ނަޢީމާގެ މަރު: ޔޯލަ ވާހަކަތަކުން ނަފްރަތާއި ބިރުވެރިކަން!

ތުހުމަތުވި ޢާއިލާ މީހާގެ ބަހާއި އެކު...!

ނަޢީމާގެ މަރު:

ޒަޚަމްތަކަކާއި އެކު މަރާލާފައި އޮއްވާ، ނ. މަނަދޫ އިން ފެނުނު އެރަށު ނަޢީމާ މޫސާގެ މަރަށް މިހާރު ތިން ހަފްތާއަށްވުރެ ގިނަވެގެން ދިޔައީއެވެ. މިމަހު ފަސްވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެދުވަސް ފަހުންނެވެ. ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުން އައި އެރަށު ކައުންސިލު މުވައްޒަފު ނަޢީމާ ގެއްލިގެން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރުއެވެ. އަދި ފުލުހުން އޭނާގެ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަތް އިރު އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭނާގެ ހަށިގަނޑުގައި ގިނަ އަދި ބޮޑަތި ޒަޚަމްތައް ހުއްޓެވެ. މިކަމާއި ގުޅިގެން އެރަށް ބަންދުކޮށް، ރަށް މޮނިޓަރިންގެ ޙާލަތަށްވެސް ގެނެސްފައިވެއެވެ. މިގޮތުން ރަށުން ބޭރަށް އެއްވެސް މީހަކު ނުވަތަ އުޅަނދެއް ފުރާނަމަ، ފުލުހުންނަށް އަންގާފައި ނޫނީ ނުފުރުމަށް މަނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ އަންގާފައެވެ. އަދި ރަށަށް އަންނަ ފަރާތްތަކުން ވެސް ފުލުހުންނަށް އެންގުމަށް ވަނީ އެދިފައެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ނައީމާގެ މަރުގެ ތަހުގީގު ޓީމަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ. މިއީ ނަޢީމާގެ މަރުގެ ކުރު ޚުލާސާއެކެވެ.

އިޝްތިހާރު Below Header ad

މަރާއި ގުޅިގެން ހިނގި ކަންތައްތަކާއި އެދުވަސްވަރު ކުރެވުނު ތުހުމަތުތައް:

މަރުގެ ޚަބަރާއި އެކު ނޫސްތަކުގެ ސުރުޚީތައް ފުރިގެން ދިޔައެވެ. އެކި ނޫސްތަކުގެ ނޫސްވެރިން ވަނީ މަނަދޫއަށް ޒިޔާރަށްކޮށް މިކަމުގެ ޚަބަރުތަކާއި ރަށުގެ އެކި ކަންކަން ބަލައި، އެކި ލިޔުންތައް ލިޔެފައެވެ. އެކި ފަރާތްތަކުގެ ބަސްދީގަތުންތަކާއި، ނަޢިމާގެ މަރާއި މެދު އެކި މީހުން ދެކޭ ގޮތްތަކާއި ކުރާ ތުހުމަތުތައް ނޫސްތަކުގައި ގުގުމާލިއެވެ. މިގޮތުން ނަޢީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި، އޭނާ މަރާލާފައި ވަނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައިވެސް ދެކެވުނު ޔޯލަ ވާހަކަތައް އެކި ނޫސްތަކުގައި ހިމަނާފައި ވެއެވެ. އަދި އޭނާ މަރާލީ އޭނާ ގެންގުޅޭ ޖިންނި ތަކެއް ކަމަށްވެސް ރަށުގެ ބައެއް މީހުން ބޫނާކަމުގައިވެސް ރިޕޯޓުކޮށްފައި ވެއެވެ.

މީގެ އިތުރުން ނަޢީމާ މަރާލާފައިވަނީ ރޭޕުކުރުމަށްފަހު ކަމުގައިވެސް ތުހުމަތުކޮށް، އެކަން ކޮށްފައިވަނީ ބިދޭސީންތަކެއް ކަމުގައިވެސް ރަށުތެރޭގައި ދެކެވުނު ޔޯލަ ވާހަކަތައް ނޫސްތަކުން ޖާގަ ހޯދާފައިވެއެވެ. ނަމަވެސް އެކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތިގޮސް، އޭގެ ފަހުން މަހެއްވެގެން ދިޔައިރު އެތުހުމަތުގެ ވާހަކަ މިހާރުވަނީ އޮބިފައެވެ. ނަމަވެސް ރަށުތެރޭގައި އެކި މީހުން ޔޯލަޔޯލައަށް އެކި ތުހުމަތުކޮށް އެކިވާހަކަތައް ދަނީ ދައްކަމުންނެވެ. މިގޮތުން ދައްކާ އެކި ވާހަކަތައް ހަލުވި ކަމާއިއެކު ނޫސްތަކުގައި ދަނީ ދައުރުވަމުންނެވެ. ކޮންމެ ޚަބަރެއްގެ ދައުރުވުމާއިއެކު، އާ ވާހަކަތަކަކާއި ތުހުމަތުތަކެއް ދަނީ ފެންމަތިވަމުންނެވެ.

އެންމެ ފަހުން ނަޢީމާގެ ޢާއިލާ މީހެއްގެ މައްޗަށް ކުރި ތުހުމަތު:

ކޮންމެ މަރަކާއި ގުޅިގެންވެސް، އެކި ޒާތުގެ ވާހަކަތައް ފެންމަތިވެގެން ދެއެވެ. އަދި މަރުފިޔަވައި ބޮޑަތި އެހެން ހާދިސާތަކާއި ގުޅިގެންވެސް ތަފާތު ވާހަކަތައް ފެންމަތިވެ، ޚަބަރުތައް ކިޔާ މީހުންގެ ބުއްދި އާވާރާ ވެގެންދާ ހިސާބަށް އެކަމެއްގެ އަސްލު އޮޅުންބޮޅުންވެގެން ދެއެވެ.

މިފަދަ ކޮންމެ ކަމެއްގެ ނާޖާއިޒްފައިދާ އެތައް ގޮތަކުން އެތައްބަކު ނަގަމުންދާތަން ދިވެހި ތާރީޚުގެ މޯހިރުން ދަނީ ސާފުކޮށް ފެންނަމުންނެވެ. ސިޔާސީ ފައިދާ ނެގުމަށް، ސިޔާސީ އެކި ފަރާތްތަކުން އެކިގޮތްގޮތަށް މިފަދަ ހާދިސާތަކާއި ގުޅިގެން ވާހަކަ ދައްކައެވެ. އާއްމުންގެ މެދުގައި ކަން ހިނގާ ގޮތަށް ބަލާއިރު، ތިމާ ރުޅިއަރާ، ހަސަދަވެރިވާ މީހުން އެބައިމީހުންގެ ދުލުގެ ޚަންޖަރުން ކަތިލުމަށްވެސް މިފަދަ ކަންކަމުގެ ފައިދާ ނަގަމުން ދެއެވެ.

ކޮންމެއަކަސް ނަޢީމާގެ މަރާއިގުޅިގެން އެންމެ ފަހުން ތުހުމަތު އަޅުވާފައިވަނީ ނަޢީމާގެ އާއިލާގެ މީހެއްގެ ބޮލުގައެވެ. އެތައް ނޫހެއްގައި ހަތަރު މީހެއްގެ ބަހަށް، ޔޯލަ ޔޯލައަށް ރަށުތެރޭގައި ދެކެވުނު މިވާހަކަތައް ވަނީ ގެނެސްދީފައެވެ. އޭނާއަކީ ނަޢީމާދެކެ އިންތިހާއަށް ރުޅިއަންނަ މީހެއްކަމަށާއި، ރަށުގައި އެކި ވަޒީފާތައް އަދާކޮށް މީހުން ޤަދަރު ކުރަމުން އައި މީހެއް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މިހާރު އޭނާ ވަނީ މަސްތީ ވަބާގެތެރެއަށް ގެނބި ހުސްވެފައި ކަމުގައިވެސް ރަށުތެރޭގައި ކިޔައި އުޅެޔޯލައެވެ.

އަދި ނަޢީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ތުހުމަތުކޮށް އެވާހަކަ އެންމެ ބާރަށް ފަތުރަނީވެސް މީނާ ކަމުގައިވެސް ރަށުގެ ޔޯލަވާހަކަތަކުގެ އަލީގައި ނޫސްތަކުގައި ‘ހިޓު’ ވެފައި ވެއެވެ. ރަށުން ބޭރު މީހަކާއި އިނދެގެން އުޅޭ މިމީހާގެ އަންހެނުންނަށާއި ދަރިއަކަށް ނަޢީމާ ސިހުރު ހެދީކަމުގައި، މާލެ ގޮސް އެކަން ބެލުމުން އޭނާއަށް އެނގުނީ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހުން ނޫސްތަކަށް މަޢުލޫމާތު ދީފައި ވެޔޯލައެވެ. އަދި ނަޢިމާ މަރުވީ މާލެއިން އޭނާ ރަށަށް އައިތާ މާ ގިނަ ދުވެހެއް ނުވަނީސްކަމުގައި މަނަދޫއިން ނޫސްތަކަށް މަޢުލޫމާތު ދިން ބަޔަކު ބުންޏޯލައެވެ.

އެންމެ ފަހުން ތުހުމަތުތައް މިވަނީ މިހިސާބަށް ފޯރާފައެވެ. ނަމަވެސް މިފަހަރުގެ ތުހުމަތުގެ ބުރަދަންވެސް ވަޒަންކޮށްލަން އެބަ ޖެހެއެވެ. ތަހުޤީޤު ކުރެވެމުންދާ، ނަމަވެސް ފުލުހުން ވަކި ނިންމުމެއް ހާމަކޮށްފައި ނުވާ މިފަދަ މައްސަލައެއްގައި، އެކި މީހުންގެ މައްޗަށް މިފަދަ ތުހުމަތުކޮށް، ސައިހޮޓާތަކާއި ސިޓިންރޫމު ސޯފާ ތަކާއި ފިހާރަތަކާއި އާއްމުން ބައްދަލުވެ އުޅޭ ހޮޅުއަށިތަކުގެ މައިޒާންތައް ފަޅުފިލުވާ މިފަދަ ވާހަކަ ތަކުގެ ސަބަބުން، އުފެދޭ ފިތުނައާއި، ތުހުމަތު ރައްދުވާ ފަރާތްތައް މުޖުތަމަޢުގައި ބާކީވެ، އުފުލާ ވޭނުގެ ވާހަކައަކީ މިއަދު ނުދައްކާ ދޫކޮށްލެވެން ނެތް ވާހަކައެކެވެ.

ވިސްނަން ޖެހޭ ބޮޑު މައްސަލައެއް!

މިދައްކަނީ ތަނެއްގައި ކުޅުނު ކުޅިވަރެއްގެ ވާހަކައެއް ނޫނެވެ. އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މީހެއްގެ ވާހަކައެވެ. މަރާލި މީހަކު ސާބިތުވެއްޖެ ނަމަ، އިސްލާމީ ޝަރުޢުގައި މަރަށް މަރު ހިފުން ޝަރުޢުވެދާފަދަ ބޮޑު ކަމެއްގެ ވާހަކައެވެ. މީހެއްގެ މައްޗަށް މިފަދަކަމެއްގެ ފޫޅު ކަނޑާލައި ވާހަކައެއް ދޫކޮށްލުން އެއީ ކަށި ނުހުންނަ މަޑު މަސްކޮޅެއްގެ ސިފައިގައިވާ އިންސާނާގެ ދުލުކުރިއަށް އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް އެއީ ވިހަގަދަ ހަރުފައެއްގެ ވިހަޔަށްވުރެ މާ އަސަރުގަދަ، ކަނޑިއެއްގެ މިޔަޔަށްވުރެ ތޫނު އެއްޗެކެވެ. ބަސް ބޭރުވުމަށްފަހު ދެން ބަސް ބޭރުކުރި މީހާގެ ބާރު އެބަހުގެ މައްޗަކަށް ނުފޯރުވެއެވެ. ވީއިރު މިފަދަ ކަމެއްގައި، އެއްވެސް ހުއްޖަތެއް ނެތި މީހެއްގެ މައްޗަށް ތުހުމަތުކޮށް ވާހަކަތައް ފެތުރުން އެއީ ދީނީ ގޮތުން ބެލިޔަސް އަދި އިޖުތިމާޢީ ގޮތުން ބެލިޔަސް ބޮޑުވެގެންވާ ޖަރީމާއެކެވެ. ފޫނުބެއްދޭވަރު އެތައް ގެއްލުމަކާއި އެތައް ބަޔަކު ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. ހިނގައިގެން އުޅޭ ކަމުގެ އަސްލުގެ މައްޗަށް ފަސް އެޅި، ޙަޤީޤަތް ހޯދުމުގެ މަގު ބަނަވެފާފަދަ ކަމެކެވެ.

 

މިފަހަރު ތުހުމަތުކުރެވޭ މީހާގެ ސީދާ ސާފު ޖަވާބުތަކެއް:

ފެތުރޭ އަޑުތަކާއި ތުހުމަތުތަކުގެ ވާހަކަތަކުން ބައެއްގެ އަބުރު ކަތިލެވެމުންދާއިރު، އެތުހުމަތުތައް ރައްދުވާ ފަރާތުގެ ބަހެއް ހިމަނާފައިވާތަނެއް ނޫސްތަކުން ފެންނާކަށް ނެތެވެ. މުޅީންވެސް ފެންނަނީ ތުހުމަތުތަކާއިއެކު އެމީހެއްގެ މުޅި ދިރިއުޅުމުގެ މުސްތަޤުބަލު ހަފުސްވެދާނެ ފަދަ ވާހަކަތަކެވެ. ޔޯލަ ވާހަކަތަކުގެ މައްޗަށް ކުރެވިފައިވާ ފަލީހަތްތަކެވެ.

ކޮންމެއަކަސް، މިފަހަރު ތުހުމަތު ރައްދުވެގެން އުޅޭ، ނަޢީމާގެ އާއިލާގެ މީހަކީ ކާކުތޯ ބަލައި ހޯދުމަށް އެޓޯލްނިއުސް އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވެފައެވެ. އަދި ސީދާ އެފަރާތާއި މިކަމާއި ބެހޭގޮތުން ސީދާ ސުވާލުތަކެއް ކުރީމެވެ. އަދި އެފަރާތުން ވަނީ އެއްބާރުލުންދީ، ސާފު ޖަވާބުތަކަކުން ތުހުމަތު ތަކަށް ރައްދު ދީފައެވެ. މިހިސާބުން މިބަލައިލަނީ އޭނާއަށް ކުރި ތުހުމަތުތަކާއިމެދު އޭނާގެ ދުލުން އެޓޯލްނިއުސްއާއި ހިއްސާކުރި ވާހަކަތަކުގެ މައްޗަށެވެ.

ނަޢީމާއާއި ޝަރޫނުގެ މެދުގައި އޮންނަނީ ކިހާ ގާތްކަމެއް؟

ނަޢިމާއަކީ ޝަރޫންގެ (ޢާއިލާގެ އެދުމުގެ މަތިން އަސްލު ނަން ސިއްރު ކޮށްފައި) ބޮޑުދައިތައެކެވެ. ޝަރޫން ބުނިގޮތުގައި ޝަރޫންއަކީ ނަޢީމާ އޭނާގެ ދަރިއެއް ފަދައިން ގެންގުޅުނު ކުއްޖެކެވެ. ޝަރޫން އޭނާއަށް މަންމަ ކިޔާއިރު ނަޢީމާ އޭނާއަށް މުޚާތަބު ކުރަނީ ދަރިފުޅު ކިޔައިގެން ކަމުގައި ޝަރޫން ބުންޏެވެ. ޝަރޫންގެ ތަޢުލީމީ ޙަޔާތުގެ އެތައް ދުވަހެއް ވޭތުކޮށްފައިވަނީ ނަޢީމާ ކައިރީގައެވެ. އަދި ނަޢީމާ މަރުވުމާއި ހަމައަށްވެސް، އޭނާއާއި ނަޢީމާއާއި ދެމެދު އެއްވެސް ރުޅިވެރިކަމެއްވެސް ނެތްކަމަށާއި، ޝަރޫން ރަށަށް އައުމުން އޭނާއަށް ނަޢީމާ ގުޅާވެސް ހަދާކަމަށާއި، ގޭތެރޭގެ ބައެއް ކަންކަމު އޭނާ ގާތު ނަޢީމާ އެދުމުން އެފަދަ ކަންކަން ކޮށްދޭންވެސް އެގެއަށްވެސް ޝަރޫން ގޮސްއުޅޭ ކަމުގައި ޝަރޫން ހިއްސާކުރި ވާހަކަތަކުން އެނގިގެން ދިޔައެވެ. އެހެންކަމުން ޝަރޫންގެ ވާހަކަތަކަށް ބަލާނަމަ ޝަރޫންއާއި ނަޢީމާގެ މެދުގައި މައްސަލައެއް ނެތެވެ. އަދި އޮތީ ގާތްތިމާގެ ކަމުގެ ވަރުގަދަ ގުޅުމެކެވެ. އަސްލު މަންމަ ނޫންނަމަވެސް، މައި ކުލުނާއި ދަރިކުލުނެވެ.

ނަޢީމާއަށް އެކި ދުއްތުރާތައް އައީ ކުރިމަތިވަމުން:

ޝަރޫން ބުނިގޮތުގައި ނަޢީމާއަށް ރަށުގެ އެކި މީހުގެންގެ ފުރައްސާރައާއި ދުއްތުރާތައް އައީ ކުރިމަތިވަމުންނެވެ. އަދި މިފަދަ ކަންކަން ނަޢީމާ އައީ ޝަރޫންއާއި ޙިއްސާކުރަމުންނެވެ. ނަމަވެސް ރަށުގެ މީހުން ނަޢީމާގެ ވާހަކަތައް އަޑުއަހާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ވާހަކަތައް ޤަބޫލުނުކޮށް، އެއީ އޭނާ ހަދަހަދައިގެން ދައްކާ ވާހަކަކަމުގައި ހަދާލައެވެ. ނަމަވެސް ނަޢީމާގެ ގޭ ފުރާޅުމައްޗަށް އޮށްގާ އުކާ ވާހަކައާއި، ބިރުން  އުޅެން އުނދަގޫ ވާހަކަ ނަޢީމާ ވަނީ ޝަރޫނުއާއި ޙިއްސާކޮށްފައިކަމުގައި އޭނާ ބުންޏެވެ. އަދި އެއީ ކާފަ މާމައިރުން ފެށިގެންވެސް ނަޢީމާ ކުރިމަތިލަމުން އަންނަ ތަފާތު ދުއްތުރާތައް ކަމަށް ވެއެވެ. އަދި މި ޖަނަވަރީ މަހުތެރޭގައި ޝަރޫން ރަށަށް އައިސް ހުއްޓާ ނަޢީމާ އޭނާއަށް ގުޅައިގެން ގެންދިޔައެވެ. ނަޢީމާ ދެއްކީ އޭނާގެ ގޭ ދޮރުމައްޗަށް، ސިނގިރޭޓު ފިލްޓަރުތަކާއި އެކި ޒާތުގެ ކުނިބުނި އަޅާފައި ހުރިތަނެވެ. މިފަދަ ތަފާތު ކަންކަން ނަޢީމާއަށް ކުރިމަތިވަމުން އައިކަމުގައި ޝަރޫން ބުނެއެވެ.

ނަޢީމާގެ މަރުގެ ތުހުމަތު ޝަރޫނަށް ކުރަނީ ކީއްވެ؟

ޝަރޫން ބުނިގޮތުގައި އޭނާއަކީ ތަފާތު އެކި މަސައްކަތް ކޮށް އުޅޭ މީހެކެވެ. ކޮންޓްރެކްޓް މަސައްކަތްތައް ކުރުމާއި، ދަނޑު ހެއްދުމުގެ މަސައްކަތަކީވެސް ޝަރޫން ކޮށް އުޅުނު މަސައްކަތްތަކެވެ. ސަރުކާރާއި އެހެނިހެންވެސް ތަންތަނުގައި ރަނގަޅު ވަޒީފާތަކުގައި ޝަރޫން އުޅެފައިވެއެވެ. އަދި ޝަރޫން ކުރިމަތިލާ ވަޒީފާތައް ޝަރޫނަށް ފަސޭހައިން ލިބެއެވެ. މިފަދަ އެތައް ކަމެއް ޙަޖަމްނުވާ ޒުވާނުން ރަށުތެރޭގައި ބައިވަރު އުޅެއެވެ. މިކަންކަމާއި ޙަސަދަވެ ކުދިކިޔާ، ފާޑުފާޑުގެ ހަނގާ ކުރުމަކީ އޭނާއަށް އެތައް ބައެއްގެ ކިބައިން ދިމާވެފައިވާ ކަންތައްތައް ކަމުގައި އޭނާ ބުނެއެވެ. މިގޮތުން އެއްފަހަރެއްގައި، އޭނާ ސަރުކާރުގެ ޒިންމާދާރު ވަޒީފާއެއްގައި ހުއްޓައި އޭނާގެ އެކައުންޓަށް، އޭނާއަށް ނޭނގި ބޮޑު ޢަދަދެއްގެ ފައިސާ ޖަމާކޮށް، އެމައްސަލަ ފުލުހުންނަށް ޖައްސާފައި ވެއެވެ. އަދި މިފައިސާ އޭނާއަށް ނޭނގި ޖަމާވެފައިވާކަމާއި، އެކަން ބަލައިދިނުމަށްއެދި ބޭންކަށް އޭނާ ސިޓީ ފޮނުވުމުން އެފައިސާ ބޭންކުން އޭނާގެ އެކައުންޓުން އުނިކޮށްފައިވާ ކަމުގައިވެސް އޭނާ ބުންޏެވެ.

2016 ވަނަ އަހަރުން ފެށިގެން ޝަރޫން ދަނޑުހައްދަން އުޅުނު އިރު އެކިފަހަރުމަތިން އޭނާ ދަނޑު ހައްދާ އެއްޗިއްސަސްވެސް ގެއްލުން ދިނުންފަދަ އެކި ޖެއްސުންތަކާއި އޭނާ ކުރުމަތިލާން ޖެހުނު ކަމުގައި ޝަރޫން ބުންޏެވެ.

މިފަދަ އެތައް ކަމަކާއި ހުރެ ޝަރޫނުގެ ބޮލުގައި ނަޢީމާގެ މަރުގެ ތުހުމަތު އަޅުވަނީ އޭނާގެ ކުރިއެރުންތަކާއި މެދު ހިތްހަމަ ނުޖެހޭ ބަޔަކު ކަމުގައި ޝަރޫން ދެކެއެވެ. މިތުހުމަތު ތަކާއި ގުޅިގެން ނޫސްތަކަށް އޭނާ ގުޅިކަމަށާއި، އެފަރާތްތަކުން ބުނެފައިވަނީ އެވާހަކަތައް ގެނެސްދިނީ ހަތަރު މީހެއްގެ ބުނުމުގެ މައްޗަށް ކަމަށެވެ. އަދި މިއީ ކޮން ބައެއްކަން ޝަރޫނަށް ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިތުހުމަތު ތަކާއި ގުޅިގެން އޭނާއާއި ޢާއިލާގެ ފަރާތުން ފުލުހަށްވެސް ގޮސްފައިވާ ކަމަށާއި، ފުލުހުން ބުނިގޮތުގައި ފުލުހުންގެ ފަރާތުން އެފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކަށް ނުދޭކަމަށާއި، މިކަމާއި ގުޅިގެން ޢާއިލާއާއި އެކު ބައްދަލުވުމެއް ބާއްވަދޭނެ ކަމުގައި ފުލުހުން ބުނިކަމުގައި ޝަރޫން ހާމަކުރިއެވެ.

ނަޢީމާގެ މަރުގެ ކުރިން ޝަރޫން ކޮބާ؟

ޝަރޫން އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ޙިއްސާ ކުރަމުން ބުނިގޮތުގައި، އޭނާ ސަރުކާރުގެ ވަޒީފާއެއްގައި ހުއްޓައި އެއްވެސް ސަބަބެއް އެނގުމަކާއި ނުލައި އޭނާ ސަސްޕެންޝަނަކަށް ލިއެވެ. އެހިސާބުން އޭނާ ހުޅުމާލޭ ތަނަކުން ވަޒީފާއަކަށް ދިޔައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓު ހިސާބުގައެވެ. ދެން ޖަނަވަރީ މަހުތެރޭގައި އޭނާ ރަށަށް އައިސްހުއްޓާ، ނަޢީމާގެ ގޭ ދޮރުމައްޗަށް އަޅާފައިހުރި ކުނިތައް ދައްކަން ގެންދިޔަ ފަހުން އެއްދުވަހަކު އެގޭ ފެން މޯޓަރު މައްސަލަ ޖެހިގެން ބަލައިދޭން އައުމަށް އެދުމުން އެގެއަށް ޝަރޫން ވަނީ ގޮސްފައެވެ. ދެން އޭގެ ފަހުން ޝަރޫނުއާ އެގޭން ދިމާ ނުވާ ކަމަށާ، އެއީ ޝަރޫން ގިނައިން އުޅުނީ މާލޭގައިކަމުގައި ވާތީ ކަމަށްވެސް އޭނާ ބުނެއެވެ.

ޝަރޫން ބުނިގޮތުގައި އޭނާ ރަށުން މާލެ އައީ ކިޑްނީ ހިލައިގެ މައްސަލައިގައި ހޮސްޕިޓަލުގައި ދެހަފްތާ ވަންދެން އެޑްމިޓުގައި އޮތުމަށްފަހުއެވެ. އޭނާ އައީ ބައްޕަމެންގެ އެދުމާއި އެކު ކަމަށާއި އަންހެނުންނާއި އެންމެން ގޮވައިގެން އޭނާގެ އަންހެނުންގެ ރަށަށެވެ. އަދި އެއަށްފަހު މިދިޔަ މަހު 23 ހިސާބުގައި އޭނާ މަނަދުއަށް އައެވެ. އައިސް އުޅެނިކޮށް އެއްދުވަހަކު ނަޢީމާ އެގެއަށް އައިކަމަށާއި، އަދި އޭނާގާތު އަކުރު ބޮޑު ޚަތިމެއް ދިނުމަށް އެދުމުން ނަޢީމާ ބޭނުންވި ޚަތިމު ދިން ކަމަށާއި، އަދި ޙަދީޘް ފޮތެއް އޮތުމުން އެފޮތްބަލާ ފަހުން އަންނާނެ ކަމަށް ބުމަށް ފަހު ޚަތިމު ހިފައިގެން ދިޔައީ ކަމަށެވެ. އަދި ރަށުން ދާނަމަ އެ ޙަދީޘް ފޮތް ގެނެސްދިނުމަށްވެސް އެދުނު ކަމަށާއި ނަމަވެސް އޭގެ ފަހުން އެކަމާވެސް ނަޢީމާ ޚަބަރެއް ނުވާކަމުގައި ޝަރޫން ބުންޏެވެ. އަދި ނަޢީމާގެ އެއެދުން އޭނާވެސް ހަނދާންނެތި ހުރެ މިމަހު އެކެއްގައި އަނބުރާ އަންހެނުންގެ ރަށަށް އޭނާ ދިޔައީއެވެ.

އަންހެނުންގެ ރަށުގައި ހުރުމަށްފަހު އޭނާ އަނެއްކާވެސް މަނަދޫއަށް އައީ މިމަހު 6 ވީ ބުރާސްފަތި ދުވަހު ހެނދުނު ފެރީއިން ކަމުގައި ޝަރޫން ހާމަކުރިއެވެ. އަދި އައިސް ގޭން ނުނިކުންނަކަމަށާއި، ދަނީ ހަމައެކަނި ގެއިން މިސްކިތަށް ކަމަށެވެ. އަދި ރަށުގެ މީހުންގެ ފުރައްސާރައާއި ހަނގާ ކުރުންތަކާއި ހުރެ، ރަށުގެ ސައިހޮޓާތަކަށް ނުވަންނަތާވެސް އަހަރެއްހާ ދުވަސް ވެއްޖެއެވެ. އޭނާއަކީ އާއްމުކޮށްވެސް ތުނިކޮށް ބޯކޮށާފައި ހުންނަ މީހެއް ކަމަށާއި، އަންހެނުންގެ ރަށުންވެސް އައީ ބޯކޮށައިގެން ކަމަށެވެ. އޭނާ ބޯކޮށާފަ ހުންނަނީ ސަރުކާރުގެ އެކި އޮފީސްތަކުގައި އުޅޭތީއާއި ބޮލުގައި ހަންފޮޅުން ފަދަ މައްސަލަތައް ހުންނާތީ ކަމުގައި ޝަރޫން ބުންޏެވެ.

ނަޢީމާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހު ފަސްވަނަ ދުވަހުއެވެ. ޝަރޫން ރަށަށް އައިސްފައިވަނީ، ހަވަނަ ދުވަހުއެވެ.

ނަޢީމާގެ މަރުގެ ތުހުމަތާއި މެދު ޝަރޫންގެ ޖަވާބާއި އެމަރާއިމެދު އޭނާގެ ވާހަކަ:

“އިރާދަކުރެއްވިއްޔާ އެކަހަލަ އެއްވެސް ކަމެއްގަ ބައިވެރި ވެފައެއް ނޯންނާނެ! އަޅުގަނޑަށް ވަރަށް ބޮޑު ފުން ހިތާމައެއް ލިބުން، އަޅުގަނޑަށް އެކަން އެނގުނީވެސް، އެދުވަހު މަންމަމެން އަޅުގަނޑު މިބުނާ ރަށަށް އައި ދުވަހު، ބުރާސްފަތި ދުވަހު ރަށަށް އައީ، ހުކުރު ދުވަހު މަންމަމެން ކިޔާތީ، ނައީ މަންމަގެ ހަބަރެއް ނުވެގެންނޭ މިއުޅެނީ، އަމީރުބޭ (އަސްލުނަމެއް ނޫން) ދެންމެ ގުޅާފަ ބުނެފިއޭ ގެ ބަލާލަން ދާން ހިނގާބަލާށޭ…” ޝަރޫން ކިޔައިދިނެވެ.

ދެން ބައްޕަޔާ މަންމަޔާ، ރޯދަވީއްލާ އެއްޗިސްވެސް ހިފައިގެން އެގެއަށް ދިޔަކަމަށާއި، އަދި ގޮސް ގުޅާ ގުޅާވެސް ޚަބަރެއް ނުވި ކަމަށާއި، ކޮޓަރިން ފޯނު ރިންގުވާ އަޑުވެސް އިވޭކަމުގައި އޭނާގެ މައިންބަފައިނާ ޙަވާލާދީ ބުންޏެވެ. ދެން ފުލުހުންނަށް ގުޅައިގެން ދޮރު ވައްޓާލައިގެން ހުޅުވި އިރު ފެނުނީ ނަޢީމާ ބިންމަތީގައި މަރުވެފައި އޮއްވާ ކަމަށެވެ.

“ބައްޕަ ވަރަށް ބާރަށް ސައިކަލުގަ ދުއްވާފަ ގެއަށް އައިސް، އަޅުގަނޑު ކައިރީގަ ބުނީ ނައީ މަންމަ ނިޔާވެގެންނޭ މިއުޅެނީ، މަންމަ އެބައޮތޭ ގޭ ކައިރިއަށް ވެއްޓިފަ އެނބުރުން އަރައިގެން..، ތިމަންނަ ފުލުހުންނަށްވެސް ގުޅާފައޭ މިއައީ ދަރިފުޅާއޭ..، ބުނީމަ އަޅުގަނޑުވެސް ދެން އަވަހަށް ދިޔައީ، މަގުމަތިން ދިމާވި މީހަކާ އެކީ ސައިކަލުގަ، ގޮސް، ދިޔައިރު އޮތީ ފުލުހުން ގެ ބަންދުކޮށްފަ، އަޅުގަނޑަކަށް ގޭތެރެއަކަށް ނުވެއް ވަދެވެ…. މަގުމަތީ މަންމަ ވެއްޓިފަ އޮތް ތަން ފެނުނީމަ، މަންމަ ނަގައިގެން… ރަށު އެމްޕީ، ދުއްވަން އިން ކާރެއް ދިމާވީ، އެމްޕީއާ އެކީގަ އަޅުގަނޑު މަންމަ ގޮވައިގެން އައީ ގެއަށް… އައި ގޮތަކަށް އަޅުގަނޑު އެހިސާބަކަށް އެރޭ ނުވެއް ދަން، އަޅުގަނޑު ދައްތަ ގެއަށް ނޫނީ……، އެގެއަށް އަޅުގަނޑު ދިޔައިން ދައްތަގެ ޙާލު ބަލަން…….” ޝަރޫން ބުންޏެވެ.

ހޮސްޕިޓަލުގައި އުޅޭ މީހެއްގެ ފުށުން ރަށުތެރެއަށް އާއްމުވެގެން އުޅޭ ވާހަކައެއްކަމަށް ބުނެ، އެވާހަކައާއި ޙަވާލާދެމުން، ޝަރޫން ރަށަށްވެސް އައިސްފައިވަނީ ނަޢީމާގެ މަރުގެ ވަގުތުކަމަށް އެމީހުން ބުނާ ވަގުތަށްވުރެ ފަހުން ކަމަށާއި،  ޝަރޫން އައީ ބުރާސްފަތި ދުވަހު ކަމަށް ވާއިރު، މަރުވިކަމަށް ބުނެފައިވަނީ ބުދަ ދުވަހު ކަމަށެވެ. އެހެންކަމުންނާއި އެކު، ޝަރޫންގެ ބޮލުގައި މިމަރުގެ ތުހުމަތު ނޭޅުވޭނެ ކަމުގެ %100 ޔަޤީންކަން އެބަ އޮތް ކަމަށާއި، އަދި އެފަދަ ކަމެއްގައި އޭނާ ބައިވެރިވެސް ނުވާކަމަށް އޭނާ ބުނެއެވެ.

ނަޢީމާގެ މައްޗަށް ޝަރޫން ސިހުރުގެ ތުހުމަތު ކުރޭތަ؟

މިކަމާއި ގުޅިގެން ޝަރޫން ބުނީ އެއްވެސް އިރަކު އެފަދަ ތުހުމަތެއް އޭނާ ނުކުރާކަމަށާއި، ނަޢީމާއަށް ސިހުރު ހަދަން އެނގޭނެކަމަށްވެސް އޭނާ ޤަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ ޝަރޫން އޭނާ ކައިރީ އެތައް ދުވަހަކު އުޅުނު އިރުވެސް އެފަދަ ކަމަކަށް ތުހުމަތުވާ ފަދަ އެއްވެސް އަމަލެއްވެސް ފެނިފައި ނުވާތީ ކަމުގައިވެސް އޭނާ ބުނެޏެވެ.

“ނޫން ނޯންނާނެ، ދުވަހަކުވެސް ނުކުރަން، އަޅުގަނޑު ގަބޫލެއްވެސް ނުކުރަން އެކަހަލަ ކަމެއް ކުރަން އެނގޭނެ ކަމަކަށެއްވެސް، އެއީ އަޅުގަނޑާ އެކީގަ އުޅެ، އަޅުގަނޑު ކިޔެވީވެސް އޭނަ ކައިރީގަ ހުރެގެން މާލޭގަ. އަޅުގަނޑަކަށް ނުފެނެ އެކަހަލަ މަންޒަރެއް. އެކަހަލަ އެއްވެސް ވާހަކައެއް އަޅުގަނޑު ދައްކާފައެއް ނޯންނާނެ، އެއީ ހަމަ ރޯ ދޮގެއް، އެއީ ހަމަ ހަދަހަދައިގެން ދެކެވޭ ވާހަކަ، އެމަރާ ގުޅިގެން އަޅުގަނޑު އެއްވެއް މީހަކާ އެއްވެސް ވާހަކައެއް، އަޅުގަނޑު އެއްވެސް މީހަކާ ބައްދަލު ކޮށްފައެއް ނޯންނާނެ، އަޅުގަނޑު މިބުނާ ދުވަހު ރަށަށް އައީ….،” ޝަރޫން ކިޔައިދިނެވެ.

ނަޢީމާގެ ކަށު ނަމާދަށް ޝަރޫން ނުދިޔައީ ކީއްވެ؟

އެދުވަހު ކަންހިނގާ ދިޔަގޮތް ކިޔައިދެމުން ޝަރޫން ބުނީ، “މޫނު ބަލަން އަޅުގަނޑު ދިޔައިން، ގާތްގަނޑަކަށް 9 ޖެހިއިރު އަޅުގަނޑު ދިޔައިން، ގާތްގަނޑަކަށް އެދުވަހު ހަވީރު 4 ޖަހަންދެން އަޅުގަނޑު އެތާނގަ އުޅުނިން، ދެން އެކަމަކު މޫނު ފެނުން އިރު މީހާ އޮތް ގޮތުންނާ، އަޅުގަނޑު އެހާ ކްލޯޒް މީހެއް އަޅުގަނޑަށް އެގޮތަށް ފެނުނީމަ، އަޅުގަނޑު އެނބުރުން އަރައިގެން އަޅުގަނޑު އައީ ބައްޕަޔާ އެކީގަ ގެޔަށް، އައިއްސަ ދެން އަޅުގަނޑަށް ކަންދިމާކުރިގޮތުން ކަށުނަމާދުގަ ބައިވެރިއެއް ނުވެވުން. އެކަމަކު އެހެން ހުރިހާ ކަމެއްގަ އަޅުގަނޑު ހަމަ ފުރިހަމައަށް އެއްބާރުލުން ދީފަ ހުންނާނީ، ފުލުހުންނަށްވެސް …..، އެކަމު މިވެނި އެވެނި (ނޫސްތަކުގެ ނަންތައް އުނިކޮށްފައި) ތަންތަނުގަ ޙަޤީޤަތް ނުބަލާ އެގޮތަށް ވާހަކަ ދެއްކާފަ އޮތީމަ ވަރަށް ދެރަވޭ އަސްލު.”

ތުހުމަތު ތަކާއި ގުޅިގެން ފުލުހުން ޝަރޫނާއި މެދު ޢަމަލުކުރިގޮތް:

ޝަރޫން ބުނިގޮތުގައި ނަޢީމާގެ މަރުގެ ތުހުމަތުގައި ފުލުހުންގެ ފަރާތުން އޭނާގެ މައްޗަށް އެއްވެސް ޤާނޫނީ އިންޒާރެއްވެސް ދީފައެއް ނުވެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކޮށްގެން އެއްވެސް ތަޙުޤީޤީ ސުވާލެއްވެސް ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި ޢާއިލާގެ އެންމެންނާ، އެހިސާބުގައި އުޅުނު އެންމެންގެ ސާމްޕަލް ނެގި ދުވަހު އޭނާގެ ސާމްޕަލްވެސް އެއުސޫލުން ނެގި ކަމަށާއި، ނެގީ އިނގިލީގެ ނިޝާނާއި ފައިގެ ނިޝާނެވެ.

ރައްޔިތުންނަށް ޝަރޫނުގެ މެސެޖެއް:

ޝަރޫނު އެދެނީ ރަށުތެރޭގައި ބުހުތާނު ދޮގު ވާހަކަތައް ނުފެތުރުމަށެވެ. ހަދަހަދައިގެން ދެކެވޭ ވާހަކަތަކުން ރައްޔިތުންގެ މެދުގައި އުފެދެނީ ފިތުނަ ކަމަށެވެ. “ހަދަހަދައިގެން ދެކެވޭ ވާހަކަތަކުން ރައްޔިތުންގެ މެދުގަ ފިތުނަ އުފެދޭތީވެ، ފުލުހުން ބަލަމުން ތަހުގީގު ކުރަމުންދާ މައްސަލައެއް، ފުލުހުންގެ ފަރާތުން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވޭ… އަނެއްކާ އަޅުގަނޑަކީ އެކަން ހިނގުމުގެ ކުރިން އެހިސާބަށް ގޮސް އުޅުން މީހެއްނޫން، އެގެއާ ހިސާބަށް ގޮސް އުޅުން މީހެއްވެސް ނޫން، އަޅުގަނޑު އުޅުނީ ގިނައިން ރަށުން ބޭރުގަ، އަޅުގަނޑަށް ރަށަށް އާދެވުނީވެސް،… ހުކުރުދުވަހު ހަވީރުތާ ފެނުނީ، ބުރާސްފަތި ދުވަހު ހެނދުނު ފެރީން އަޅުގަނޑަށް ރަށަށް އާދެވުނީ.. ހޮސްޕިޓަލްގަ އުޅޭ ފަރާތަކުން ދިން މަޢުލޫމާތެއް ކަމަށް ރަށުތެރޭން އަޅުގަނޑަށް ލިބުނު މަޢުލޫމާތެއް އެއީ، ނިޔާވެފަ އޮތީ މީގެ ދެދުވަހެއްވަރު ކުރިންނޭ، އޭގެ މާނައަކީ ބުދަދުވަހުއޭ ނިޔާވެފަ އޮތީ، އެހެންވީމަ އަޅުގަނޑުގެ މައްޗަށް އެކަން އެޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ.! އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަމުން ބަރީޢަވެގެންވަން. ﷲ އެކަން ދެނެވޮޑިގެންވާނެ!” އަސަރާއި އެކު ޝަރޫން ހިއްސާ ކުރިއެވެ.

ތެދު ވާހަކަތަކެއްބާ؟

މިބަލައިލެވުނީ އެންމެ ފަހުން ނަޢީމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވުނު ފަރާތުގެ ޖަވާބު ތަކާއި އޭނާ ހިއްސާކުރި ވާހަކަތަކަށެވެ. ޙަޤީޤަތަކީ، ނަޢީމާގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތަޙުގީގީ ޓީމުގެ ފަރާތުން، މަރުގެ ހަގީގަތާއިމެދު އަދި ވަކި އެއްޗެއް ނުބުނާކަމާއި، ތަހުގީގީ ރިޕޯޓެއްވެސް އަދި ޢާއްމުކޮށްފައި ނުވާކަމެވެ. ވީއިރު ނަޢީމާގެ މަރުގެ ވަގުތު ލޮލުން ދުށް ކަމަށް އެއްވެސް މީހެއްގެ ބަހެއްވެސް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އަމިއްލަ ބުއްދިން ގޮތް ނިންމައި، ނުވަތަ ހީވާހާ ގޮތްތަކަށް އެކަމާއި މެދު ދައްކާ އެއްވެސް ވާހަކައަކީ އެއްވެސް ބުރަދަނެއް ނެތް ހޮޅި ވާހަކަތައް ކަމެވެ. މިފަދަ ވާހަކައިގައި ގިނަވާނީ ނުބައި ހީތަކާއި ފިތުނައެވެ. ޙަސަދަ ފިލުވާލުމާއި ބޭކާރު ވާހަކަތަކެވެ. އަދި ހަމަ އެހެންމެ ތުހުމަތު ވެވުނު ފަރާތުން ޖަވާބުގައި ބުނި ވާހަކަތަކަކީ ދޮގު ކަމުގައިވާނަމަ އާޚިރުގައި ޙަޤީޤަތް ފާޅުވާ ހިނދު އޭނާގެ ފަލީހަތް އޭނާ އެލިބިގަތީ އޭނާ އަމިއްލައަށެވެ. އަދި އެއީ ތެދު ކަމުގައިވާނަމަ، އެތައްބަޔަކު އެ ބޮލު އެޅީ އޭނާގެ އަބުރުގެ ޒިންމާއެވެ. އޭނާގެ މައްޗަށް އެވެވުނީ ބޮޑު އަނިޔާއެކެވެ. ވީއިރު މިފަދަ ސީރިއަސް މައްސަލަތަކުގައި، ޙަޤީޤީ ތުހުމަތެއް ނަމަ، އެކަމެއް ކަމާބެހޭ ފަރާތައް ހުށަހެޅުމުން ފުދުނީއެވެ. ނޫންނަމަ ކަމާބެހޭ ފަރާތްތަކުން ކުރާ ތަހުޤީޤަށްވެސް އެޅިގެންދާނީ ހުރަސްތަކެކެވެ.

ޔޯލަ ވާހަކަތަކާއި، ގުޅުމެއް ނެތް ތުހުމަތުތައް ސަޅިއެއް ނޫން! ހުއްޓާލަން ޖެހޭ!

ހިނގަމުންދާ ކަންކަމުން ފެންނަމުމް މިދަނީ މުޖުތަމަޢުގެ އިޖްތިމާޢި ފޭރާން ވީދިފައިވާ މިންވަރެވެ. ދިވެހީންގެ ގިނަބައެއްގެ ޙާލަތު މިވަގުތު ހުރި ހިސާބެވެ. އެއްވެސް އަސްލަކާއި ނުލާވެސް މީހުން ނޮޅާކާލާތަނެވެ. ކިތަންމެ ބޮޑު ކަމަކާ ގުޅުވައިގެން ވިޔަސް ނަމަވެސް ތިމާ ރުޅިއަރާ މީހުންގެ ދުވަސް ދުއްވާލަން މަސައްކަތް ކުރާ ގޮތްތަކެވެ. ބައެއް ފަހަރު މިކަހަލަ ވާހަކަތައް ފަތުރާލަނީ، ކަމަކާއި ގުޅިގެން އެކަމެއްގައި ހިމެނޭ ކޮންމެވެސް ގުޅޭ ކަމަކާއި ގުޅުވާލާފައެވެ. ކިތައްމެ ބޮޑު ދޮގެއްވެސް ފަތުރާލަނީ ދޮގެކޭ ހީވެސް ނުވާހާވަރަށް، ޤަބޫލު ކުރަން ނުލާހިކު ފަސޭހަވާނެ ގޮތަށެވެ. މިސާލެއްގެ ގޮތުން ބަލާނަމަ، ނަޢީމާގެ މަރާއި ގުޅިގެން، ނަޢީމާގެ މައްޗަށް ސިހުރުގެ ތުހުމަތު ކުރާ ވާހަކަ ދައްކާތީ، ބައެއް ޚަބަރު ތަކުގެ ކޮމެންޓުގައި، އެހެން މީހުންގެ ބޮލުގައި ސިހުރުގެ ތުހުމަތު އަޅުވަންވެސް މީހުންދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނަޢީމާގެ މަރާއި އެއްވެސް ގުޅުމެއް އެމީހުނާއި ނެތްއިރުވެސް މެއެވެ. ޙަޤީޤަތުގައި އެފަދައިންވެސް ކަން ކުރަމުން ދަނީ އެފަދަ ތުހުމަތުތައް މީހުންލައްވާ ޤަބޫލުކުރުވާ، އެފަދައިން އެމީހުން ލޭބަލް ކުރަން ބޭނުންވެގެން އުޅޭ އެފަދަ މީހުނާއި ހަސަދަވެރި، ވާދަވެރިންކަމެވެ. އެފަދަ މީހުން ބޭނުން ކުރާ ދޮގުގެ ބާވަތަކީ “ކޮންވިންސިން ލައި” އޭ ކިޔާ ޒާތުގެ ދޮގުތަކެވެ. ކަން ހިނގަމުން އަންނަނީ މިބީދައިންނެވެ.

ކޮންމެއަކަސް ޔޯލަ ވާހަކަތަކުން އުފެދެމުން ދަނީ ފިތުނައެވެ. ޚާއްސަކޮށް އަނިޔާވެރި މަރެއްގެ ސަބަބުން، އެތަނެއްގައި ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅުތަކުގައި އެކި މީޙުންގެ މައްޗަށް ހިތުހުރި ގޮތަކަށް ތުހުމަތުކޮށް، ވާހަކަތައް ފެތުރުމުން، އިތުރު ބިރުވެރިކަން އުފެދެއެވެ. ދެމިގެންދާ ފިތުނައާއި، ބާކީ ކުރުމާއި ބިރުތައް ފެތުރިގެން ދެއެވެ. ތުހުމަތު ރައްދުވާ ފަރާތް އެތައް އަނިޔާއަކާއި ކުރިމަތިލާން ޖެހެއެވެ. އެމީހެއްގެ ދިރިއުޅުމުގެ ކުރިމަގާއި އެމީހެއްގެ އަބުރު ޚަރާބުވެގެން ދެއެވެ. އެތައް ދުވަހަކު މުޖުތަމަޢުގައި އެމީހަކު އުޅެން ޖެހެނީ މާޔޫސްކަމާއި، ހިތާމައާއި އެކު ބާކީވެ ބިކަވެފައިވާ މީހެއްގެ ގޮތުގައެވެ. ވީއިރު މިއީ މުޖުތަމައުން މިއަދު ފޮހެލަން ޖެހިފައިވާ ބޮޑުވެފައިވާ ވަބާއެކެވެ. މަދަމާ ޚުދު ތިމާ ނުވަތަ ތިމާގެ ޢާއިލާގެ މީހަކު މިފަދަ ކަމަކާ ކުރިމަތިލާން ޖެހިއްޖެނަމަ ތިމާއާއި ތިމާގެ ޢާއިލާގެ ޙާލަތާއިމެދު ވިސްނާލުން މުހިންމެވެ.

ކިހާވަރެއްގެ ކަމެއްބާ؟

ޔޯލަ ވާހަކަތައް ފަތުރައި، މީހުންގެ މައްޗަށް އެކި ޒާތުގެ ތުހުމަތުކޮށް މީހުން ނޮޅާ ކާލުމަކީ، އިޖްތިމާޢީ ގޮތުންވެސް ބޮޑު ޖަރީމާއެކެވެ. އަދި އެއީ ދީނީ ގޮތުން ބެލިޔަސް އެތައް ފާފައެއް އެކުލެވޭ ކަމެކެވެ. ދޮގު ވާހަކައެއް ނަމަ، ބުހުތާނު ހެދުމުގެ ފާފަޔާއި، އެކަން ރައްދުވާ ފަރާތުގެ ޙައްޤަށް އަރައިގަތުމުގެ ފާފައެވެ. އަބުރު ނަގާލުމުގެ ފާފައެވެ. ނެތި މޮށުމާއި ޣީބައިގެ ފާފައެވެ. ދެބައުޑުވުމުގެ ނުބައި ފާފައެވެ. މިކަން މިހެން އޮތްއިރު އެންމެ ހިތާމަވެރި ކަމަކީ، އަސްލު އެވާހަކައެއް ފުރަތަމަ ދެއްކި މީހާގެ އިތުރުން، އެވާހަކަ އިވިގެން ދައްކާ މީހާވެސް ދޮގުވެރިއެއްގެ ގޮތުގައި އިސްލާމްދީން ބަޔާން ކުރައްވާފައިވުމެވެ. ހަނދާނަށް އަންނަނީ ޚުތުބާއެއްގައި ގެނެސްދީފައިވާ ޞަޙީޙް މުސްލިމްގެ ރިވާޔަތެކެވެ. ((بِحَسْبِ الْمَرْءِ مِنَ الْكَذِبِ أَنْ يُحَدِّثَ بِكُلِّ مَا سَمِعَ))  (صحيح مسلم ، باب النَّهْىِ عَنِ الْحَدِيثِ، بِكُلِّ مَا سَمِعَ ‏)  މާނައި: “މީހަކު އޭނާއަށް އަޑުއިވޭހާ ވާހަކައެއް ދެއްކުން، އެއީ ދޮގެއް ކަމުގައި ވުމަށް ފުދެއެވެ.”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 6 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.