމްތައް ޕީޕީއެމްއާ ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ގއ. ކޮލަމާފުށީގެ ފަރާތުން ސޮއިކޮށް 158 ފޯމް ހަވާލުކޮށްފައި ވާއިރު އެ ައަތޮޅު ވިލިނގިލިން ވެސް ވަނީ 138 ފޯމް ހަވާލުކޮށްފައެވެ.
މިކަމަށް ޕީޕީއެމްއިން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް ހިންގުމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕާޓީގެ ދުވެލި ވަރަށް ބޮޑުތަން ހަލުވިވެގެން ގޮސްފައިވާ ކަމަށާއި އެހެން ކަމުން ޕީޕީއެމްއަށް 2018 ގެ އިންތިހާބު ކާމިޔާބުކުރުމަކީ ދަތި ކަމަކަށް ވާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ.
އަބުދުއްރަޙީމް ވިދާޅުވީ ޕީޕީއެމްގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އެގޮތުން މަސައްކަތް މިކުރަނީ އިންތިހާބުގެ 80 ޕަސެންޓް ހޯދަން ކަމަށާއި އެކަން ކާމިޔާބުވެއްޖެ ނަމަ އިންތިޚާބާމެދު ޝައްކެއްނުކުރާކަމަށެވެ.
އަބްދުއްރަހީމް ވަނީ މިރޭ އެ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކަށް މަރުހަބާ ކިޔާފަ އެވެ.