
މައުމޫން އެނބުރި ވަޑައިގަތުމަށް ރައީސް ޔާމީން އިލްތިމާސްކުރައްވައިފި
ރައްޖޭގެ ކުރީގެ ރައިސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރާ އެކުވެ އެނބުރި ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންފި އެވެ.
މައުމޫން އެނބުރި ސަރުކާރާ ގުޅިވަޑައިގަތުމަށް އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް ޔާމީން އިލްތިމާސްކޮށްފައިވަނީ ރޭ ކާނިވާ ސަރަހައްދުގައި “އަސްލު” ނަމުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ އެންމެ ޝަރަފްވެރި މެމްބަރަކީ ޕާޓީގެ ރައީސް ކަމަށާއި އަދި ރައީސްގެ ވިސްނުންފުޅު އޮންނާނީ ޕާޓީގެ ކުރިމަގާ ދޭތެރޭގައި ކަމަށެވެ.
ޕީޕީއެމްގެ ކުރިއެރުމަށް ރައީސް މައުމޫންގެ އިރުޝާދު މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ޕާޓީ ހިންގެވުމުގައި މައުމުން އަކީ ވަރަށް މުހިންމު ފަރާތެއްކަމަށެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި އެންމެ ފުރަތަމަ މައްސަލަ ޖެހެން ފެށީ މިއަހަރުގެ އަޟްހާ އީދުގެ ތެރޭގައި ކަމަށާއި އެމައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ޕާޓީގެ ކައުންސިލުން ކުރައްވާފައިވީ ނަމަވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.
އެހެންކަމުން ކޯޓަށް އެ މައްސަލަ ހުށަހެޅީ ކަމަށާއި ނަމަވެސް އެއީ ވަކި ޝަޚްސަކާ ދެކޮޅަށް ހުށައެޅި މައްސަލައެއް ނޫން ކަމަށެވެ.
އެ މައްސަލަ ހުށަހެޅީ ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރުމުގެ މަގްސަދުގައި ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަމާއެކު މިއަދު އެންމެ މުހިންމުކޮށް ކުރަންވިކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށާއި އަދި އެޕާޓީގެ އަޒުމަކީ ރައްޔިތުންގެ ޕާޓީއަކަށް ވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޕީޕީއެމަކީ ވަކި މީހެއްގެ ފަހަތުގައި އޮންނާނެ ޕާޓީއެއް ނޫންކަމަށާއި ޕާޓީ ހިނގަންޖެހޭނީ ވަކިއުސޫލެއްގެ ދަށުންކަމަށެވެ. ޖަލްސާގައި އެމަނިކުފާނުވަނީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިޔަ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުންނަށާއި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫނަށްވެސް ތަކުރާރުކޮށް ޕާޓީގެ ވިސްނުމާއި ސަރުކާރާ އެކު އެނބުރި ވަޑައިގަތުމަށް އިލްތިމާސްކުރައްވަވާފައެވެ.
ރައީސް މައުމޫން، ޕީޕީއެމްގެ މި ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދެވީ މި ސަރުކާރުން ކުރަމުންދާ ނޭދެވޭ ކަންތައްތަކުގެ ބަދުނާމު އެމަނިކުފާނު ބޮލުގައި އެޅެން ބޭނުންފުޅު ނުވާކަމަށް ވިދާޅުވެއެވެ.